މިހާރު ރާއްޖެއިން ކޮވިޑު ކޭސްތަށް ފެންނަމުންދާ މިންވަރަށް ބަލާއިރު ކޮވިޑުގެ ޕީކެއް ނޫނީ ކޮވިޑު ކޭސްތައް ފެންނަލެއް އިތުރަށް ގިނަ ވެދާނެކަމަށް ނުބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މީގެ ކުރިއާ އަޅައިބަލާއިރު ކޮވިޑު ކޭސްތައް ފެންނަ މިންވަރު ވަރަށް މަދު ކަމަށެވެ. މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ހުންނަނީ އާންމުކޮށް ދުވާލަކު 25 އިން ދަށުގައި ކަމަށާއި އެހެންކަމުން ކޭސްތައް ދެން އިތުރުވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ކޭސްތައް އިތުރުވެދާނެ ކަމަށް ލަފާކުރަނީ ދުވާލަކު ޕޮޒިޓިވް ވާ އަދަދަށް ބަލާފައި ކަމަށެވެ.

ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވި ނަމަވެސް މީހާރު ދީފައިވާ ލުއިތަކުގެ އިތުރުން އެހެން ލުއިތަކެއް ދެވެން އަދި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން އެކަމަށް ރައްކާތެރިވުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ. އެގޮތަށް އިލްތިމާސްކުރެއްވީ މި ދުވަސްވަރު އިންފުލެއެންޒާ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައިވާތީ އެވެ.

މީގެ އިތުރުން އާބާދީގެ 90 ޕަސެންޓަށް ދެ ޑޯޒު ވެކްސިން ޖެހުމުގެ އަމާޒު ހަސީލުވުމުން ތިން ވަނަ ޑޯޒު ނޫނީ ބޫސްޓާ ޑޯޒު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ޑރ. ވިދާޅުވި އެވެ. ބޫސްޓާ ޑޯޒު ޖަހަނީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން އެގޮތަށް އިރުޝާދު ދީފައި ވުމުންނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން އެވެ.

ރާއްޖޭގައި މިހާތަނަށް 601 މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހައިފަ އެވެ.