ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު ނޫނީ ބޫސްޓާ ޑޯޒު 601 މީހަކު ޖަހައިފި ކަމަށް ހެލްތު ފްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބޫސްޓާ ޑޯޒު އެޗްޕީއޭއިން ޖަހަން ފަށާފައި ވަނީ މި މަހުގެ ހަތަރަކުން ފެށިގެން ކަމަށެވެ. އެއީ 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަނި ކަމަށެވެ. މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 601 މީހުނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ އަމާޒަކީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ މީހުން ދެޑޯޒު ފުރިހަމަ ކުރުވުން ކަމަށެވެ. އެކަން ހާސިލު ވުމުން ބޫސްޓާ ޑޯޒު މުޅި އާބާދީއަށް ޖެހުމަށް ވިސްނާނެ ކަމަށެވެ. އަދި ވިދާޅުވީ ޑަބްލިއުއެޗްއޯއިން ދީފައިވާ އިރުޝާދަކީ އެ ގައުމަކުން ދެ ޑޯޒް ފުރިހަމަ ކުރުމަށް އިސްކަން ދިނުން ކަމަށާއި ގައުމުގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރުމުން، ހުރިހާ މީހުންނަށް ބޫސްޓާ ޑޯޒް ދިނުން ކަމަށެވެ.

ބޫސްޓާ ޑޯޒު ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ބޫސްޓާ ޑޯޒު ޖެހެން ހުންނާނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ބޫސްޓާ ޑޯޒު ޖެހެން ހުންނާނެ އެވެ.