ކުޅިވަރު

ލޮސް އެންޖަލިސް 2028ގެ އޮލިމްޕިކްސް އަށް ރާއްޖޭގެ ބީޗު ވޮލީބޯޅަ ޓީމެއް ފައްކާ ކުރަނީ

މުޙައްމަދު ޝަމްޢޫން

ލޮސް އެންޖަލިސް ގައި 2028 ވަނަ ބާއްވަން ނިންމާފައިވާ އޮލިމްޕިކްސްއަށް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމެއް ތައްޔާރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ފެށިފައިވާ ކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރަނޭ ފާހަގަކުރެއްވީ ބީޗް ވޮލީބޯޅަ ފެޑަރޭޝަންގެ ރައީސް އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ކުރިއަށް ބޮޑެތި ކަންތައްތަކެއް ނިންމިފައިވާ ކަމަށެވެ. އަދި އެ ކަންކަމަކީ މުޅި ރާއްޖެއަށް ކުރެވޭނެ ބޮޑެތި ކަންތައްތަކެއް ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ކަމަށްވާ ވޮލީބޯޅައިގެ ރައީސް، ރާއްޖެއަށް ޒިޔާރަތް ކުރުމަކީ އާދައިގެ ކަމެއް ނޫން. އެއީ ލިބުނު ވަރަށް ބޮޑު ފަހުރެއް. މުޅި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެބޭފުޅާ އާއި ދޭތެރޭ ދެކެވުނު ވާހަކައިގައި ފާހަގަކުރެއްވި މިއީ ހަމައެކަނި ވޮލީ ބޯޅައަށް ކަމެއް ކޮށްދޭން ކުރައްވާ މަސައްކަތެއް ނޫން ކަމަށް، މުޅި ދިވެހި ގައުމަށް ކަމެއް ކޮށްދޭން ކުރައްވާނެ މަސައްކަތެއްކަން،" ރަނޭ ވިދާޅުވިއެވެ.

ރަނޭ ރޭގެ ޕްރޮގްރާމްގައި ފާހަގަކުރެއްވީ އެސޯސިއޭޝަނާ ހަވާލުވެވަޑައިގެން ދެވަނަ މަހުގެ ތެރޭގައި ރާއްޖޭގެ ވޮލީ ޕްލޭން އިންޓަނޭޝަނަލް ފެޑަރޭޝަނަށް އެފްއައިވީބީއަށް ޒޫމް މީޓިންއަކުން ހިއްސާ ކުރެވުނު ކަމަށާއި، އޭރު ފުރަތަމަ ޕްލޭން ހިއްސާ ކުރީ ޓެކްނިކަލް ކޮމިޓީއާ ކަމަށެވެ. އޭގެ ފަހުން ދެން އައީ ވަރަށް އުފާވެރި އީމެއިލްއެއް ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ. އެއީ ފެޑަރޭޝަންގެ ޑިރެކްޓާ ޖެނެރަލް ފަބިއޯ އަޒަވޭޑޯ ބައްދަލުކުރަން ބޭނުންވެ، އެކަމަށް ދައުވަތާއެކު އެކު އައި އީމެއިލް ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ.

"އެ ދައުވަތާއެކު ފަބިއޯއާ ބައްދަލުކޮށް ދެކެވުނު ވާހަކައިގައި ފަބިއޯ ފާހަގަކޮށްފައި ވަނީ އޭނާގެ ކެރިއަރުގައި ހޭދަވި 30 އަހަރުގައިވެސް ކުޑަ ގައުމަކުން އެފަދަ ޕްލޭނެއް ގެނައި ފުރަތަމަ ފަހަރު ކަމަށް އެއީ. އެހިސާބުން މުޅި އެފްއައިވީބީ އޮންބޯޑު ވި ރާއްޖޭގެ ވޮލީގެ ކުރިމަގަށް،" ރަނޭ ވިދާޅުވިއެވެ.

އެ މަސައްކަތްތަކާއެކު ބީޗް ވޮލީބޯޅައިގެ ރައީސް ގްރާސާ ރާއްޖެއަށް ވަޑައިގަތުން އެތައް ކަމެއް ފަހިވި ކަމަށް ފާހަގަކޮށް ރަނޭ ވަނީ އެކަންކަމުގެ ތަފްސީލީ ވާހަކަތައްވެސް ބަޔާން ކުރައްްވާފައެވެ.

"ދުނިޔޭގެ އެންމެ ބޮޑު ހަތް ކޯޗުންގެ ތެރެއިން އެއް ކޯޗަކު ދެ އަހަރު ދުވަހަށް ރާއްޖޭގައި މަސައްކަތް ކުރަން ވަނީ އެއްބަސްވުމަކަށް އައިސްފައި. އެހެން ނަމަވެސް އެއީ ދެ އަހަރު އެކަނި އެއްބަސްވުމެއް ނޫން ހަގީގަތުގައި، އަޅުގަނޑުމެންގެ ޓާގެޓް ހުރީ އެލްއޭ 2028 އަށް. އެ އޮލިމްޕިކްސްއަށް ބީޗު ވޮލީބޯޅަ ޓީމެއް ރާއްޖެއިން ގެންދިޔުމަށް. މިކަން ކުރަމުން ގެންދާނީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކްސް ކޮމިޓީއާއި އިންޓަނޭޝަނަލް ފެޑަރޭޝަނާވެސް ގުޅިގެން،" ރަނޭ ވިދާޅުވިއެވެ.

ރަނޭ ފާހަގަކުރެއްވީ އޮލިމްޕިކްސް އަށް ޓީމެއް ދާއިރު، އެގައުމެއްގައި އެ ކުޅިވަރެއް ތަމްސީލުކުރާ ގޮތަށް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށާއި، އޭގެ ތެރެއިން ވިސްނުން ހުރީ ރާއްޖޭގައި ބީޗު ވޮލީބޯޅައިގެ ގިނަ ކަންތައްތަކެއް އިތުރަށް ހާސިލު ކުރަން ކަމަށެވެ. އެގޮތުން ފެޑަރޭޝަންގެ ރައީސް ގްރާސާ އާއި އޮލިމްޕިކްސް ކޮމިޓީއާވެސް ބައްދަލުވި ކަމަށާއި، ކޮމެޓީގެ ފަރާތުން ރައީސް މުހައްމަދު އަބްދުލް ސައްތާރު ދެއްވި ޖަވާބަށްވެސް ގްރާސާ ވަރަށް ބޮޑަށް ހިތްހަމަ ޖެހި ވަޑައިގެން ކަމަށްވެސް ރަނޭގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ބީޗު ވޮލީބޯޅަ ވޯލްޑް ޓުއާ މުބާރާތެއް ރާއްޖެއަށް

ބީޗް ވޮލީބޯޅަ ފެޑަރޭޝަންގެ ރައީސް ގްރާސާ ރާއްޖެ ވަޑައިގެން އެމްއެމްޕީއާރްސީއާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުންތަކުގެ ތެރެއިން ރާއްޖެއާއި ބީޗު ވޮލީބޯޅައާ އޮންނަ ގުޅުން ވަރަށް ބޮޑަށް ފާހަގަވި ކަމަށް ވީއޭއެމްގެ ރައީސް ރަނޭ ވިދާޅުވިއެވެ. ބީޗު ވޮލީބޯޅައިން ރާއްޖޭގެ ގޮނޑުދޮށްތައް އިޝްތިހާރު ކުރުމުގެ ހާއްސަ ވާހަކަތަކެއް ރަނޭ ފާހަގަކުރައްވާފައިވާއިރު، ރަނޭ ވިދާޅުވީ ފެޑަރޭޝަންގައި އޮންނަ ބީޗު ވޮލީބޯޅައިގެ ކޮންސެޕްޓާ ރާއްޖެ ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ.

ހާއްސަކޮށް އެތައް ސަތޭކަ ބީޗެއް މިތަނުގައި އޮތުމާއެކު، އެފްއައިވީބީގެ ހިޔާލަކީ ކޮންމެ ކަހަލަ ބީޗެއްގައިވެސް ކޯޓެއް އަޅައި، ޑިިޖިޓަލް މީޑިއާއިން އެ ފެންނަ ގޮތް ހެދުން ކަމަށް ރަނޭ ފާހަގަކުރިއެވެ. އެހެން ކަމުން އެހެން ބައިނަލްއަގުވާމީ މުބާރާތްތަކާ ހިލާފަށް ބީޗު ވޮލީބޯޅައަށް ސިޑިބަރިތަކާއި ގޮނޑިބަރިތައް ހަދައި، ބޮޑެތި އިމާރާތް ކުރަން ނުޖެހޭނެ ކަމަށްވެސް ރަނޭ ފާހަގަކުރެއްވިއެވެ.

"މި ދައްކަނީ އާދައިގެން އިވެންޓެއް ގެންނަ ވާހަކައެއް ނޫން. ޓެނިހަށް ވިސްނައިފިނަމަ މި ދައްކަނީ އޭޓީޕީގެ ވާހަކަ. މި ދައްކަނީ ބީޗް ވޮލީބޯޅަ ޕްރޯ ޓޫއާގެ އެއް ސެގްމެންޓް ރާއްޖެ ގެންނަ ވާހަކަ. މިކަމުގައި އެމްއެމްޕީއާރްސީގެ ތައްޔިބުވެސް ދެއްކެވީ ވަރަށް އުޖާލާ ވާހަކަތަކެއް. އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެ މުބާރާތް ގެންނަން މަގުފަހި ވެގެން އެބަދޭ. އެ މުބާރާތާއެކު ރާއްޖޭގެ ކުޅުންތެރިންނަށް އެ ލިބެނީ ވައިލްޑްކާޑް ޕްލެޓްފޯމެއް ބައިނަލްއަގުވާމީ މުބާރާތަކަށް،" ރަނޭ ފާހަގަކުރެއްވިއެވެ.

ރަނޭ ފާހަގަ ކުރައްވާފައިވާ ގޮތުގައި އެލްއޭ 2028 އަށް ގައުމީ ބީޗްވޮލީ ގެންދިޔުމަށް ވާދަވެރި މެޗުތަކަކާއި މުބާރާތްތަކެއް ކުޅުންތެރިންނަށް ބޭނުންވާނެއެވެ. އެހެންކަމުން މިފަދަ ގޮތަކަށް ކޮލިފިކޭޝަންތަކެއް ނުކުޅެ، ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރަން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ ފުރުސަތަކީ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.