ޚަބަރު

100 ކިލޯގެ ޑުރަގު މައްސަލަ: ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފު ނުކުރާން ނިންމައިފި

ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ނަމަވެސް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރާން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނެވެ.

އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ އިރު، އެ އޮފީހުން މިއަދު ބުނީ އެ މީހުން ދޫކޮށްލުމަށް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ ދެ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެއް ސަބަބަކީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ އާއި ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ކަމަށް ނުފެނުން ކަމަށެވެ. ދެވަނަ ސަބަބަކީ އެ ދެމީހުންގެ މައްޗަށް އިތުރު ހެކި ގަރީނާ ހޯދިއްޖެ ނަމަ ހައްޔަރުކުރުމުގެ އާ އަމުރަކަށް އެދި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތުން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނީ ހައްޔަރުގައި މިވަގުތު ތިބި އަށް މީހުންގެ ތެރެއިން ނ. ވެލިދޫ/ ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި/ ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ/ ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރީ 10 ދުވަހުގެ މުއްދަތަށް ކަމަށެވެ.

ހދ. ކުމުންދޫ/ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ/ ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް/ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް/ ޑީއެމް މޮބިން (24އ) ބަނދުކުރަން އަމުރު ކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަށެވެ. އަދި ގއ. ދެއްވަދޫ/ ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެ އާއި މާލެ އަދި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައެވެ.