ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ހޯމް މިނިސްޓަރަށް މިހާރު ހަވާލު ކުރެވިފައިވާ މަސައްކަތަކީ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ އިއްޔެއިން ފެށިގެން ވަކިކޮށްފައިވާތީ، އެއީ ހޯމް މިނިސްޓަރަށް އޮތް ގާނޫނީ ޒިންމާ އަދާކުރުމަށް ވުރެން ބަލިކަށި ވެގެން ދިއުން ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެއްކެވި ވާހަތަކާ ގުޅިގެންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ކުރިން އަމަލު ކުރަމުން އައި 5/2008 ފުލުހުންގެ ގާނޫނުގައި، މޯލްޑިވްސް ޕޮލިސް ސާވިސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއްގެ ދަށުން ކަމަށް އޮތް ނަމަވެސް 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު އަަމަލު ކުރަމުން އަންނަ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި، ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނޭ ވަޒީރަކު ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ގާނޫނުގެ 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާގައި ވަޒީރުގެ މަސްއޫލިއްޔަތުތައް ވަރަށް ތަފްސީލުކޮށް ލިޔެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުން ވަޒީރަށް ހަވާލު ކުރެވިފައިވާ މަސައްކަތްތަކީ ސިޔާސަތު ކަނަޑައެޅުމުގެ މަސައްކަތް ކަމަށެވެ.

ގާނޫނުގެ 68 ވަނަ މާއްދާގައި ވަޒީރުގެ ދައުރު ކަނޑައަޅާފައިވާއިރު، ވަޒީރުގެ މަސްއޫލިއްޔަތުތައް އެ ގާނޫނުގެ 69 ވަނަ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.