ޚަބަރު

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި

ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ އާއި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވިން،" ސިޓީގައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ކުރިއެކޭ އެއްގޮތަށް ހިންގަމުން ގެންދިއުމަށްވެސް ރައީސް އަންގަވާފައިވާ ކަމަށް އެސިޓީގައިވެއެވެ.

މީގެ ކުރިން އަމަލުކުރަމުން ދިޔަ ފުލުހުންގެ ގާނޫނުގައިވާ ގޮތުން އެ މުއައްސަސާއާ ގުޅޭ ކަންކަމުގައި އިދާރާތަކަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރެވެ. ނަމަވެސް ފަހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކަމާ ގުޅުންހުރި އިދާރާތަކަށް ޖަވާބުދާރީ ވާނީ ޕޮލިސް ކޮމިޝަނަރެވެ.