ޚަބަރު

އޮފިސަރުން ވަކިކުރުން ފަސްކުރުމުގެ އަމުރު ސިވިލް ކޯޓުން ނުދިނުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

މުހައްމަދު އިޝާން

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ އިސް އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާލެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮޮށްފި އެވެ.

ފުލުހުންގެ އިސް ސަފުގައި ހިމެނޭ ހަތް އޮފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އެ އޮފިސަރުން ވަކި ކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ހުށަހެޅީ ހުސްވި އޯގަސްޓް މަހުގެ ނުވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން އޭގެ ތެރެއިން ފަސް އޮފިސަރުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅުއްވީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ދާވޫދެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޭގެ ތެރެއިން ދެ އޮފިސަރަކުވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނޯޓިސް ދިނުމަށްފަހު އެދުވަހުން ފެށިގެން މަގާމުން ވަކި ކޮށްފަ އެވެ. ދެން ތިބި ތިން މީހުންނަށް މިމަހުގެ 20 ވަނަ ދުވަހަށް 10 ދުވަސް ހަމަވާގޮތަށް ވަނީ 10 ދުވަހުގެ ނޯޓިހެއް ވަނީ ދީފަ އެވެ. އެ ފަސް ބޭފުޅުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި، މައްސަލައަށް މައުލޫއީ ގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންދެން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ވަނީ، ދައުވާ ކުރާ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެކުރިން ދައުވާކުރާ ފަރާތްތައް ވަޒީފާއިން މަގާމުން ވަކި ކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ދައުވާކުރާ ފަރާތްތައް ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅިދާނެ އެއްވެސްކަމެއް ނުކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑަށް އަދި ކަމާ ގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް ދައުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެފަދަ ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ހާލަތުގެ ކަމެއް މެދުވެރިވެގެން އޮތްކަން އެގެން ނެތުމާއި، ވަގުތީ އަަމުރު ނެރުމާބެހޭގޮތުން ސުޕްރީމްކޯޓުން ކަނޑަޅާފައިވާ އުސޫލުތަކަށް ރިއާޔަތް ކުރާއިރު، ދައުވާ ކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފި ނަމަ، ވެގެންދާނީ މި މައްސަލައިގެ މައުލޫގައި ކުރެވޭ ހުކުމުގެ ނަތީޖާއަށް އަސަރު ކުރާ ގޮތަށް ދުރާލައި ވަގުތީ އަމުރަކުން ދާއިމީ ހިމާޔަތެއް ލިބިދިނުން ކަމަށްވެސް ބުނެފައިވެ އެވެ.

އެހެން ކަމުން ދައުވާ ކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑާ ކަމަށް ބުރާސްފަތި ހުކުމްގައި ސިވިލްކޯޓުން ބުނެފައި ވެ އެވެ.

ސިވިލް ކޯޓުގެ އެ ހުކުމް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމީ އެ އޮފިސަރުންގެ ފަރާތުންނެވެ. ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ ޝަރީއަތް އޮންނާނީ މާދަމާ 16:30 ގަ އެވެ.

ސިވިލް ކޯޓުން ވަނީ އޮފިސަރުންގެ ޝަރީއަތް ވެސް ސިއްރުން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެތީ އެވެ.