ތައުލީމީ މަރުހަލާތައް ނިންމާލުމަށްފަހު ވަޒީފާގެ ފަހަތުން ދުވުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ، އާ އުފެއްދުންތައް އީޖާދު ކުރާނެ ވިސްނުން ސިކުނޑީގައި ތަރައްގީ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެގޮތަށް އެދިވަޑައިގެންނެވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ތައުލީމީ މަރުހަލާތައް ނިންމައިލުމަށްފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން މިއަދު ފެންނަމުންދާ ކަމަށެވެ. އެކަމުގެ ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ހާސިލުކުރުމަށް ޓަކައި، ތައުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކުރުން ކަމަށް ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އާ އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްގީކުރަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް، ދަރިވަރުންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ވިސްނުން އަމާޒުކުރަންވީ، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްގީ ކުރުމަށް ކަމަށް ވިދާޅުވިއެވެ.
ކުދިންނަށް ކިޔަވައިދީ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް، ބެލެނިވެރިން ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކިޔަވައިދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްގީކޮށްދެއްވުމަށް ބެލެނިވެރިން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ފައްޓަވަން ވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު