ދަރިވަރުންގެ ފަރާތުން އެދިވަޑައިގަންނަވާ އެންމެ ބޮޑު އެދުމަކީ، އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝަތު އަލީ މިހެން ވިދާޅުވީ، 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ، ބައެއް ގައުމުތަކުގައި، މިސާލަކަށް ފިންލެންޑް އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި، އެންމެ ހުނަރުވެރި ކުދީން ހިޔާރު ކުރާ އެއް މަސައްކަތަކީ މުދައްރިސްކަން ކަމަށާއި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުން ކަމަށެވެ.
އެގޮތުން އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރު އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާހިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށާއި، އެއީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކުދީންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ހިދުމަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތަމްރީނުން ނުކުންނަ މުދައްރިސުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވާނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް ކަމަށާއި މޮޅެތި މުދައްރިސުން ތައުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަގުބަލުގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ މުޖައްރިބު ގޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރޭ ސަނަދުތަކާއި ވަނަތައް ލިބުނު ދަރިވަރުންގެ ކާމިޔާބުގެ ފަހަތުގައި، ވަރަށް ގިނަ ބަޔަކު ހަރަކާތްތެރި ވެފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ސްކޫލުތަކުގެ މުދައްރިސުންނާއި ހިންގުންތެރީން ހިމެނޭކަން ފާހަގަކުރައްވައި، ދަރިވަރުންނަށް ހިތްވަރުދެއްވައި، ކަންކަން ފަހިކޮށްދެއްވި ބެލެނިވެރިންނަށް ތަހުނިޔާ އަދާކުރައްވައި ތައުރީފު ކުރައްވައިފަ އެވެ.
އޭގެ އިތުރުން، ވޭތިވެދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި ސްޓޭޖްގެ މަތީން އެތައް ހާސް ކުދީންނެއް ވަނަތަކާއި ސަނަދުތައް ހިފައިގެން ގޮސްފައިވާ ކަމަށާއި، އެ ކުދީންގެ ހަޔާތުގެ ނަތީޖާތަކަށް ނަޒަރު ހިންގާލުމުން ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު ކަމަކީ، އެންމެ ބޮޑު އަސަރެއް މުޖުތަމައަށް ގެނެސްފައިވަނީ ހަމައެކަނި ތައުލީމީ ގޮތުން މޮޅު ކުދީން ނޫންކަން ކަމަށެވެ. އެގޮތުން އެންމެ ކާމިޔާބު ކުދީން ކަމަށް ވެފައިވަނީ، އެ ކުދީން ހޯދި އިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އަދި އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރު ލިއްބައިދިން ކުދީން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ދަރިވަރުންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދި ބަޔަކަށް ހަދަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދަރިން ދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރައިފާނެތީ އެކުދިން ލައްވައި އެއްވެސް މަސައްކަތެއް ނުކުރުވައި ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އުނގެނުނު ތަކެއްޗާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ހުނަރާއި ކަންކަމުގައި ގޮތް ނިންމުމުގެ ހުނަރު ފަދަ ހުނަރުތައް ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު