ބަންގުލަދޭޝް ގައުމީ ޓީމުގެ އެންމެ މުހިންމު، އަދި އެންމެ ވަރުގަދަ ޑިފެންޑަރު ޓޯޕޫ ބާމަންއަށް އިންޑިއަން ސުޕަ ލީގުގެ ކްލަބު ނޯތު އީސްޓް ޔުނައިޓެޑް އެފްސީން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
މިވަގުތު ބަންގުލަދޭޝްގެ އެންމެ ވަރުގަދަ ކްލަބު ބަޝުންދަރާ ކިންގްސްގެ ކެޕްޓަން ބޭންޑުގައި ކުޅެމުން އަންނަ ޓޯޕޫއަށް އިންޑިއާގެ ނޯތު އީސްޓް ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ކަމަށް ބަންގުލަދޭޝްގެ ނޫސްތަކުން ބުނެފައިވެއެވެ. ބަޝުންދަރާއާއެކު މިދިޔަ ސީޒަންގެ ބަންގުލަދޭޝް ލީގާއި ކަޕްވެސް ކާމިޔާބުކުރި ޑިފެންޑަރު ޓޯޕޫ ވަނީ އެ ކްލަބުން އޭއެފްސީ ކަޕުގައި ކުޅުނު މެޗުތަކުގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
ބަޝުންދަރާގެ ކޯޗު އޮސްކާ ބްރޫޒޮން އެ ކްލަބާ ހަވާލުވުމަށްފަހު ފާހަގަކޮށްފައިވާ ގޮތުގައި އެޓީމުގެ އެންމެ ވަރުގަދަ ލީޑަރަކީ ޓޯޕޫއެވެ. އުމުރުން 26 އަހަރުގެ ޓޯޕޫއަކީ ކެޕްޓަން ބޭންޑުގައި ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއްކަން ކޯޗު އޮސްކާ ފާހަގަކޮށްފައިވާ އިރު، ސާފް ޗެމްޕިއަންޝިޕްގައިވެސް ޓޯޕޫ ވަނީ ވިދާލައިފައެވެ. އެއީ ބަންގުލަދޭޝްގެ ކެޕްޓަން ނޫން ނަމަވެސް އޭނާއަކީ ޓީމުގެ އެންމެ ވިދުން ގަދަ ތަރިއެވެ.
މީގެ ކުރިން ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާއި ޑާކާ އަބަހާނީއަށްވެސް ކުޅުނު ޓޯޕޫ ގެންދަން ނޯތު އީސްޓް ޔުނައިޓެޑްގެ ކޯޗު ހާލިދު ޖަމާލް ޝައުގުވެރިވެފައިވާ އިރު، ބަންގުލަދޭޝްގެ ނޫސްތަކުން ބުނެފައި ވަނީ ޓޯޕޫ އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ބޮޑު ލީގު، އިންޑިއަން ސުޕަ ލީގު އަންނަ މަހުގެ 19 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ އިރު، އެ ލީގުގައި މިހާރުވެސް ޔޫރަޕާއި ދެކުނު އެމެރިކާގެ ވަރުގަދަ ކުޅުންތެރިން ކުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް