ސާފް ޗެމްޕިއަންޝިޕް

ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔަކީވެސް ޗެތުރީ، ފެއާޕްލޭ ރާއްޖެއަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓީމަކަށް ދިވެހި ރާއްޖެ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް އިންޑިއާގެ ލެޖެންޑް ސުނިލް ޗެތުރީ ހޮވިއްޖެއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ރާއްޖެ ހޮވިފައިވަނީ ޑިސިޕްލިނަރީ ގޮތުން އެންމެ ރަނގަޅުވުމުންނެވެ. ރާއްޖޭގެ އެވޯޑާ ހަވާލުވެފައިވަނީ ކެޕްޓަން އަކުރަމް އަބްދުލްޣަނީއެވެ.

މިރޭ އިންޑިއާއާއި ނޭޕާލް ކުޅުނު ފައިނަލް މެޗު އިންޑިއާއިން 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ޗެތުރީއެވެ. މިރޭގެ ފައިނަލުގައިވެސް ޗެތުރީ ގޯލު ޖަހާފައިވާ އިރު، އޭނާގެ އިތުރުން މިރޭ ގޯލުތައް ޖެހީ ސުރޭޝް ސިންހާއި ސަހަލް އަބްދުލް ސަމަދެވެ.

މި މުބާރާތުގައި ޗެތުރީ ޖުމްލަ ފަސް ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ބަންގުލަދޭޝް ކޮޅަށާއި، ނޭޕާލް ކޮޅަށް އަދި ރާއްޖެ ކޮޅަށްވެސް ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ރާއްޖެ ކޮޅަށް ދެ ގޯލު ޖަހާފައިވާ އިރު، ނޭޕާލާ ދެކޮޅަށް ކުޅުނު ދެމެޗުގައި ޗެތުރީ ވަނީ ދެ ގޯލު ޖަހައިފައެވެ. މުބާރާތުގައި ތާރީހުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ޗެތުރީ ވަނީ ޖުމުލަ 18 ގޯލު މުބާރާތުގައި ޖަހައިފައެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް 23 ގޯލު ޖަހައިފައެވެ.

މިރޭގެ ފައިނަލަށް ފަހު ޗެތުރީ ބުނީ މިއީ އުނދަގޫ މުބާރާތެއް ކަމަށާއި، ޒުވާން ކުޅުންތެރިންގެ ކުޅުމަށް އުފާކުރާ ކަމަށެވެ.

"މިއީ ފަސޭޙަ މުބާރާތެއް ނޫން. އެންމެ ބޮޑަށް އުފާކުރަން ޖެހޭ ކަމަކީ ޒުވާން ކުޅުންތެރިން އިންޑިއާ ޓީމުގެ ތެރެއަށް އައިސް އެކުޅުންތެރިން ދެއްކި ކުޅުން. މިއީ ޑޮމިނެންޓް ޓީމުގެ ގޮތުގައި އައިސް ކުރަން އުނދަގޫ ކަމެއް. އެހެންވީމަ މިއީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުވެ، ސަޕޯޓަރުންނާއެކުވެސް ލިބުނު ކާމިޔާބީއެއް،" ޗެތުރީ ބުންޏެވެ.

ޗެތުރީއަކީ މި ސަރަހައްދުގެ ފުޓުބޯޅައިގައިވެސް ފެނުނު އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާއެވެ. އުމުރުން 37 އަހަރުގެ ޗެތުރީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 125 މެޗުން 80 ގޯލު ޖަހާފައިވާ އިރު، 80 ވަނަ ގޯލާއެކު ޗެތުރީ ވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދާ އެއްވަރުކޮށްފައެވެ. މެސީއާއި ޗެތުރީއަކީ މިހާރު ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައެވެ.