ސާފް ޗެމްޕިއަންޝިޕް

ނޭޕާލުގެ ފުރަތަމަ ފައިނަލުން ބަލި، އިންޑިއާ އަށްވަނަ ފަހަރަށް ސާފް ކާމިޔާބުކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލުގައި ނޭޕާލު ބަލިކޮށް، އިންޑިއާއިން އަށްވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި އިންޑިއާއިން ނޭޕާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރެކޯޑު އަށް ފަހަރު އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، ނޭޕާލުން ތާރީހުގައި ކުޅުނު ފުރަތަމަ ފައިނަލް ނިމިގެން މިދިޔައީ ބައްޔަކާ އެކުގައެވެ.

މިރޭގެ ފައިނަލް މެޗަކީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު 12 ވަނަ ފައިނަލް މެޗެވެ. މިރޭގެ ފައިނަލަށް ނުކުތްއިރުވެސް އިންޑިއާއިން ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި އޮތް އިރު، އެންމެފަހުން އެޓީމުން މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ. އިންޑިއާއަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ގައުމެވެ.

އަނެއްކޮޅުން ފައިނަލަށް ނުކުތް ނޭޕާލަށް މިރޭގެ މެޗަކީ ތާރީހީ ހާއްސަ މެޗެކެވެ. މިރޭގެ ފައިނަލަކީ އެގައުމުގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލެވެ. ނޭޕާލުން މިރޭ ނުކުތީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް، ތާރީހު ބަދަލު ކުރުމަށެވެ. އެހެން ނަމަވެސް ވަރުގަދަ އިންޑިއާއިން އެ ފުރުސަތު ދީފައެއް ނުވެއެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ދެ ޓީމުގެ ކޯޗުންނަށްވެސް ބެންޗުގައި ތިބުމަށް އޮތީ ފުރުސަތު ގެއްލިފައެވެ. އިންޑިއާ ކޯޗު އީގޯ ސްޓިމަކް ގޮނޑި ބަރީގައި އިނީ ރާއްޖެއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ނޭޕާލް ކޯޗު އަބްދުﷲ އަލް މުތައިރީ ބެންޗުގައި ނެތީ އޭނާއަށް ދެ ރީނދޫ ކާޑު ދަައްކާފައިވުމުންނެވެ. ދެ ރީނދޫ ކާޑު ދެއްކުމުން މުތައިރީއަށް ބެންޗުގައި ނީނދެވޭނެ ކަމަށް ސާފުން އެންގުމުން އެކަމާ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މުތައިރީ ބުނީ ދެ ރީނދޫ ކާޑު ދެއްކި ނަމަވެސް ކޯޗަކަށް ބެންޗުގައި ނީނދެވޭނެ ކަމަށް ސާފްގެ ގަވާއިދު ބުނެފައި ނުވާ ކަމަށާއި، އެ މައްސަލައިގައި ސާފް ގޮވައިގެން ކުޅިވަރުގެ ކޯޓް އޮފް އާބިޓްރޭޝަން އަދި ފީފާއަށްވެސް ދާނެ ކަމަށެވެ.

މެޗުގެ ކުރީކޮޅުގައި ފެނުނީ ދެޓީމުންވެސް އެޓޭކުގައި ފެށިތަނެވެ. ކުރީކޮޅުގައި އިންޑިއާގެ ޔާސިރު ދުރުން ފޮނުވާލި ހަމަލާ ގޯލްކީޕަރު ކިރަން ކުމާރު މަތަކުރި އިރު، ރީބައުންސްގައި ސުރޭޝް ސިންހް އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަވެސް ހުޝިޔާރުކަމާއެކު ކިރަން މަތަކުރިއެވެ. އޭގެ ދެ މިނެޓު ފަހުން އަނެއްކޮޅުން ނޭޕާލަށްވެސް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ލާމާ ނެގި ހުރަސް އިންޑިއާގެ ގޯލްކީޕަރު ގްރަޕްރީތު އަތުން ދޫވުމުން ނުވަޔުގް ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އެ ހަމަލާ ފޮނުވާލަން އުޅުމުގެ ތެރޭގައި ނުވަޔުގް ފައުލް ކުރި ކަމަށް ރެފްރީ ޖެހުން ދީފައިވެއެވެ.

ހާފުގެ ބޮޑު ބައެއް ބޯ ވާރޭގައި ކުޅެން ޖެހުމުން ދެޓީމުގެ ކުޅުންތެރިންނަށްވެސް އެކަމުގެ އުނދަގޫތައް ކުރިމަތިވެފައިވެއެވެ. އިންޑިއާއިން ހާފުގެ ކޮންޓްރޯލު ނަގައި ކުޅެމުން ދިޔަ އިރު، ލިބުނު ފުރުސަތުތައް ގޯލަށް ފޮނުވާލަން އުނދަގޫތަކެއް ކުރިމަތިވިއެވެ. ގޯލުގެ ކުރިމަތިން ކައްސާލުމާއި ޑިފެންޑަރުންގެ އަތުން ބޯޅަ ގެއްލުންވެސް ފެނުނީ ގިނަކޮށެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ނޭޕާލުގެ ރޯހިތު ޗާންދަށް އިންޑިއާ އޭރިއާ ތެރެއިން ލިބުނު ފުރުސަތުވެސް ބޭކާރުވީ ކައްސާލައިގެންނެވެ.

ފުރަތަމަ ހާފުގެ އެންމެ ތަނަވަސް ފުރުސަތެއް ލިބުނީ ޗެތުރީއަށެވެ. ހާފު ނިމެން ދަނިކޮށް ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިންޑިއާއިން ދެވަނަ ހާފަށް ނުކުމެވެސް ޓެމްޕޯ ހިފެހެއްޓިއެވެ. އެޓީމުން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. 49 ވަނަ މިނެޓުގައި އިންޑިއާއިން އެޓީމުގެ ފުރަތަމަ ގޯލު ޖެހިއެވެ. ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެތުރީއެވެ. އެއީ މިހާތަނަށް މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. ޗެތުރީގެ އެގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 80 ވަނަ ގޯލެވެ. އެ ގޯލާއެކު ޗެތުރީ ވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދާ އެއްވަރުކޮށްފައެވެ. މެސީއާއި ޗެތުރީއަކީ މިހާރު ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައެވެ.

އެ ގޯލަށް މިނެޓެއް ފަހުން އިންޑިއާއިން ދެވަނަ ގޯލަކާއެކު ނޭޕާލުގެ އުންމީދުތައް ފުނޑުފުނޑު ކޮށްލިއެވެ. އެ ގޯލަކީ ޔާސިރު ދިން ބޯޅައަކުން ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ސުރޭޝް ސިންހް ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ. އޭގެ ފަހުންވެސް އިންޑިއާއިން ހަމަލާތައް އުފެއްދިއެވެ. ޗެތުރީއާއި މަންވީރު ފެނުނީ ވަރަށް ބޮޑަށް ނުރައްކާކޮށެވެ.

މެޗު ނިމެން ދަނިކޮށް އިންޑިއާއިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސަހަލް އަބްދުލް ސަމަދެވެ.

ނޭޕާލުން ތާރީހުގައި ކުޅުނު ފުރަތަމަ ފައިނަލުން ބަލިވެގެން ދިޔަ ނަމަވެސް މިއީ އެ ޓީމުން ކުރިއެރުންތަކެއް ހޯދި މުބާރާތެކެވެ. ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރުމާއި ފުރަތަމަ ފައިނަލަށް ގޮސް، ނޭޕާލުން ވަނީ އެޓީމުން ފުޓުބޯޅައިގައި ހޯދަމުން އަންނަ ކުރިއެރުންތަކުން ހިތްހަމަޖެހުން ހޯދައިފައެވެ.