ރިޕޯޓް

އެކްސްކްލޫސިވް: ޖިނާހު ގަދަ ކަނޑު ތެރޭގައި، އަންހެނުން ވަކިވީ އަތްމައްޗަށް، ދަރިފުޅު ފެނުނު، އަތަކު ނުޖެހުނު

މުހައްމަދު ސިމާއު

12

މިއަދުގެ އިރު، އުދަރެހުން އަރައިގެން އައީ ޖިނާހު އާދަމަށް އުފާވެރިކަން ގެނެސްދެމުންނެވެ. އެއްގޮތަށްވުރެ ގިނަ ގޮތުންނެވެ. ރަށުގައި މަސައްކަތް ކުރަމުން ޗުއްޓީއެއްގައި އައިސް މާލޭގައި ދިރިއުޅޭ ލޯބިވާ އަންހެނުންނާއި ލޮލުގެ ނޫރުފަދަ ދެ ދަރިންނާ ގާތުގައި ހުރެވޭތީއެވެ. ކުޑަ އާއިލާއާއެކު މިއަދު ރަށަށް ދިއުމަށް ފަށަން އޮތް ދަތުރާމެދު ކުރެވޭ އުންމީދުންނެވެ. ލިބޭ ކޮންމެ ޗުއްޓީއެއްގައި ރަށަށް ދިއުމަކީ ޖިނާހުމެންގެ އާދައެކެވެ. ނަމަވެސް އެއިން ކޮންމެ ދަތުރެއް ޖިނާހުގެ އަންހެނުންނާއި ދެދަރީންނަށް ހާއްސައެވެ.

ހަވީރު 4:15 އެވެ. މާލެއިން ރަށަށް ދިއުމަށް، އަންހެނުންނާއި ހަތަރު އަހަރުގެ ދަރިފުޅާއި ހަތް އަހަރުގެ ދަރިފުޅާ އެކު ޖިނާހުގެ ކުޑަ އާއިލާ ތިބީ ޑްރީމް ސްޕީޑް-2 ގައެވެ. ދަތުރު އޮތީ މާލެއިން ފުރައިގެން ވ. ފުލިދޫ އަށެވެ. ނަވާވީސް މީހުންގެ ޖާގައިގެ އެ ލޯންޗުގައި ތިބީ 12 މީހުންނެވެ. އޭރުވެސް މޫސުން ގޯހެވެ. ވައިގަދައެވެ. މަޖުބޫރު ދަތުރެއް ނޫނީ ނުކުރުމަށް ތަކުރާރުކޮށް ދިޔައީ އިލްތިމާސްތައް ކުރަމުންނެވެ. މާލެއިން ފުރައިގެން ގަދަ ވަޔާ ދެކޮޅަށް ބިޔަ ރާޅުތައް ކަފަމުންގޮސް، ޖިނާހުމެންގެ ލޯމައްޗަށް މާލެ ގެއްލިއްޖެއެވެ. ފަހަތަށް އެނބުރި ދާކަށް ކައްޕިގެ ވިސްނުމެއް ނެތެވެ.

ލޯންޗު ދަތުރުކުރީ މާލެއިން ފުރައިގެން ކ. އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކުގެ ބޭރުން އަތޮޅުގެ އިރުމަތީން، ބޭރުންނެވެ. އޭރު ވައި ހުރީ ސީދާ ހުޅަނގަށްވުރެ ބޮޑަށް ހުޅަނގު ދެކުނުންނެވެ. މި ގޮތަށް ދަތުރުކުރީ ކިރިޔާވެސް މަޑެއް ލިބޭނީ އަތޮޅުތެރެޔަށްވުރެ މި މަގުން ދަތުރު ކުރީމަ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އެކްސްޕާޓުން ވަން އަށް ބުނިގޮތުގައި ވައި ހުރި މިސްރާބަށް ބަލާއިރު، އޮޅުވެލީން ނެއްޓި ދެކުނަށް ތަންކޮޅަކަށް ދުއްވާލާއިރަށް ނިވައި ކެނޑި ބާރު ރޯޅި ލޯންޗަށް އަރަން ފަށާނެ އެވެ. އަދި މިއަދުގެ ވައި ހުރި ބާރު މިނަށް ބަލާއިރު، ފުލިދޫ ކަނޑުގައި އަދި މާ އުސް ރާޅު ހުންނާނެ އެވެ.

ސަން ސިޔާމް އޮޅުވެލި ރިސޯޓު ފަސްދީ، މޭލެއްހައި ބޭރުން ދަތުރުކުރަނިކޮށް ކުއްލިއަކަށް ޖެހި ބޮޑު ރާޅާއެކު ލޯންޗު އަރި އަޅާލައި، ތިން މީހަކު ކަނޑަށް ވެއްޓުނެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ޖިނާހުގެ އަންހެނުން ނާހިދާ އާއި ހަތަރު އަހަރުގެ ދަރިފުޅު ޖުވެއިލް ޖިނާހެވެ. އެއީ އަންހެނުންނާއި ހަތަރު އަހަރުގެ ދަރިފުޅު ދިރިތިއްބައި ޖިނާހަށް ފެނުނު އެންމެ ފަހު ވަގުތުކޮޅުވެސް މެއެވެ.

"އެ ރާޅާއެކު އަންހެނުންނާއި ދަރިފުޅު ކަނޑަށް ވެއްޓުނީ. އެވަގުތު އަޅުގަނޑު ކަނޑަށް ފުންމާލިން. ރާޅު ބޮޑުކަމުން އެވަގުތު އެކަކު ވެސް އަތެއް ނުވި. އިރުކޮޅެއް ފަހުން އަތުޖެހުނީ އަންހެނުން އެކަނި. އޭރު އޮތީ މަރުވެފަ. ޑޮކްޓަރުންވެސް ބުނި ގެނައި އިރުވެސް އޮތީ މަރުވެފައޭ. ދަރިފުޅުވެސް ފެނުނު. އެކަމަކު އަތެއް ނުވި. ލޯ ކުރިމަތީގައި ގެއްލުނީ،" ކ. ގުރައިދޫގައި ހުރެ "ވަން"އާ ވާހަކަދައްކަމުން ރޮމުން ރޮމުން ޖިނާހު ކިޔައިދިނެވެ.

އޭނާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. ޖިނާހުގެ އަންހެނުން މިވަގުތު އޮތީ ގުރައިދޫ ހެލްތު ސެންޓަރުގަ އެވެ. ދަރިފުޅު އަދިވެސް ނުފެނެއެވެ. ކުޑަ އާއިލާއާއެކު ފެށި ދަތުރުގައި މިވަގުތު ގުރައިދޫގައި ތިބީ ދޮށީ ދަރިފުޅާއި އޭނާއެވެ.

ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުނީ، ލޯންޗު ދަތުރު ކުރަމުން ދިޔައިރު ވަރަށް އުސް ރާޅު ޖަހަމުން ދިޔަ ކަމަށެވެ. ލޯންޗު އަރިއަޅާލީ، ކުއްލިއަކަށް ޖެހި ރާޅަކާ އެކުގައި ކަމަށް ވެސް ބުންޏެވެ މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެހެން މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ލޯންޗުގެ ކެޕްޓަނަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ އިރު، އޭނާއަށް ވެސް އަދި ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ.