ޚަބަރު

ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

މުހައްމަދު އިޝާން

1

ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރު ކުރަމުން ދިޔަ ލޯންޗަކުން ކަނޑަށް ވެއްޓުނު ހަތަރު އަހަރުގެ ކުއްޖާ ހޯދަން އެމްއެންޑީއެފްއިން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ރިސޯޓު ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ، މިއަދު 17:30 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށާއި ހަތަރު އަހަރުގެ ކުއްޖަކު އަދިވެސް ފެނިފައިނުވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުންޏެވެ.

އެގޮތުން ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށް ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދޭ ކަމަށް ބުންޏެވެ.

ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔައީ، "ޑްރީމް ސްޕީޑް" ނަމަކަށް ކިޔާ ވ. ފުލިދޫ ލޯންޗު ފެރީއެކެވެ.

ހާދިސާގެ މައުލޫމާތު އެގޭ މީހަކު "ވަން" އަށް ބުނީ، ލޯންޗު ދަތުރު ކުރަމުން ދިޔައިރު ވަރަށް އުސް ރާޅު ޖަހަމުން ދިޔަ ކަމަށެވެ. އެކަމަށް ކެޕްޓަން ސަމާލުކަން ނުދީ ހުއްޓައި ކުއްލިއަކަށް ޖަހާލި ރާޅަކާއެކު ލޯންޗު އަރިވެ ތިން މީހަކު ކަނޑަށް ވެއްޓުނު ކަމަށެވެ. އަދި ހަތަރު އަހަރުގެ ކުއްޖާގެ މަންމަ ކ. ގުރައިދޫ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ލޯންޗުން ދަތުރުކުރި އެހެން މީހެއްގެ ބޯ ވސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ލޯންޗުގެ ކެޕްޓަނަށް ވަނީ މި ހާދިސާގެ ސަބަބުން ނަފުސާނީ ބިރުވެރިކަމެއްގެ ތެރެއަށް ގޮސްފައި ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.