މާލޭ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން މާލެއިން ވިލިމާލެއަށް ދަތުރުކުރާ ފެރީގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
ވިލިމާލެއަށް ފެރީއަށް ހިދުމަތް ދެމުންގެންދާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކުންފުނި (އެމްޓީސީސީ) އިން މިއަދު ބުނީ މޫސުން ރަނގަޅުވަންދެން މާލެ އާއި ވިލިމާލެއަށް ކުރާ ފެރީދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ. ފެރީ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ މުޅި ރާއްޖެއަށް ރީދޫ ސަމާލު ނެރެފައެވެ.
ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
އެމްއެންޑީއެފުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ހުރިތޯ ރަނގަޅަށް ޗެކް ކުރުމަށް އެދިފައެވެ. ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ، ކުދި އަނގަމަތި އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރަ އިރު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމަށާއި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.