ލިވަޕޫލުން ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވޮޓްފޯޑު ބަލިކޮށްފިއެވެ.

މިއަދުގެ މެޗަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ހަފުތާއަކަށްފަހު ލީގު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި ލިވަޕޫލްގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް އެޓީމުގެ އެޓޭކް ލައިނުން ފެނުނީ ފާހަގަކޮށްލަން ޖެހޭ ކުޅުމެކެވެ. މެޗުގައި ސަޑިއޯ މާނޭ ލީގުގައި 100 ވަނަ ގޯލު ޖަހައިފައިވާއިރު، ބްރެޒިލްގެ ރޮބާޓް ފިރްމީނޯ ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ދެން ފާހަގަވީ މުހައްމަދު ސަލާހުގެ ހިތްގައިމު ގޯލާއި، އޭނާގެ މޮޅު ކުޅުމެވެ.

މިއަދުގެ މެޗަށް ވޮޓްފޯޑުގެ ކޯޗުކަމުގައި ނުކުތީ ކުރިން ޗެލްސީ އާއި ލެސްޓާ ސިޓީއަށްވެސް ކޯޗުކަން ކޮށްދިން ކްލޯޑިއޯ ރަނީއޭރީއެވެ. ލެސްޓާއާ އެކު އާދަޔާ ހިލާފު ގޮތަކަށް ޕްރިމިއާ ލީގު ކާމިޔާބުކުރި ކޯޗު، އޭގެ ފަހުން އިޓަލީގެ ކްލަބުތަކަށް އިރުޝާދު ދިނުމަށްފަހު ލީގަށް އެނބުރި އައިސް ނުކުތް ފުރަތަމަ މެޗަކީ މިއަދުގެ މެޗެވެ. މިއަދުގެ މެޗުގައި ރަނިއޭރީއަށް ކުރިމަތިލާން ޖެހުނީ ފޯމުގައި އޮތް ލިވަޕޫލަކާއެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗުގެ ކޮންޓްރޯލު ނެގިއެވެ. ގިނަ ޕާސްތަކެއް ޖަހައިގެން ލިވަޕޫލުން ވޮޓްފޯޑަށް ނުރައްކާތައް ފުލުފުލުން ކުރަމުން ދިޔައިރު، މެޗުގެ ނުވަ ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. މާނޭ ލީގުގައި ޖެހި 100 ވަނަ ގޯލާއެކު ލިވަޕޫލުން ލީޑު ނަގައި، ހާފު ނިންމާލީ ފިރްމީނޯގެ ގޯލަކާއެކު ނަތީޖާ ފުޅާކޮށްގެންނެވެ.

މެޗު އެއްކޮށް ލިވަޕޫލުން ކޮންޓްރޯލް ކުރަމުން ދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ދެ ގޯލު ޖެހިއެވެ. ސަލާހާއި ފިރްމީނޯ އެ ދެ ގޯލު ޖެހިއިރު، ސަލާހުގެ ގޯލު ފާހަގަވިއެވެ. ވޮޓްފޯޑު އޭރިއާ ތެރެއިން އާދަޔާ ހިލާފަށް ތިން ޑިފެންޑަރަކު ނައްޓާލުމަށްފަހު ގޯލު ކައިރިއަށް ވަދެ ސަލާހު ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ހިތްގައިމު ގޯލެކެވެ. ފިރްމީނޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ.

މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައި ނުވާއިރު، އެޓީމަށް ވަނީ އަށް މެޗުން 18 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ދެވަނައިގައި އޮތް ޗެލްސީއަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޗެލްސީން މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު، މި ހަފުތާގައި ކުޅޭ މެޗަށް މިރޭ ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.