11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން މިހާރު ވަނީ ކަށަވަރު ކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ރޭ ބުނީ، މައްސަލަ ހުށަހެޅުމާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި ކުއްޖާގެ ރައްކާތެރިކަން މިހާރު ކަށަވަރު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ހުށަހެޅުނު މައްސަލައާ ގުޅުން ހުރި އިދާރާތަކާއެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ އުތުރުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 37 އަހަރުގެ ފިރިހެނަކު ރޭ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.