ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް، އަދި ފޮރެންސިކުން ގުޅިގެން ހިނގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި 10 މީހުން ހައްޔަރުކޮށް، 100 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާ 24 އަހަރުގެ ދެ މީހުންނާ 25 އަހަރުގެ މީހަކު އަދި 26 އަހަރުގެ މީހެކެވެ. އަދި 27 އަހަރުގެ މީހަކާ 30 އަހަރުގެ މީހަކާ 34 އަހަރުގެ މީހާކާ 35 އަހަރުގެ މީހަކު އަދި 61 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. މި އެންމެންނަކީވެސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

ބާކީ ތިބި ދެ މީހުން ވަނީ ކޯޓުން ދޫކޮށްލައިފައެވެ. އެ ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.