ޚަބަރު

ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ރައީސް މާދަމާ ކަނޑޫދުއަށް ވަޑައިގަންނަވަނީ

އައިޝަތު ނިއުޝާ

ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ތ. ކަނޑޫދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑޫދޫގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީށް ވަޑައިގަންނަވާނެ ކަމަށެވެ.

މަބުރޫކް މިރޭ "ވަން" އަށް ވިދާޅުވީ ކަނޑޫދުއަށް ރައީސް ސޯލިހު މާދަމާގެ މެންދުރުގެ ވަގުތެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހާއި މި އަހަރުގެ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމެވިކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ކަނޑޫދުއަށް ކުރެއްވި ޒިޔާރާތުގައި އެރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ވަން" އަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން މީގެ ކުރިން ވިދާޅުވީ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ގިނަ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އެގޮތުން ރަށުތެރެ ޒީނަތްތެރިކުރުމާއި މެހެމާންދާރީ އަދާކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން ނިންމާލާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި އެރަށުގައި ފުޑް ސެކިއުރިޓީ ހަރަކާތްތަކާއި ޕާޓިގޭޝަން ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެއެވެ. އެއަށްފަހު އެ ދުވަހުގެ ހަވީރު ކާބޯތަކެތީގެ މައުރަޒެއް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ކަނޑޫދޫގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ޖަލްސާއަށްފަހު ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސަށް ދެއްވާ ޖާފަތެއް އޮންނާނެއެވެ.