އާބާދީގައި ހާހެއްހައި މީހުން ދިރިއުޅޭ ދަނގެއްޗަކީ އެކުވެރި ރައްޔިތެއް ދިރިއުޅެމުން އަންނަ ކުށް މަދު ރަށެވެ. ރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އަމާންކަމާއެކު ސާދާ ދިރިއުޅުމެވެ. ނަމަވެސް މިއަދުގެ އަރައިގެން އައި އިރާއެކު އެރަށުގެ ރައްޔިތުންނަށް ގެނުވީ ބޮޑު ހާސްކަމެވެ. ރަށުގެ އެންމެން ގަދަރުކުރާ މަހުމޫދު އަބޫބަކުރު (55 އަހަރު) ކުއްލިއަކަށް ގެއްލުމުން އެކަމުގެ އަސަރުކުރީ ހަމައެކަނި އޭނާގެ އާއިލާއަކަށް ނޫނެވެ. ރަށުގެ ހުރިހާ ރައްޔިތުންވެސް ތިބީ ހާސްވެ، ކަންބޮޑުވެފައެވެ.
ރާއްޖެއާއި އިންޑިއާ ރޭ ބައްދަލުކުރި މެޗު ބެލުމަށްފަހު ގެއިން ނުކުތް ފަހުން މަހުމޫދުގެ ހަބަރެއް ނުވާތީ، ރޭ ހަތަރުދަމު އާއިލާއިން މަސައްކަތް ކުރީ މަހުމޫދު ވީތަނެއް ހޯދަމަށެވެ. މަހުމޫދުގެ ރަށްޓެހިންނަށް ގުޅައި އެކި ގޮތްގޮތުން މަހުމޫދު ހޯދަން ކުރި މަސައްކަތުން އަލިމަގެއް ނުފެނުމުން ރަށު ކައުންސިލަށް އާއިލާއިން އެ މައްސަލަ ހުށަހަޅައި ފުލުހުންނާއި ރަށުގެ ރައްޔިތުންނާއި ގުޅިގެން މަހުމޫދު ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިގަތެވެ.
ޓީމްތަކަށް ބަހާލައިގެން މުޅި ރަށް ބަލައި ފާސްކުރިއެވެ. ފަޅުތެރެ ބެލިއެވެ. މަހުމޫދު ހޯދާތާ އެތައް އިރެއްވީއިރުވެސް އޭނާގެ އެއްވެސް ހިލަމެއް ނުވިއެވެ. ނަމަވެސް ދަނގެތީ ރައްޔިތުން ހިތްވަރު އެލުވައެއް ނުލައެވެ. ދެވަނަ ފަހަރަށްވެސް މުޅި ރަށް ބަލައި އަތްފުނާ އަޅަން ފެށިއެވެ. ފަޅު ގޯތިތަކާއި މީހުން ދިރިއުޅޭ ގެތައްވެސް ބަލައި ފާސްކުރިއެވެ. މަހުމޫދު ހޯދުމަށް ގެތައް ފާސްކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅެއްގެ ތެރެއިން މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރި އަންހެނުން ތަކަކަށެވެ.
ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ހުންނަ އެ ވަޅުގެ ތެރެޔަށް މަހުމޫދު ވައްޓާލައިފައި އޮތީ ބޮލަށާއި ފަޔަށް ހަނޑޫ ހުސްކުރި ގޯންޏެއް މެހުމަށް ފަހު ފޮތިގަނޑަކުން އައްސައި ބޯކޮޅު ވަތަށެވެ. އަނިޔާވެރި ގޮތަކަށް މަހުމޫދު މަރާލައިފައި ވަޅަށް ވައްޓާލާފައި އޮތް އިރު، އޭނާގެ ހަށިގަނޑު ވަޅުން ނެގި ވަގުތު ގިނަ އަދަދެއްގެ ލޭ ބޮލާ ދިމާލުން ވަޅު ތެރެޔަށް ފޭބި ކަމަށް މަންޒަރު ދުށް މީހަކު "ވަން" އަށް ބުންޏެވެ.
"ވަޅު ކައިރީގައިވެސް ވަޅު މަތީގައިވެސް ލޭހުރި. ބޮލަށް ގޯންޏެއް މަހާފަ އޮތީމަ ލިބިފަ ހުރި ޒަހަމްތަކެއް ސާފެއް ނޫން. ނަމަވެސް ވަޅުން ނެގި ގަޑީގައި ބޮލުން ގިނަ އަދަދެއްގެ ލޭ ފޭބި. ބެލެވޭ ގޮތުގައި ބޮލަށް ވަނީ ބޮޑު ޒަހަމެއް ލިބިފައި،" އޭނާ ކިޔައިދިނެވެ.
ފުލުހުންގެ އެހީގައި މަހުމޫދުގެ ހަށިގަނޑު ވަޅުން ނަގައިގެން ފުރަތަމަ ގެންދިޔައީ އެރަށު ހެލްތު ސެންޓަރަށެވެ. އެތަނުގައި ބޭއްވުމަށްފަހު މަހުމޫދުގެ ހަށިގަނޑު މިހާރު ވަނީ ހިނަވާގެއަށް ގެންގޮސްފައެވެ.
މަހުމޫދުގެ ހަށިގަނޑު ހިނަވާން ގެންދިޔަފަހުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މަހުމޫދުގެ ވައިނޮޅީގެ ދެފަރާތަށް ވަނީ ވަޅި ޖަހައިފަ އެވެ. އޭގެ އިތުރުން ބޮލުގެ އެތައް ތަނަކަށް ވެސް ތޫނު އެއްޗެއް ހަރާފައި ހުއްޓެވެ. އެތަންތަނުގެ ފުންމިން ބޮލުގެ ނާށިގަނޑާ ހަމަޔަށް ހުރި ކަމަށް ވެސް ބުންޏެވެ. މަހުމޫދު ނެގި ވަޅުގައި ހުރި ފެން ވެސް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ލެޔަށް ބަދަލުވެ، ފެންގަނޑު ކުނިވެފައި ކަމަށް ވެސް ބުންޏެވެ.
މަހުމޫދަކީ ވިޔަފާރިވެރިއެކެވެ. އަމިއްލަ ހޮޓަލެއް ރަށުގައި ހިންގާއިރު، އޭނާއަކީ ކާޑުގެ ބާވަތްތަކާއި ގޭސްވެސް ރަށަށް އެތެރެކުރާ މީހެކެވެ. އަމިއްލަ ތިން ޑައިވް ދޯނިވެސް މަހުމޫދުގެ އޮވެއެވެ. ރަށުގެ އެންމެންވެސް ދަންނަ މަހުމޫދަކީ މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ. އިޖުތިމާއީ ކަންކަމުގައި އަބަދުވެސް ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަދަދުގާރެވެ.
މަހުމޫދުގެ ރައްޓެއްސަކު ބުނި ގޮތުގައި މަހުމޫދަކީ އަބަދުވެސް ވޮލެޓުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެކެވެ. އެއީ އެރަށަކީ އޭޓީއެމެއް ހުންނަ ރަށަކަށް ނުވުމާވެސް އެކީއެވެ. ކޮންމެ ދުވަހެއްގެ ވިޔަފާރި ފައިސާ މަހުމޫދު ގެންގުޅެނީ ވޮލެޓުގައެވެ.
"އަހަރެމެން އަބަދުވެސް ބުނަން އެހާ ގިނަ ފައިސާ ވޮލެޓަށް ލައިގެން ނުގެންގުޅޭށޭ. އެއީ ރައްކާތެރިކަމެއް ނޫނޭ. އާންމުކޮށް 5،000 ނޫނީ 10،000 ރުފިޔާ ގެންގުޅޭނެ އަބަދުވެސް ވޮލެޓުގަ. ވިޔަފާރި ހިސާބު ނިންމާފަ އަންނަ ގަޑިއެއް ނަމަ އެއަށް ވުރެވެސް އިތުރުވެދާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ރައްޔިތުން ނުކުމެ ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު މަހުމޫދުގެ މަރުގެ އެންމެ ބޮޑު ތުހުމަތެއްވެސް ވަނީ އެ ދެމީހުންނަށެވެ. އެތަނުން އެއް ޒުވާނަކީ ތޮއްޑު އާއި ދަނގެއްޗަށް ނިސްބަތްވާ ޒުވާނެކެވެ. އަނެއް ޒުވާނާއަކީ ތޮއްޑޫ ޒުވާނެކެވެ. އެ ދެ ޒުވާނުންނަކީވެސް ވަރަށް އެކުގައި އުޅޭ ދެ ޒުވާނުންނެވެ. ދަނގެތިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ދެމީހުންނަކީވެސް އެކި ކުށްތައް ކޮށް އުޅޭ ބައެކެވެ. އެމީހުން ދަނގެއްޗަށް އައިތާ އަދި މާ ގިނަ ދުވަސް ނުވާނެ ކަމަށް އޭނާ ބުންޏެވެ.
"އެމީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަމުގެ އަޑުތައް ފެތުރޭ. ވައްކަމުގެ މައްސަލަތައްވެސް އެމީހުންގެ އެބަހުރި. ރަށުގެ ރައްޔިތުންވެސް އެމީހުންނާ މެދު އަބަދުވެސް ފާރަވެރިވޭ. އެމީހުންގެ ސަބަބުން ރަށަށް މިވަނީ ނުރައްކަލެއް ކުރިމަތިވެ، އަމާންކަން ގެއްލިފައި." ދަނގެތީ މީހެއް ބުންޏެވެ.
ދަނގެތީގެ އިސް ރަށްވެއްސަކު "ވަން" އަށް ބުނި ގޮތުގައި މަހުމޫދު ގެއްލިގެން ހޯދަމުންއައި އިިރު އެ ދެމީހުންގެ އަމަލުތައް ހުރީ ޝައްކުވާ ފަދަ ގޮތަކަށެވެ. އެގޮތުން ރަށުގެ ރައްޔިތުން ދާ ތަންތަން ސިއްރުން ބެލުމާއި ފާރަލުމުގެ އަމަލުތައް އެމީހުންގެ ފަރާތުން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
މަހުމޫދު މަރާލައިފައިވަނީ ފައިސާގެ މައްސަލައެއްގައި ކަމަށް އެރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެއީ މަހުމޫދަކީ ދުވަހަކުވެސް މީހަކާ ހަސަދައެއް އޮތް މީހަކަށް ނުވެފައި، އޭނާ މަރާލަން ޖެހޭނެ އިތުރު ސަބަބެއްވެސް ނުވިސްނޭތީ ކަމަށް ވެސް އެމީހުން ބުނެ އެވެ.
"ބޮޑަށް ބެލެވެނީ ފައިސާގެ މައްސަލައެއްގައޭ މަރާލީ. މަރާލި ބަޔަކު މަހުމޫދުގެ ފޯނު ފޭރިގެންފައި އޭނާއަށް ހަމަލާދިނުމަށް ފަހު ވަޅުތެރެޔަށް ވައްޓާލައިފައި އޮތް ކަމަށް މި ބެލެވެނީ. އެއީ މަހުމޫދު ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާ ކައިރީގައި ހުރި ފަޅުގޯއްޗެއްގެ ވަޅުތެރެއިން. އާންމުކޮށް މަގު ކުރުކުރުމަށް އެ ފަޅު ގޯތި ތެރެއިން ވަރަށް ގިނައިން ހުރަސްކުރާނެ. ފުދޭވަރަކަށް އަނދިރިވެސް ވާނެ. މީހަކަށް ކަމެއް ކޮށްލަން އުނދަގޫ މާހައުލެއް ނޫން އެއީ،" ދަނގެތީ މީހަކު ބުންޏެވެ.
މަހުމޫދުގެ މަރާއި ފައިސާއާ ގުޅުމެއް އޮތް ކަމަށް ދަނގެތީގެ ރައްޔިތުން ތުހުމަތުކުރާއިރު އެ ކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު ވޮލެޓާއި ފޯނު އަދިވެސް ފެނިފައި ނުވާތީއެވެ.
މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި މަހުމޫދުގެ ފޯނު މިއަދު ހެނދުނު 11:00 ޖެހުމާ ހަމައަށްވެސް ރިންގުވިއެވެ. ނަމަވެސް އޭގެ ފަހުން ފޯނަކަށް ނުގުޅެއެވެ. އެންމެ ފަހުން މަހުމޫދުގެ ފޯނުގެ ރޭންޖު ލިބިފައިވަނީ ދަނގެތީގައި ހުންނަ ދިރާގު އެންޓަނާގެ ވަށައިގެން 300 މީޓަރުގެ ސަރަހައްދަކުންނެވެ. އެ ސަރަހައްދު ރަށުގެ ރައްޔިތުން ހޯދަމުން އަންނައިރު އަދިވެސް ފޯނު ފެނިފައެއް ނުވެއެެވެ.
މަހުމޫދުގެ މަރާއެކު މުޅި ދަނގެއްޗަށްވެސް ވެރިވެފައިވަނީ ބިރުވެރިކަމާއި ހިތާމައެވެ. އެތައް ބަޔަކު އަދިވެސް ތިބީ ޝޮކެއްގައެވެ. މަހުމޫދުގެ މަރަކީ ދަނގެތީގައި މީހަކު މަރާލި މިފަދަ ފުރަތަމަ ހާދިސާ އެވެ. އަމާން ވެއްޓެއް ބިރުވެރިކަމަށް ބަދަލުވެ، ދަނގެތީ ރައްޔިތުންގެ މޫނުން މިއަދު ފެންނަނީ މާޔޫސްކަމާއި މޮޅިވެރިކަމުގެ ކުލަވަރެވެ. ރަށުތެރެއަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ވެރިވެފަ އެވެ.
މަހުމޫދު މަރާލި އިރު، އަންބަކާއި ފަސް ދަރީން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ދެ އަންހެން ދަރީންނާއި ތިން ފިރިހެން ދަރީންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް