އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިއާ ކުޅުނު މެޗަށް ކުޅި ބެލުމަށް ދަނޑުގެ ކެޕޭސިޓީއަށްވުރެ ގިނައިން މީހުން ވަދެފައިވާކަން ކަށަވަރުވެއްޖެއެވެ.
ދަނޑުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނެފައިވާ ގޮތުގައި މިރޭ މެޗު ފެށިއިރުވެސް ދަނޑުގެ ކެޕޭސިޓީއަށްވުރެ އިތުރަށް އެތައް ބަޔަކު ވަނީ ދަނޑަށް ވަދެފައެވެ. ގޮނޑިތައް ފުރިގެން ގިނަ ބަޔަކު ފެންސުތަކުގެ ކައިރީގައި ކޮޅަށް ތިބިތަންވެސް ފެނިފައިވާ އިރު، ދަނޑު ފުރި ބާރުވިއިރުވެސް ދަނޑަށް މީހުން ވައްދައި ނިމިފައި ނުވާކަން ފާހަގަވެފައިވެއެވެ. އެގޮތުން މަގުމަތީގެ ކިޔޫއަށް ބަލައިލުމުންވެސް ޓިކެޓުތަކުގައި މައްސަލައެއް އުޅޭކަން ވަނީ ފާހަގަވެފައެވެ.
ދަނޑަށް ވަން ސަޕޯޓަރަކު ބުނެފައި ވަނީ އޭނާ ވަނީ ރަނގަޅު ޓިކެޓަކަށް ނަމަވެސް ދަނޑަށް ވަދެ އިށީންނާނެ ޖާގައެއް ލިބިފައެއް ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދިޔައީ ނުރުހުންވެސް ފާޅުކުރަމުންނެވެ. ބައެއް ސަޕޯޓަރުން ބުނެފައިވަނީ ޓިކެޓު ވިއްކުމުގައި "ގޯސްތަކެއް ހަދާފައިވާކަން ޔަގީންވާ ކަމަށާއި، ކިޔޫގައި ޖެހިގެން ޓިކެޓު ނެގި މީހުންނަށް އެއީ ވެވުނު ބޮޑު ބޭ އިންސާފެއް،" ކަމަށެވެ. އެ މައްސަލަ ބެލުމަށްވެސް ސަޕޯޓަރުން ވަނީ ގޮވާލައިފައެވެ.
އެނގިފައިވާ ގޮތުގައި ވަގު ޓިކެޓުތަކެއްގެ މައްސަލައިގައި މިރޭގެ މެޗަށް ވަންނަން ދިޔަ ބަޔަކު ވަނީ ފޮނުވައިވެސް ލައިފައެވެ. އެކަމާ ގުޅިގެން އެފްއޭއެމްއިން އަދި ބަހެއް ބުނެފައެއް ނުވެއެވެ.
މެޗުގެ ކުރިން ވަގު ޓިކެޓުގެ ވާހަކަތަކެއް ދައުރުވަމުންދާތީއާއި ބްލެކް މާކެޓުގައި ޓިކެޓު ވިއްކަމުންދާ ދިއުމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮންމެ ޓިކެޓެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެން ނުބެލެނޭ ކަމަށާއި އެފަދަ ކަންކަމުގައި އޮތީ އިހުލާސްތެރިވުން ކަމަށެވެ. ބައްސާމް އޭރު ފާހަގަކުރެއްވީ ގައުމީ ދަނޑުގެ ކެޕޭސިޓީއަކީ މިހާރު ގާތްގަނޑަކަށް ޖުމުލަ 6000 މީހުން ކަމަށާއި އެއް ސިޑިބަރި ބޭނުން ނުކުރާތީ ބޭނުންކުރަނީ 5000 ގޮނޑި ކަމަށެވެ. އެހެންކަމުން ލަންކާ މެޗަށް ވަގު ޓިކެޓުތަކެއްގައި ދަނޑަށް އިތުރަށް ބަޔަކު ވަދެފައިވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.
މިރޭ ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް