ސާފް ޗެމްޕިއަންޝިޕް

ސަޕޯޓަރުންނާއެކު ރާއްޖެއަށް މާޔޫސްކަން، ފައިނަލުގެ ފަހު ޖާގަ އިންޑިއާއަށް

އިންޑިއާ އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން މިރޭ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރި 12 ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއިން މިހާތަނަށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރުގެ ފައިނަލުގައި އެޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މިރޭގެ މެޗު ވެގެން ދިޔައީ ދެޓީމަށްވެސް ފައިނަލެއް ފަދަ މެޗެކަށެވެ. މެޗަކީ ދެޓީމުންވެސް ލީގު ބުރުގައި ކުޅުނު އެންމެ ފަހު މެޗެވެ. މިރޭގެ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ރާއްޖެ ފައިނަލަށް ދެވެން އޮތް އިރު، އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށް ތިން ޕޮއިންޓު ހޯދައިގެންނެވެ. މެޗަށް ނުކުތް އިރު، ރާއްޖެއިން ކުޅުނު ތިން މެޗުން ލިބިފައި އޮތީ ހަ ޕޮއިންޓެވެ. މެޗަށް ނުކުތް އިރު، ރާއްޖެ އޮތީ ދެވަނައިގައެވެ. އިންޑިއާއަށް ތިން މެޗުން ލިބިފައި އޮތީ ފަސް ޕޮއިންޓެވެ. އިންޑިއާ އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ސުނިލް ޗެތުރީ ހިމެނޭ އިރު، މިރޭގެ މެޗު ވެގެން ގޮސްފައި ވަނީ އެ ދެ ލެޖެންޑުންގެ ޝޯއަކަށެވެ. ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ އުމުރުން 36 އަހަރުގެ ދަގަނޑޭއެވެ. އޭނާ ވަނީ 85 މެޗުން 55 ގޯލު ކާމިޔާބުކޮށްދީފައެވެ. ހަމަ އެފަދައިން އުމުރުން 37 އަހަރުގެ ޗެތުރީ އަކީ އިންޑިއާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ޗެތުރީ ވަނީ 123 މެޗުން 77 ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗަށް ނުކުތް އިރު، ދަގަނޑޭއާއި ޗެތުރީ ވަނީ މިހާތަނަށް މި މުބާރާތުގައިވެސް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މިރޭގެ މެޗަކީ ދެ ތަރިންގެ ކެރިއަރުގައިވެސް މުހިއްމުވެފައި އޮތް މެޗެކެވެ.

ދެޓީމުންވެސް ޕްރެޝަރުގައި ކުޅެމުން ދިޔަ މެޗުގެ ކުރީކޮޅުގައި އިންޑިއާއިން ޑޮމިނޭޓް ކުރިއެވެ. އިންޑިއާގެ މެދުތެރެއިން ރަނގަޅު ޕާސްތަކެއް ޖަހައިގެން ކުޅުނު ތަން ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ދިޔައީ ރާއްޖޭގެ މެދުތެރެއިން ކުޅެމުން ދިޔަ ޕާސްތަކަށް ހުރަސް އަޅަމުންނެވެ. ހާއްސަކޮށް އިންޑިއާ ފެނުނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަގުތު ހަނި ކުރަމުން ކުޅެމުން ދިޔަ ތަނެވެ.

ހީކުރި ގޮތަށް އިންޑާގެ ސެޓްޕީސްތައްވެސް ފުރަތަމަ ހާފުގައި ފެނުނީ ނުރައްކާކޮށެވެ. އަރިިމަތިން ހުރަސް ވެގެން އައި ދެ ހިލޭ ޖެހުމެއްގައި ޗެތުރީގެ ނުރައްކާ ފާހަގަކޮށްލެވުނު އިރު، އޭނާ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައެވެ. ރާއްޖެއިން ބޮޑަށް ކައުންޓާގައި އެޓޭކް ކުރިތަން ފެނުނު އިރު، ދެ ފުރުސަތެއްގައި ދަގަނޑޭއަށް ފަހިވި ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވައިލެވޭ ގޮތެއް ނުވިއެވެ.

މެޗުގައި ރަނގަޅަށް ކުޅެ، އިންޑިއާއިން ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. މެދުތެރެއިން ހުސައިން ނިހާން (ނިހާޓް)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބްރެންޑަން ދިން ބޯޅައަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ. އޭރިއާ ތެރެއަށް ވަދެ މަންވީރު ބޯޅަ ގޯލަށް ވައްދާލީ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ.

އެ ގޯލާއެކު އިންޑިއާއިން ލީޑު ނަގައި ހަމަޖެހިލި ނަމަވެސް ހާފުގެ ފަހު ވަގުތުކޮޅުގައި ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބުރަ މަަސައްކަތަކުން ހޯދި ޕެނަލްޓީގައެވެ. އިންޑިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަން ހަމްޕުއަށް އިންޑިއާގެ ޕްރިތަމް ކޮޓާލް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ ކާމިޔާބުކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދަގަނޑޭއެވެ. އެ ގޯލަކީ ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ. އަދި އެއީ އޭނާ ސާފް ޗެމްޕިއަންޝިޕުގައި ޖެހި 23 ވަނަ ގޯލެވެ.

ދެވަނަ ހާފަށް ނުކުމެ ރާއްޖެއިން ފުރަތަމަ ހާފަށްވުރެ ބޮޑަށް ހަމަޖެހިލިއެވެ. ކޮންމެވެސް ވަރަކަށް މެދުތެރެއިން ޕާސްތައް ޖަހަން ފެށި ނަމަވެސް އިންޑިއާއިން އަނެއްކާވެސް ކުޅުމުގެ ތެރެއަށް ވަންނަން މާ ގިނައިރެއް ނުނަގައެވެ. އިންޑިއާއިން ރާއްޖޭގެ މެދުތެރެއިން ކޮންޓްރޯލު ހޯދައި، މެޗުގެ 62 ވަނަ މިނެޓުގައި އަނެއްކާވެސް ލީޑު ނެގިއެވެ. އޭރިއާ ތެރޭގައި ހުރެފައި މަންވީރު މެއިން ޖައްސާލި ބޯޅައިން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެތުރީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޗެތުރީ ޖެހި ބާރު ބޯޅަ ރާއްޖޭގެ ގޯލްކީޕަރު ފައިސަލްއާ ދިމާލަށް ދިޔަ ނަމަވެސް އޭނާއަށް މަތަކުރެވޭ ގޮތެއް ނުވިއެވެ.

އެ ގޯލަށް ދެ މިނެޓު ފަހުން އަނެއްކާވެސް ދަގަނޑޭގެ ނުރައްކާ ފެނުނެވެ. އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން ދަގަނޑޭ ވަރަށް ރީތިކޮށް ފޮނުވާލި ނަމަވެސް އިންޑިއާ ގޯލްކީޕަރު ގްރަޕުރީތު ސިންހު ވަނީ އެ ބޯޅަ ޕަންޗުކޮށް ބޭރުކޮށްލައިފައެވެ. އެ ހަމަލާއަށްފަހު ދެން ފެނިގެން ދިޔައީ އަނެއްކާވެސް އިންޑިއާގެ ގޯލެކެވެ. މިފަހަރުވެސް ސުނިލް ޗެތުރީއެވެ. ޕްރިތަމް ކޮޓާލް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެތުރީއެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޮޅަށް ޗެތުރީ ޖެހި ފަސްވަނަ ގޯލެވެ.

އެ ގޯލަށްފަހު އިންޑިއާ އަނެއްކާވެސް މަޑުޖެހިލިއެވެ. އެހެން ނަމަވެސް ރާއްޖެއަށް އެންމެ އެދެވޭ ގޮތުގައި ހަމަލާ އުފެއްދިފައެއް ނުވެއެވެ. ފަހު ކޮޅުގައި ކުޅެން އަރައި މުހައްމަދު އުމައިރު ނަގައިދެން ބޯޅައިން ސެންޓޭ ފައިގައި ޖައްސާ ގޯލާ އަމާޒުކޮށްލި ނަމަވެސް ގްރަޕުރީތު ވަނީ އެ ހަމަލާ މަތަކޮށްފައެވެ. އޭގެ ފަހުން ދެން ރާއްޖެއިން ފެނުނީ އާދައިގެ ކުޅުމެއްގައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.