Close
ޚަބަރު

ގައުމީ ސަލާމަތަށް ނުރައްކާވާނެތީ އޮފިސަރުންގެ ޝަރީއަތް ލައިވް ނުކުރަން ނިންމައިފި

މުހައްމަދު އިޝާން

ފުލުހުންގެ ހިދުމަތުގެ އިސް ސަފުން ވަކިކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންގޮސްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމައިފަ އެވެ. ޕޮލިސް ބޯޑުގެ އެ ނިންމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަނިކޮށް، ދެ އޮފިސަރަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ހަތަރު އޮފިސަރަކު މަގާމުން ވަކި ކުރުމަށް މި މަހުގެ 10 ވަނަ ދުވަހު 10 ދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ.

ޑިސްޕިއުޓް މަރުހަލާގައި ވަނިކޮށް ދެ އޮފިސަރަކު ވަޒީފާއިން ވަކިކުރުމުން، އެ މައްސަލައިގެ ޝަރީއަތް ފަށައި ދިނުމަށް އެދި އޮފިސަރުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އޮފިސަރުން އެދިފައި ވަނީ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.

މިއަދު ސިވިލް ކޯޓުން ނިންމީ އޮފިސަރުން އެދުނު ގޮތަށް އެ މައްސަލަ ލައިވްކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ އަޑުއެހުން ލައިވްކޮށް ކުރިއަށް ގެންގޮސްފިނަމަ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ އަބްދުﷲ ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންގޮސްފިނަމަ އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެކަމަށް ވެސް ގާޒީ އަލީ އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އޮފިސަރުންގެ ފަރާތުން ޝަރީއަތް ލައިވް ކޮށްދޭން އެދި ސިޓީ ހުށަހަޅާފައި ވަނީ، އެކަމުގައި އާއްމު މަސްލަހަތު ހިމެނޭތީ އާއި އޮފިސަރުން ދެކޭ ގޮތުގައި އެމީހުން ވަޒީފާއިން ވަކިކުރަން ނިންމީ ބޭއިންސާފުން ކަމަށް ކަމަށް ބުނެ އެވެ. އެގޮތުން ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީ ވާން ފުރުސަތު ނުދީ ކަން ކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެ އޮފިސަރުންގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވަނީ މީގެ ކުރިން "ވަން" އަށް ވިދާޅުވެފައި އެވެ.

ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން ޕޮލިސްބޯޑުން ނިންމައި އެކަން ތަންފީޒު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ހުށަހެޅީ ހުސްވި އޯގަސްޓް މަހުގެ ނުވަނަ ދުވަހު އެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ދާވޫދެވެ. މި ފަސް އޮފިސަރުން ވަނީ ގާޒީ އަލީ އަބުދުﷲ ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ހުށަހަޅައިފަ އެވެ.

އެ މައްސަލައަކީ އޮފިސަރުންތަކެއް ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމީ ޖަވާބުދާރީވުމަށް ފުރުސަތު ނުދީކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވައި ނުދީގެންނެވެ.

ގާޒީ އަލީ އަބްދުﷲ އާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ބަލަމުން އަންނަ ކަމަށް ޖޭއެސްސީން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ.