އިންޑިއާ ހައިކޮމިޝަންއިން މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި އެމްއެމްޕީއާރްސީ ގުޅިގެން އިންޑިއާ-ރާއްޖެ ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުން ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ ޓުއާ އެންޑް ޓްރެވެލް އޭޖެންސީތަކާއި ޓުއާ އޮޕަރޭޓަރިންގެ އިތުރުން ޓްރެވެލް ލިޔުންތެރިން އަދި މުމްބާއިގެ އޯޓީއެމް ތަމްސީލުކުރާ ވަފުދުތަކުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ހިއްސާދާރުންވެސް ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ކީނޯޓް ސްޕީކާ، ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމްގެ އިތުރުން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އަދި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އަދި އޯޓީއެމްގެ ސީއީއޯ އަދި ޗެއާމަން ސަންޖީވް އަގަރްވާލް އަދި އިންޑިގޯ އެއާލައިންސްގެ ނައިބު ރައީސް އިޝާން މުނީރް ވާހަކަ ފުޅު ދެއްކެވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މި ވަފުދުގެ އަމާޒަކީ ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ މަތީ ފަންތީގެ އަދި އެމްއައިސީއީ، ގެސްޓްހައުސް އަދި ފިލްމު ޕްރޮޑަކްޝަނަށް ހާއްސަ ކޮށްގެން އިންޑިއާއާ ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުން ކަމަށެވެ.

އެގޮތުން އޯޓީއެމްގެ އޮންލައިން ޕްލެޓްފޯމް ބީ2ބީ ޓްރެވެލް މާޓަކީ އިންޑިޔާގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބައިނަލްއަގުވާމީ ޓްރެވެލް އޭޖެންސީތައް އަދި ފަތުރުވެރިން ބޭނުންކުރާ މިފަދަ ޕްލެޓްފޯމް ކަމަށްވެސް ބުންޏެވެ.

މީގެ ތިން އަހަރު ކުރިން ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ވަނަ ގައުމުގައި އޮތް އިންޑިއާ މިއަދު ވަނީ ލިސްޓުގެ އެއްވަނައިގައެވެ. މިއަދު ރާއްޖެ އަންނަ ކޮންމެ ހަތަރު ފަތުރުވެރިއަކުން އެކަކަކީ އިންޑިއާގެ ފަތުރުވެރިއެއް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި 200،000 އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 2019ގައި ކޮވިޑް ޕެންޑެމިކްގެ ކުރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖޭ އާއި އިންޑިއާ ދެމެދު ހަފުތާއަކު 60 ފްލައިޓް ދަތުރު އޮވެއެވެ. އެއީ އެއާ އިންޑިއާ، ގޯފަސްޓް، ސްޕައިސްޖެޓް، ވިސްތާރާ، އަދި މޯލްޑިވިއަން މި ފަސް އެއާލައިންނެވެ. މޯލްޑިވިއަން އެއަރޯ އިން މާލެއިން އިންޑިއާގެ ހަތް ސިޓީއަކަށް ދަތުރުކުރެއެވެ. މީގެ އިތުރުން ކައިރި މުސްތަގުބަލެއްގައި މާފަރު އަދި މާމިގިލި އެއާޕޯޓުންވެސް މޯލްޑިވިއަން އަދި ފްލައިމީގެ ދަތުރު އިންޑިއާއަށް ކުރަން ފަށާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން އިތުރަށް ބުނީ، އިންޑިއާ މޯލްޑިވްސް ރައުންޑްޓޭބަލް އަދި އިންޑިއާ ވަފުދުގެ ދަތުރުތަކުގެ ސަބަބުން އިންޑި އާއި ރާއްޖޭގެ ފަތުރުވެރިމުގެ ގުޅުން އިތުރަށް ކުރިއަރައި، ފުޅާވެގެން ދާނެ ކަމަށާއި އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ރާއްޖޭގެ އިގުތިސާދު ރަނގަޅުވެ ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެ ކަމަށެވެ.