ޚަބަރު

ދިވެހި ޑީޖޭއިންނަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް

އައިޝަތު ނިއުޝާ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ޑިސްކް ޖޮކީ (ޑީޖޭ) އިންނަށް ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ ޑީޖޭގެ ޕްރޮފެޝަން އަދާކުރަމުންދާ ނުވަތަ އަދާކުރާހިއްވާ ފަރާތްތަކުގެ މައުލޫމާތު، އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ހޮވާލާ ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރު ކުރާނެ ކަމަށެވެ. އަދި ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެނިހެން ތަންތަނުގައި ޑީޖޭކަން ކޮށްދޭނެ ފަރާތްތަކާއި އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާ ލާޖައްސައި ގުޅުވައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ޑީޖޭ ކުރުމުގެ މަސައްކަތުގައި ޕްރޮފެޝަނަލްކޮށް ކުރިއަށް ދާން ބޭނުންވާ ފަރާތްތައް ދެނެގަނެ، ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަން ގަސްދުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ޑީޖޭއިންގެ ދަފުތަރު އެކުލަވާލުމަށް ނިންމާފައިވާތީ، ޑީޖޭގެ ޕްރޮފެޝަން އަދާކުރަމުންދާ ނުވަތަ އަދާކުރާ ހިތްވާ ފަރާތްތަކުން މި މަހުގެ 24 ގެ ކުރިން އިންފޮމޭޝަން ފޯމް ފުރުމަށްފަހު [email protected] އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.