ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ސުނިލް ޗެތުރީ ހިމެނެއެވެ. އެ ދެ ޓީމުން އެންމެންގެ ލޯތައް އަމާޒުވާ ދެ ކުޅުންތެރިންނަކީ ދަގަނޑޭ އާއި ޗެތުރީއެވެ. އިދިކޮޅު ޑިފެންޑަރުންނަށް ހުއްޓުވަން އެންމެ އުނދަގޫ ދެ ކުޅުންތެރިންނަކީ ވެސް ދަގަނޑޭ އާއި ޗެތުރީއެވެ.
ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ އުމުރުން 36 އަހަރުގެ ދަގަނޑޭއެވެ. އޭނާ ވަނީ 85 މެޗުން 55 ގޯލު ކާމިޔާބުކޮށްދީފައެވެ. ހަމަ އެފަދައިން އުމުރުން 37 އަހަރުގެ ޗެތުރީ އަކީ އިންޑިއާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ޗެތުރީ ވަނީ 123 މެޗުން 77 ގޯލު ކާމިޔާބުކޮށްދީފައެވެ.
ޗެތުރީ އާއި ދަގަނޑޭ އަކީ އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖެހި 50 ކުޅުންތެރިންގެ ލިސްޓުގައި ވެސް ހިމެނޭ ދެ ކުޅުންތެރިއެކެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޖެހި ދެ ގޯލާއެކު ޗެތުރީ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ރެކޯޑާ ވެސް އަރައި ހަމަކޮށްފައެވެ. ބްރެޒިލް ގައުމީ ޓީމާއެކު ޕެލޭއަށް ވެސް ކާމިޔާބުކުރެވުނީ 77 ގޯލެވެ. އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ރެކޯޑު މުގުރާލުމަށް ޗެތުރީ ބޭނުންވަނީ ހަތަރު ގޯލެވެ. އެ ލިސްޓުގެ އަށްވަނައިގައި ޗެތުރީ އޮތް އިރު، ދަގަނޑޭ އޮތީ ލިސްޓުގެ 43 ވަނައިގައެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ 112 ގޯލާއެކު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ދަގަނޑޭ އާއި ޗެތުރީ ވާދަކުރާ ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައި ވެސް އެ ދެ ކުޅުންތެރިންގެ ނުރައްކާ ބޮޑެވެ. އެ ދެ ކުޅުންތެރިން ވާދަކުރާ ނަމަ، އެ މުބާރާތެއްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. އެ ކުޅުންތެރިންގެ ގޯލުތަކާއި އެސިސްޓުތައް ފެންނާނެއެވެ.
ދަގަނޑޭގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕަކީ 2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި މުބާރާތެވެ. ދަގަނޑޭ ވަނީ 2008ގައި ރާއްޖެއަށް ސާފްގެ ފުރަތަމަ ތަށި ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ދަގަނޑޭއެވެ. އޭނާ ނުފެނުނު ހަމައެކަނި ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއިން ކާމިޔާބުކުރި 2018 ގެ މުބާރާތެވެ. ބަންގުލަދޭޝްގައި ބޭއްވި އެ މުބާރާތުން ޗެތުރީ ވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން އެފަހަރުގެ މުބާރާތުގައި ވިދާލުމަށް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދިޔައެވެ.
ޗެތުރީގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕަކީ ސްރީ ލަންކާ އާއި ރާއްޖޭގައި ބޭއްވި 2008ގެ މުބާރާތެވެ. އެފަހަރު އިންޑިއާ ބަލިކޮށް، ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ސާފްގެ ތައްޓެއް ހޯދައިފައެވެ. އޭގެ ފަހުން ބަންގުލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި މުބާރާތުން ޗެތުރީ ފެނިފައެއް ނުވެއެވެ. ދެން އޭނާ ފެނިގެންދިޔައީ 2011 އާއި 2013 އަދި 2015ގެ ސާފް ޗެމްޕިއަންޝިޕުންނެވެ. އޭނާ ވަނީ އިންޑިއާއާއެކު 2011 އަދި 2015ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.
ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ރަން އަކުރުން ލިޔެވިފައިވާ ކުޅުންތެރިޔެކެވެ. ދަގަނޑޭ ކުޅުނު ކޮންމެ މުބާރާތެއްގައި ވެސް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. ގޯލު ލިސްޓުގެ ވެސް އެންމެ ކުރީގައި އޮތީ އޭނާއެވެ.
ދަގަނޑޭގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް، 2005ގެ މުބާރާތުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. ރާއްޖޭގެ އަހުމަދު ތާރިގު (ޓޮމް) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއެކު ދަގަނޑޭ ވެސް ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް 2008 އަކީ ރާއްޖެއަށް އަދި ދަގަނޑޭއަށް ވެސް ހާއްސަ މުބާރާތެކެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފްގެ ތައްޓެއް ހޯދި އެ މުބާރާތުގައި ދަގަނޑޭގެ ގޯލެއް ނުފެނުނު ނަމަވެސް، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
ސާފް ޗެމްޕިއަންޝިޕް 2009 ގައި ދަގަނޑޭ ތިން ގޯލު ޖެހި އިރު، 2011 ގައި އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި 2013ގެ މުބާރާތުގައި ދަގަނޑޭ ވަނީ ރެކޯޑެއް ހަދައިފައެވެ. އެއީ ސާފްގެ ތާރީހުގައި އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖަހައިގެންނެވެ. އޭނާ ވަނީ އެ މުބާރާތުގައި ދިހަ ގޯލު ޖަހައިފައެވެ. އެއް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އެ މުބާރާތުގައި އޭނާ މުގުރާލިއެވެ. އެއީ ސްރީ ލަންކާ ކޮޅަށް ހަ ގޯލު ޖަހައިގެންނެވެ.
ސާފް ޗެމްޕިއަންޝިޕް 2015 ގެ މުބާރާތް ދަގަނޑޭ ނިންމާލީ ދެ ގޯލާއެކުއެވެ. އަދި މިފަހަރު ރާއްޖޭގައި ބާއްވާ މުބާރާތުގައި މިހާތަނަށް ޖެހި ދެ ގޯލާއެކު އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕުގައި ޖުމުލަ 22 ގޯލު ޖަހައިފައެވެ. ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޗެތުރީއެވެ. އޭނާ ވަނީ ޖުމުލަ 16 ގޯލު ޖަހައިފައެވެ.
ދަގަނޑޭ އާއި ޗެތުރީ އެންމެ ފަހުން ކްލަބު ފުޓުބޯޅައިގައި ކުޅުނު މެޗުތަކުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ މުބާރާތާ ކުރިމަތިލީ އިރު، އެ ދެ ކުޅުންތެރިން މުބާރާތުގައި ވިދާލައި، ކުރީގެ ކުޅުން ދެއްކިދާނެކަމާ މެދު އޮތީ ސުވާލުތަކެއް އުފެދިފައެވެ. ނަމަވެސް އެ ސުވާލުތަކަށް އެ ކުޅުންތެރިން ވަނީ ފުރިހަމަ ޖަވާބެއް ދީފައެވެ. އަދިވެސް އެ ކުޅުންތެރިންގެ މުހިންމުކަން ދައްކައިދީފިއެވެ.
ރާއްޖެއިން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، އިދިކޮޅު ޓީމުތަކަށް ނުރައްކާކުރުމަށް އިސް ދައުރެއް އަދާކުރިއެވެ. ޗެތުރީ ވެސް ވަނީ އޭނާގެ ނުރައްކާ ދައްކާލައިފައެވެ. ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގެއްލިގެން ދިޔަ ނަމަވެސް، އޭނާގެ ކުޅުން ގޯހެއް ނޫނެވެ. އިންޑިއާ އިން ވަރަށް ބޮޑަށް ކެޕްޓަން ޗެތުރީއަށް ބަރޯސާވެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ އާއި ޗެތުރީ ވެސް މިހާތަނަށް ވަނީ ދެ ގޯލު ޖަހައިފައެވެ. ދެ ކުޅުންތެރިން ދެން ނުކުންނާނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށެވެ. މިރޭ ކުޅޭ މެޗަކީ ރާއްޖެ އާއި އިންޑިއާ އަދި އެ ދެ ކުޅުންތެރިންނަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ދެ ޓީމުގެ އެޓޭކުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ދެ ކުޅުންތެރިންނަކީ އެއީއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނެފައިވާގޮތުގައި މެޗު ވެގެންދާނީ ސްޓްރައިކަރުންގެ ބޮޑު ޝޯއަކަށެވެ. އަދި ދަގަނޑޭ އާއި ޗެތުރީއަކީ ތަފާތު ދެ ސްޓައިލެއްގެ ނުރައްކާތެރި ދެ ކުޅުންތެރިން ކަމަށް ސުޒޭން ދެކެއެވެ.
"އެކަކީ ބޮކްސް ތެރޭގައި ވަރަށް ފުރިހަމަ ފޯވަޑެއް. އަނެއް ކުޅުންތެރިޔަކީ ޕެނަލްޓީ އޭރިއާ ބޭރުންވެސް ނުރައްކާ ކުރާ ތަންކޮޅެއް މޫވްމަންޓް ގިނަ އެޖައިލް ފޯވަޑެއް. ލަންކާ ކޮޅަށް ދަގަނޑޭ ހިތްގައިމު ގޯލެއް ޖެހިތަން ފެންނާނެ. މެޗުގައި މި ފެންނަނީ އައުޓްސްޓޭންޑިން ދެ ކުޅުންތެރިންގެ ކުޅުން. އަހަރެމެން ފުރިހަމައަށް ހިތްހަމަ ޖެހޭނެ މަންޒަރެއް ފެންނާނެ ކަމަށް އުންމީދުކުރަން،" ސުޒޭން ބުންޏެވެ.
ރާއްޖެއަށް އިންޑިއާއާ އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އަނެއްކޮޅުން އިންޑިއާއަށް ރާއްޖެ ބަލިކުރަން މަޖުބޫރުވާނެއެވެ. އެހެންކަމުން އިންޑިއާ އިން މިރޭގެ މެޗުގައި ވެސް ކުޅޭނީ އެޓީމުގެ އެޓޭކިން ފުޓުބޯޅައެވެ. ރާއްޖެ އާއި ދަގަނޑޭއަށް މިރޭގެ މެޗަކީ ވަރުގަދަ އިމްތިހާނެކެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުން ވަރަށް މުހިންމެވެ. މިއީ ގައުމީ ޖާޒީގައި ދަގަނޑޭގެ ފަހު މުބާރާތަށް ވުން ވެސް ގާތެވެ. އެހެންކަމުން ސާފްގެ ތައްޓަކާއެކު ކެރިޔަރު ނިންމާލަން އޭނާ ވެސް ބޭނުންވާނެއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް