މަޖިލީހުގެ ރައީސް

އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ސިއްރެއް ނޫން، ކޮޕީއެއް ހޯދުމަށް ވަނީ އެދިފައި: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

2

އަވަށްޓެރި އިންޑިއާއާއެކު ހަދާފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައިވާ ކަންތައްތައް އޮޅުން ފިލުވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ އެގްރީމެންޓްގެ ކޮޕީއެއް ދެއްވުމަށް ޑިފެންސް މިނިސްޓްރީގައި އެވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ސިއްރު އެއްޗެއް ނޫން ކަމަށެވެ.

"އެއީ ފޮރުވިފައިވާ ސިއްރެއް ނޫން، އެއީ ދޭދޭ ގައުމަކާ އެކީ ކުރެވިފައިވާ އެގްރީމެންޓެއް، ސިއްރެއްގެ ގޮތުގައެއް ނޫން ދައުލަތުން އެކަން ކުރީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އަސްކަރިއްޔާގެ ކޯސްޓްގާޑަށް ބަނދަރަކާއި، ސަރވިސް ޑޮކްޔާޑެއް ގާއިމު ކުރަން ޖެހޭ ގޮތަށް އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރުން ސޮއިކުރީ ހުސްވި ފެބްރުއަރީ މަހުގެ 21 ގައެވެ. އޭގެ ފަހުން އިދިކޮޅު ފަރާތްތަކުން އެ އެގްރީމެންޓާ މެދު ތަފާތު ވާހަކަތައް ދައްކަމުން އާދެއެވެ.

އެ ފަރާތްތަކުން އެންމެ ބޮޑަށް ދައްކަނީ އެތަން ތަަރައްގީ ކުރަނީ އިންޑިއާ ސިފައިން ތިބޭން ކަމަށް ބުނެއެވެ. އަދި އެ އެއްބަސްވުން އާއްމު ކުރުމަށްވެސް އެ ފަރާތުން ގޮވާލަމުން ގެންދެއެވެ. ނަމަވެސް އެތަނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ގޮތަށް ހަމަޖެހިފައި ނުވާކަމަށް ސަރުކާރުން ތަކުރާރު ކޮށް އަންނަނީ ބުނަމުންނެވެ. ނަމަވެސް އެއީ ސަލާމަތާ ގުޅުން ހުރި ކަންތައްތަކެއް ހިމެނޭ އެއްބަސްވުކަމަށްވާތީ މިހާތަނަށް އައިިއިރު އެ އެއްބަސްވުން އާއްމު ކޮށްފައެއް ނުވެއެވެ.