ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ނޯތު މެސަޑޯނިއާ ބަލިކޮށް، ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަނު ވެއްޖެއެވެ.

ޖަރުމަނުން ރޭ ކުޅުނު މެޗުގައި ނޯތު މެސަޑޯނިއާގެ މައްޗަށް ކުރިހޯދީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ކައި ހަވާޓްސް އާއި ޓީމޯ ވާނާގެ އިތުރުން ޖަމާލް މުސިއާލާ އެވެ. މެޗުގައި ވާނާގެ ދެ ގޯލު ފެނިގެން ގޮސްފައިވާއިރު، މުސިއާލާ ޖެހި ގޯލަކީ ޖަރުމަނުގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. މުސިއާލާ އަކީ ޒުވާން ދުވަސްވަރު އިންގްލެންޑު ޔޫތު ޓީމަށް ކުޅެފައިވާ ކުޅުންތެރިއެވެ.

މެޗުގައި ފެނިގެން ދިޔަ ހަތަރު ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ޖަރުމަނުން ޖެހި ފުރަތަމަ ގޯލު ކައި ހަވާޓްސް ޖެހީ ތޯމަސް މުލާގެ އެސިސްޓަކުންނެވެ. ދެން ފެނުނީ ވާނާގެ ދެ ގޯލެވެ. މުލާގެ ފްލިކަކުން ވާނާއަށް ފަހިވި ފުރުސަތުގައި އޭނާ ބޯޅަ ގޯލު ތެރެއަށް ނިންމާލި އިރު، ވާނާގެ ދެވަނަ ގޯލަކީ ގޯލުގެ ކަނަށް އޮޅާލި ބޯޅައެކެވެ.

މެޗުގައި މުސިއާލާ ޖެހި ގޯލަކީ އަޑެޔެމީގެ ޕާހަކުން ޖެހި ގޯލެކެވެ.

ކޯޗު ހާންސީ ފްލިކާއެކު ޖަރުމަނުން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު، މިއީ ޖަރުމަނުން ވޯލްޑް ކަޕަށް ކޮލިފައިވި 20 ވަނަ ފަހަރެވެ. ޖަރުމަނަށް ވުރެ ގިނައިން މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ހަމައެކަނި ޓީމަކީ ބްރެޒިލެވެ. އެއީ ޖުމްލަ 21 ފަހަރަށެވެ. ޖަރުމަނުން މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާއިރު، އެންމެފަހުން އެޓީމުން ވޯލްޑް ކަޕް ނެގީ 2014 ވަނަ އަހަރުއެވެ. ޖަރުމަނާއެކު މިވަގުތު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ޔަގީންކޮށްފައި ދެން އޮތް ހަމައެކަނި ޓީމަކީ ހޯސްޓް ގަތަރެވެ.