އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗުގެ ޓިކެޓު މާދަން ވިއްކާނީ ސޯޝަލް ސެންޓަރުން ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ހޯމް ޓީމަށް މިފަހަރު 3000 ޓިކެޓު ވިއްކަން ހަމަޖައްސާފައިވާ ކަމަށާއި، ކޮންމެ މީހަކަށްވެސް ދޫކުރަން ހަމަޖެހިފައި ވަނީ ދެ ޓިކެޓު ކަމަށެވެ. ސޯޝަލް ސެންޓަރުގެ ތިން ކައުންޓަރަކުން ޓިކެޓު ވިއްކަން ނިންމާފައިވާ ކަމަށް ބައްސާމް ފާހަގަކުރައްވާފައި ވާއިރު، އަވޭ ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކަން ނިންމާފައިވާ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ. ޓިކެޓު ވިއްކަން ފަށާނީ 10:00 ގައެވެ.

ރާއްޖެއިން އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޓިކެޓުގެ މައްސަލަތަކެއް ވަނީ ކުރިމަތި ވެފައެވެ. ގައުމީ ދަނޑުގައި ކިޔޫގައި ޖެހުނު ގިނަ ބަޔަކަށް ޓިކެޓު ނުލިބި އެތަނުގައި ގިނަ ބަޔަކު މުޒާހަރާކޮށް އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ. އެ މައްސަލަ ހޫނުވެ، އެފްއޭއެމްއިން ވަނީ އިތުރު 1000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކާފައެވެ. އެ 1000 ޓިކެޓަކީ ކުޅުންތެރިންގެ އާއިލާ އާއި ކްލަބުތައް، އަދި ސްޕޮންސަރުންނަށް ނަގާފައިވާ 2500 ޓިކެޓު ތެރެއިން ބައެއް ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

ރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗު އޮންނާނީ 13 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.