އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން އާދީއްތަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށް މުހިއްމު ތިން ޕޮއިންޓު ހޯދައިފިއެވެ. ދަނޑުން ފެނިގެން ދިޔައީ ޖޯޝާއި ފޯރިއެވެ. ގައުމީ ޓީމާއި ދިވެހި ރައްޔިތުން ވަނީ ގުޅި ލާމެހިފައެވެ. ޓިކެޓަކަށް ކުރާ މަސައްކަތަކާއި، ދެގަޑިއިރު ތިން ގަޑިއިރު ކުރިން ދަނޑު ކައިރިއަށް ޖަމާ ވެ، ނަގާ ފޯރިން އެކަން ސާފެވެ. އެއީ މުހިއްމު ކަމެކެވެ. އެއީ މި ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމަށް އޮތް އެންމެ ބޮޑު ބާރެވެ. ހޯމްގެ "ލޯތްބަކީ" އެންމެ ބޮޑު ނަސީބެވެ. ފުރަތަމަ މެޗުން ބަލިވެ މާޔޫސް ވި ޓީމު ނަގައިދިނީ 12 ވަނަ ކުޅުންތެރިޔާއާއެކު ޓީމު ތެރޭގެ ރޫހުންނެވެ. އިއްޔެގެ މެޗުގައިވެސް ވަކި ދެރައެއް ނޫނެވެ.
އުމުރުން 36 އަހަރު ނަމަވެސް ރާއްޖެއަށް އަދިވެސް އަލީ އަޝްފާގު (ދަގަނޑޭ) އަށް ބަރޯސާ ވެވިދާނެއެވެ. ހިތްވަރު ނެރެ، ޓީމު ލީޑުކޮށް ދަނޑުމަތިން އޭނާ ދެއްކީ "ލެޖެންޑެއް"ގެ އަސްލު ކުޅުމެވެ. މެދުތެރެއަށް ވަދެ ދުއްވާލި ހިތްގައިމު ޕާސްތަކާއެކު އޭނާ ޖެހި "ޑިސައިސިވް" ގޯލުން ދަގަނޑޭގެ ފެންވަރު އޭނާ ސާބިތުކޮށްދިނެވެ. މަސައްކަތުގެ ރޭޓަށް ބަލާއިރު އަދިވެސް ރާއްޖެ ޓީމުގެ އެއް ނަންބަރަކީ ހަމަ ދަގަނޑޭ އެވެ. އެއީ އޭނާ ފުޓުބޯޅައަށް ދޭ ލޯތްބެވެ. އެއަށް ބަދަލެއް ނާންނާނެ އެވެ. އުމުރަކީ ދަގަނޑޭ އަށް އަދަދެކެވެ. އެފަދަ ދެވަނައެއް މި ދިވެހި ދަނޑު ނުދެކެއެވެ.
ދެން އޮތީ އާދީއްތަ ދުވަހުގެ މެޗުން ހާއްސަވި ހައިޝަމް ސަލީމްގެ ވާހަކައެވެ. "އޭނާއަކީ ދިވެހި ރާއްޖޭގެ މާސެލޯ،" "އެއީ ޖަވާހިރެއް،" ހައިޝަމް އަށް އަމާޒުކޮށް ސަޕޯޓަރުންގެ ބަސްތައް ހުރީ މިހެންނެވެ. ބޮޑު މުބާރާތެއްގައި އަދި ހައިޝަމް މި ފެނިލީ އެވެ. ލީގުގައި ކުޅޭ މެޗުތަކުގައި ތަފާތުކޮށް، އެއް ފެންވަރެއްގައި މިދިޔަ ދެ ސީޒަނެއްގައިވެސް ހައިޝަމް ދިޔައީ ކްލަބު އީގަލްސް އަށް ކުޅެމުންނެވެ. އޭނާ ބައިނަލްއަގުވާމީ މަންޒަރަށް އައިސް ފުރަތަމަ ފެނިލުމުންވެސް ދިވެހީންގެ ހިތްތައް އަތުލައިފިއެވެ. ލަންކާ މެޗުގައި ޖެހި ގޯލަށް ދަގަނޑޭއަށް ފުރުސަތު ތަނަވަސް ކޮށްދިނީވެސް ހައިޝަމް އެވެ. އެ ފަޅިން ލަންކާއަށް ދެމިގަނެ، އެޓޭކް ކުރެވޭނެ ހުރިހާ މަގެއްވެސް ހައިޝަމް ބަންދު ކުރީ ކޮންފިޑެންސާ އެކުގައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާ ވެ އޭނާ ބާލަން ޖެހިފައިވެއެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ފައިސަލް އެވެ. އޭނާއަކީ މި ސަރަހައްދުގެ އެންމެ މޮޅު އެއް ގޯލްކީޕަރުކަން ސާބިތުކޮށްދީ ފައިސަލް ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އެހާ މުހިއްމު ލީޑަރެއް ދަނޑު މަތިން ގެއްލުމަކީ ލިބުނު މާޔޫސް ކަމެކެވެ. އެހެން ނަމަވެސް މެޗުގެ ބޮޑުބައެއްގައި ގޯލު ބެލެހެއްޓި މުހައްމަދު ޝަފީއު (ޗެކް)ވެސް ވަނީ ކޮލިޓީ ހިފަހައްޓައި، މެޗުގެ ކްލީން ޝީޓު ދަމަހައްޓައިފައެވެ.
އިއްޔެ މެޗަކީ ސާފް ޗެމްޕިއަންޝިޕުގައި ޗެކް ކުޅުނު ފުރަތަމަ މެޗެވެ. އަދި އެ މެޗަކީ ގައުމީ ޖާޒީގައިވެސް ޗެކް ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަންގެ ކުރީކޮޅުގައި ޗެކް ވެލެންސިއާ އަށް ފުލްކޮށް ކުޅެ، ލީގުގެ ފުރަތަމަ ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައިވެއެވެ. ޗެކަށް އިތުބާރު ކުރެވުނު ނަމަވެސް އިންޑިއާ ފަދަ ސަރަހައްދީ ގަދަ ބާރަކާ ދެކޮޅަށް ނުކުންނައިރު، އަދިވެސް ފައިސަލްގެ ތަޖުރިބާ މުހިއްމުވާނެއެވެ.
އަނިޔާގެ ތަފްސީލު ސޯޝަލް މީޑިއާގައި ހާމަކުރަމުން ފައިސަލް ބުނެފައި ވަނީ ސަޕޯޓަރުންގެ ހެޔޮ ބަސްތަކާއި ހެޔޮ ދުއާއަށް ޝުކުރު އަދާކުރާ ކަމަށާއި، ﷲގެ އިރާދަފުޅުން ޓެސްޓުތަކުގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ. ފައިސަލްގެ ޕޯސްޓުގައި ބުނެފައި އިރާދަކުރެއްވިއްޔާ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށާއި، ގައުމީ ޖާޒީގައި ފުރަތަމަ މެޗު ކުޅުނު ޗެކަށާއި ހަސަން ރާއިފް (ހަންނަ)އަށް މަރުހަބާ ކިޔާ ކަމަށެވެ.
ލަންކާ މެޗުން މޮޅުވެ ރާއްޖެއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި ރާއްޖެ އޮތް އިރު، އެއްވަނައިގައި އޮތީ ނޭޕާލެވެ. ރާއްޖެއާ ނޭޕާލު ޕޮއިންޓުން އެއްވަރު ވެ، ފައިދާ ގޯލެއް ރާއްޖެ އަތުގައި އިތުރަށް އޮތް ނަމަވެސް ރާއްޖެ ދެވަނައިގައި އޮތީ ސާފްގެ އުސޫލު ބުނާ ގޮތުން ހެޑް ޓު ހެޑް ރެކޯޑަށް ބަލައިގެންނެވެ. ސާފްގެ އުސޫލު ބުނާ ގޮތުން ހެޑް ޓު ހެޑް މެޗަށް ބަލައިގެންވެސް އެއްވަރު ވާ ނަމަ، ދެން ބަލާނީ ފައިދާ ގޯލަށެވެ. މިވަގުތު ތާވަލުގެ ތިންވަނައިގައި އިންޑިއާ އޮތީ ތިން މެޗުން ފަސް ޕޮއިންޓު ހޯދައިގެންނެވެ. ބަންގުލަދޭޝްއަށްވެސް ފައިނަލުގެ ބޮޑު ފުރުސަތެއް އޮތްއިރު، ތިން މެޗުން އެޓީމަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.
ދެން ރާއްޖެއަށް ފައިނަލަށް އޮތީ ކޮން ފުރުސަތެއްތޯ ގިނަ ބަޔަކު ސުވާލު ކުރާނެއެވެ. ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ދެން ބާކީ އޮންނާނީ ދެ މެޗެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރު ބަންގުލަދޭޝްއާއި ނޭޕާލް ވާދަކުރާ އިރު، އެރޭ އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
ރާއްޖެއަށް އިންޑިއާ އަތުން ޕޮއިންޓެއް ހޯދައިގެންވެސް ފައިނަލް ޔަގީން ކުރެވިދާނެއެވެ. އެހެން ނަމަވެސް ބަލިވެއްޖެނަމަ ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލޭނެއެވެ. އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު ވެގެންދާނީ ދެޓީމަށްވެސް ފައިނަލަކަށެވެ. އަނެއްކޮޅުން އެ ދުވަހު ހަވީރު ބަންގުލަދޭޝްއާއި ނޭޕާލު ކުޅޭ މެޗަކީވެސް މަރުގެ މެޗެވެ. ބަންގުލަދޭޝް އަށް އޮތީ ނޭޕާލް ބަލިކުރުމެވެ. އެ މެޗު އެއްވަރު ވެއްޖެނަމަވެސް ފައިނަލަށް ދާނީ ނޭޕާލެވެ.
އިންޑިއާއަކީ އަދިވެސް މި ރީޖަންގެ ޓެކްޓިކަލީ އެންމެ ރަނގަޅު ޓީމު ކަމަށް ބުނެވިދާނެއެވެ. މިއީ ރާއްޖެ ފަދަ ޓެކްނިކަލީ ރަނގަޅު ޓީމަކަށް ބުނެވޭނެ ދެރަ ބަހަކަށް ނުވާނެއެވެ. ސަބަބަކީ އިންޑިއާއަށް ތިން މެޗުން އެއް މޮޅު ހޯދުނު ނަމަވެސް އަދި ބަލިވެފައެއް ނުވެއެވެ. އެޓީމުގެ ޕާސިން ފްލޯއަކީ އަދިވެސް އެންމެ ވަރުގަދަ އެއް ޕާސިން ގޭމެވެ. އޭގެ އިތުރަށް އިންޑިއާއިން މެޗުގެ ތެރޭގައި ބޭނުން ކުރާ ޓެކްޓިކަލް ވިސްނުމަށް ބަލާއިރު، ތަފާތު ސްޓައިލްތަކުގައި ކުޅުނު ތަން ވަނީ މި މުބާރާތުންވެސް ފެނިފައެވެ. އަދި އިންޑިއާ ފެނުނީ އެންމެ ބޮޑަށް ފުރަތަމަ 11 އަށް ބަދަލުތަކެއް ގެންނަ ޓީމުގެވެސް ގޮތުގައެވެ.
މިހާތަނަށް އިންޑިއާއިން ކުޅުނު ތިން މެޗުގެ ފުރަތަމަ 11 އަށް ނުކުތް ކުޅުންތެރިންނަށް ބަލާއިރު، ޖުމުލަ 19 ކުޅުންތެރިޔަކު ކޯޗު ވަނީ ތިން މެޗުގެ ފުރަތަމަ 11 ގައި ބޭނުން ކޮށްފައެވެ. ތިން މެޗުގެ ފުރަތަމަ 11 ގައިވެސް ހިމެނުނު ހަމައެކަނި ކުޅުންތެރިންނަކީ ކެޕްޓަން ސުނިލް ޗެތުރީ އާއި ސުބަހަޝީސް ބޯޝްގެ އިތުރުން ގޯލްކީޕަރު ގްރަޕްރީތު ސިންހް އަދި ޑިނެންޑަރު ރާހުލް ބެކޭއެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި ފެނުނު އެންމެ ކުޅަދާނެ އެއް ޑިފެންޑަރު، އަދި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ނަޒަރުގައި އެ ހުރިހާ ކުޅުންތެރިން އިންޑިއާއަށް ބޭނުން ކުރެވެނީ ޓީމުގައި އެއް ފެންވަރެއްގެ ކުޅުންތެރިން ގިނަ ވުމުންނެވެ. މިސްޓޭކް ހަދާ ކުޅުންތެރިޔާ ބާލައި، އިތުރު ކުޅުންތެރިޔަކު އަރުވަން އިންޑިއާއަށް ފުރުސަތު އޮތީ ގިނަ ކުޅުންތެރިންގެ މެޗުއާރިޓީ ހުރުމުން ކަމަށްވެސް ސޮބާ "ވަން"އަށް ބުންޏެވެ.
ސޮބާގެ ނަޒަރުގައި އިންޑިއާ މެޗު ރާއްޖެއަށް އުނދަގޫ ވާނެ އެވެ. ހާއްސަކޮށް އިންޑިއާގެ ސެޓް ޕީސްތަކަށް ރާއްޖެ ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.
"ރާއްޖެއަށް އެންމެ އުނދަގޫ މެޗަށް ވާނެ އިންޑިއާ މެޗު. ފުރަތަމަ ދެމެޗު އާދައިގެން ކޮށް ފެނުނީ. ކޯޗާ ދެމެދު ޓީމު ތެރޭގެ އެތެރޭ މައްސަލަތައް އެބަހުރި ކަމަށް ބޮޑަށް ބެލެވެނީ. ހަޔާތުގައިވެސް ނުދެކެން އިންޑިއާ އެހާ ދައްކޮށް ކުޅުނު މެޗުތަކެއް. އެކަމަކު އިންޑިއާ ރާއްޖެއާ ކުޅޭއިރު ހުރިހާ ގޮތަކުންވެސް ވަރުގަދަވާނެ ކަމަށް ބެލެވެނީ. ރާއްޖޭގެ ޓީމު އަދިވެސް އޯގަނައިޒް ކުރަން ޖެހޭ. ފިޓްނަސް ލެވެލް ދަށްވީމަ ކޮންސަންޓްރޭޝަން ގެއްލިގެންދާ ވަގުތުތަކެއް އެބައާދޭ. 90 މިނެޓު ފުލް ކޮންސަންޓްރޭޝަންގައި ކުޅެން ޖެހޭ. އިންޑިއާގެ ކޯނަރުތަކާއި އަރިމަތީގެ ހިލޭ ޖެހުންތަކަށް ސަމާލު ވާން ޖެހޭ. އެޓީމު ވަރަށް އޯގަނައިޒް ވާނެ. ވަރަށް ބޮޑަށް ދެ ފުލްބެކުން ރާއްޖޭ ޓީމަށް ބޭނުންވާނެ،" ސޮބާ ބުންޏެވެ.
ސޮބާ ބުނެފައި ވަނީ ރާއްޖެއިން ގޭމް ކޮންޓްރޯލު ކުރަން އަދިވެސް ސަމާލުކަން ދޭން ޖެހޭ ކަމަށާއި، ޕާސް ޖަހައިގެން އަދިވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން ޖެހޭ ކަމަށެވެ. ޕާސްތައް އަދިވެސް އިތުރުކުރަން ޖެހޭ ކަމަށް ސޮބާ ފާހަގަކޮށްފައިވާއިރު، އޭނާގެ ނަޒަރުގައި އިންޑިއާއަށް ނުރައްކާ ކުރަން އަދިވެސް ބޮޑަށް ރާއްޖޭގެ ފުލްބެކުން ކުރިއަށް ޖެހި ހުރަސްތައް ވެސް ޖަހަން ޖެހެއެވެ.
މިއީ އިންޑިއާގެ ނުރައްކަލަށް ސަމާލުވުމަށް ފާހަގަ ވި ކަންކަން ނަމަވެސް، ރާއްޖެއަށް އޮތީ ސަޕޯޓަރުންގެ ހެޔޮ ދުއާއެވެ. ރައްޔިތުން ޓީމަށް ދޭ ލޯތްބާއެކު އިންޑިއާ ބަލިކޮށް ފައިނަލަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މީގެ ކުރިންވެސް ރާއްޖެއިން އެ ވަރުގަދަ އިންޑިއާ ބަލިކުރި އެވެ. 2008 ގެ ފައިނަލާއި 2018 ގެ ފައިނަލުގައެވެ. މިހާރުގެ ޓީމަށް އެ އިތުބާރު ފުރިހަމައަށް ދެވެއެވެ. އެއީ ގައުމަށް ޓަކައި ކުޅެމުން އަންނަ ހިތްވަރުގަދަ ޓީމެކެވެ. ގައުމީ ރޫހުގައި، އެންމެން އެކުގައި އިންޑިއާ ބަލިކޮށް ރާއްޖެ ފައިނަލަށް ނުދާންވީ ސަބަބެއް ނޯންނާނެއެވެ. އިންޝާ ﷲ މިއީ ތިންވަނަ ފަހަރެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް