އައްޑޫސިޓީގައި ތަރައްގީކުރަމުން އަންނަ ޕޮލިސް އެކެޑެމީ އަންނަ އަހަރުގެ މާޗްމަހު ހުޅުވަން ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އެތަން ހުޅުވުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެތަނުގެ ހިދުމަތް ފެށުން މިހާރުވެސް ވަރަށް ބޮޑުތަނުން ލަސްވެފައިވާ ކަމަށެވެ.

ފުލުހުންގެ ހިދުމަތް ރަނގަޅަށް ފޯރުކޮށްދިނުމަށް ފުލުހުން ތަމްރީން ކުރާނެ މަރުކަޒެއް ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުލުހުންގެ ހިދުމަތް ފެށިފަހުން 16 އަހަރު ދުވަސް ވޭތުވެފައިވާއިރު ފުލުހުންނަށް ރަނަގަޅު ތަމްރީނު ދޭނެ މަޒުކަޒެއް ގާއިމު ވެފައި ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހަމަޖެހިފައިވަނީ، ފުލުހުންގެ ދެން އަންނަ އަހަރީ ދުވަސް ކަމުގައިވާ ނުވައެއް މާޗުގައި އެތަން ހުޅުވުމަށް ކަމަށެވެ.

"އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ނަމުގައި އައްޑޫސިޓީގައި ގާއިިމްކޮށްފައިވާ ޓްރެއިނިންގް ސެންޓަރަކީ އިންޑިއާގެ އެހީގައި ގާއިމުކޮށްފައިވާ ތަނެކެވެ.

އެތަނުގެ ވަސީލްތަކުގެ ތެރޭގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.