ފުޓުބޯޅަ އަކީ ހުރިހާ ގައުމަކުންވެސް ހާއްސަ އިސްކަމެއްދީގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ބެލުމަށް އެތައް ބަޔަކު ޝައުވެރިވެ އެވެ. ކޮންމެ ގޮތެއް ހަދާފަި ނަމަވެސް ދަނޑަށް ވަދެ މެޗު ބަލައިލަން ދިއުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ބޮޑު ފަހުރެކެވެ. ވަކިން ހާއްސަކޮށް އެގައުމެއްގެ ގައުމީ ޓީމު ކުޅޭ މެޗުތަކަށް ހާއްސަ އިސްކަމެއް ދެ އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ސާފު ޗެމްޕިއަން ޝިޕް ފުޓުބޯޅަ މުބާރާތް ބެލުމަށް އެދުވަހަކު ކުޅޭ ދެ ގައުމެއްގެ ރައްޔިތުން މުޅި ދަނޑު ފުރާލަ އެވެ. މިހާތަނަށް އަށް ވަރަކަށް މެޗު ކުޅުނު އިރު އިއްޔެ، އަވަށްޓެރި ސްރީލަންކާ އާއި ރާއްޖެ ކުޅުނު މެޗުގެ ސަޕޯޓަރުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައިރު ގިނަ ބަޔަކު ޝެއާކޮށް، ޖޯކު ޖަހައި ދޫކޮށްލި ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
އެ ފޮޓޯ އަކީ ސްރީލަންކާ ސަޕޯޓަރަކު ކެމެރާމަނުންނަށް ދޫކޮށްލި މެސެޖެއް ލިޔެފައި އޮތް ފޮޓޯ އެކެވެ. އެ މެސެޖުގައި ބުނެފައިވަނީ، އޭނާގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ މެޗު ބަލަން އިއްޔެ ދަނޑަށް އައީ މަސައްކަތް ކުރާ ތަނުގައި ބަލި ކަމަށް ބުނެފައި ކަމަށާއި މި މެޗު ބަލަން އޭނާގެ އެޗްއާރު އިންނާނެ ކަމަށެވެ.
މި ފޮޓޯއަށް އެތައް ބައެއްގެ ޝައުގުވެރިކަން ލިބުނު އިރު ގިނަ ބަޔަކު ޖޯކުވެސް ޖެހި އެވެ. އަނެއް ބަޔަކު ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެ މީހުންގެ ގައުމީ ޓީމު މެޗު ކުޅޭ ދުވަހު ރިލީސްކޮށްދިނުމަށް ގޮވާލައިފަ އެވެ. މިއީ ބައެއް ކުންފުނިތަކުން އަމަލު ކުރަމުން އަންނަ ގޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ފޮޓޯ މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ޝެއާ ކޮށްފައިވާއިރު މިއީ މިފަހުގެ ތާރީހެއްގައި ސަޕޯޓަރަކު ކެމެރާމަން ކައިރިން އެދުނު އެންމެ މަޖާ އެއް ކަންތަކެވެ. ބައެއް މީހުންނަކީ ކެމެރާއަށް އަރާ ހިތުން ތިބޭ ބައެއް ނަމަވެސް މި ސަޕޯޓަރު ވަޒީފާގެ ބިރަށް ކެމެރާއަށް އަރާން ބޭނުން ނުވީ އެވެ. އެކަމަކު ވެސް އަމިއްލަ ގައުމު ކުޅޭ ދުވަހު ސަޕޯޓު ދޭން ދަނޑަށް ދިއުން މުހިންމު ވީ އެވެ.
ދާދި ފަހުން ރާއްޖެއިން ބޭރުގެ ގައުމެއްގައިވެސް ވަޒީފާ އަދާ ކުރާ ތަނުގައި ބަލި ކަމަށް ބުނެ ފުޓުބޯޅަ ބަލަން ދިޔަ މީހަކު ލައިވްކޮށް ޓީވީން ފެނި އޭނާގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެއީ ދޮގު ހަދައި މަކަރު ހެދި ކަމަށް ބުނެ އެވެ. ފަހަރުގައި މި މުވައްޒަފަށްވެސް އެފަދަ ކަމެއް ކުރިމަތިވެދާނެތީ ބިރުގަތީ ކަންނޭނގެ އެވެ. އެކަމަކު ކެމެރާމަނަށް ދިން މެސެޖު ލިޔެފައި އޮތް ގަނޑުކޮޅު ހިފަހައްޓާލައިގެން ފޮޓޯ އަކަށް އޭނާ ހުއްޓިގެން ހުރީ ވަރަށް ހެވިފަ އެވެ.
ސާފު ޗެމްޕިއަންޝިޕުގައި މިފަހަރު ދިމާވި މިފަދަ އަނެއް ކަމަކީ ހުދު ކުލައިގެ ޓީޝަޓެއްގެ ފުރަގަހުގައި ޖޯޒީއެއް ގަންނަން ފައިސާ ނެތް ކަމަށް ބުނެ އޭނާގެ އެކައުންޓު ނަންބަރާއެކު އާންމުންނަށް ދިވެއްސަކު ދޫކޮށްލި މެސެޖެކެވެ. އޭނާގެ ފުރަގަހުން ނަގާފައިވާ ފޮޓޯއާއެކު މުޅި ސޯޝަލް މީޑިއާގައި އޭނ އަށް އެހީތެރިވުމަށް ފަންޑުރައިސިން ހަރަކާތެއް ގޮތަށް ހަރަކާތް ކުރިއަށް ގެންދިޔަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އޭނާ އަށް ޖޯޒީ އާއި ފައިސާގެ އެހީވެސް ދީފަ އެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް