ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކޮށް އިތުރު ހަތަރު އޮފިސަރުން މަގާމުން ވަކި ކުރުމަށް 10 ދުވަހުގެ ނޯޓިސް ދީފިއެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ޕޮލިސްބޯޑުން ވަކި ކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން، އިއްޔެ ވަކި ކޮށްފައިވާ ދެ އޮފިސަރުންނަކީ މީގެ 10 ދުވަސްކުރިން ނޯޓިސް ދިން ދެ އޮފިސަރުންނެވެ. އެމީހުންނަށް ދިން ނޯޓިހުގެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ. އެހެންކަމުން އެމީހުން މަގާމުން ވަކިކޮށް ޗިޓާ ހަވާލު ކުރުމަށް ފުލުހަށް ހާޒިރުވާން އެންގި ނަމަވެސް ޗިޓާ ހަވާލުވުމަށް އެމީހުން ފުލުހަށް ހާޒިރު ވެފައި ނުވާ ކަމަށް އެނގިފައިވެ އެވެ.

މަގާމުން ވަކި ކުރުމަށް 10 ދުވަހުގެ ނޯޓިސް އިއްޔެ ދިން މީހުންގެ ތެރޭގައި ހިމެނެނީ، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ނަމަވެސް ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ދީފައިވާކަން އެނގިފައެއް ނުވެއެވެ. އޭނާ މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ޕޮލިސް ބޯޑުގެ ނިންމުމުގެ މަތިން އޮފިސަރުންތަކެއް ވަކި ކުރަމުންދާއިރު، އޭގެ ތެރެއިން ބައެއް އޮފިސަރުންގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލްކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އޭގެ ތެރެއިން ފަސް އޮފިސަރެއްގެ ފަރާތުންނެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި އަބްދުﷲ ޝަރީފާއި މުހައްމަދު ދާވޫދެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށްވެސް މި މައްސަލަ ވަނީ ހުށަހަޅައިފައެވެ.