އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ސްރީ ލަންކާ ބަލިކޮށް، ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ގޯލު ފުރަތަމަ ކޮޅުގައި ޖެހީ އަލީ އަޝްފާގު (ދަގަނޑޭ)އެވެ. މިއީ ދަގަނޑޭ މުބާރާތުގައި ޖެހި ދެވަނަ ގޯލެވެ. އޭނާ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 22 ގޯލު ޖަހައިފައިވާ އިރު، އެއީ ސާފްގެ ރެކޯޑެކެވެ.

ރާއްޖެއާއި ސްރީ ލަންކާ މީގެ ކުރިން 19 ފަހަރަށް ވާދަކޮށްފައިވާ އިރު، އޭގެ ތެރެއިން ހަތް މެޗަކުން ރާއްޖެ މޮޅުވެފައިވެއެވެ. އެންމެފަހުން ރާއްޖެ އަތުން ލަންކާ މޮޅުވީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 1-0 އިންނެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުވެސް އޮތީ ރާއްޖޭގެ އަތުގައެވެ.

ލަންކާ މާޔޫސްކޮށްލާ ޓީމެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮތް އިރު، މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަތުން ލަންކާ މޮޅުވެފައެއް ނުވެއެވެ. ސާފް ޗެމްޕިއަންޝިޕް ތާރީހުގައިވެސް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީވެސް ރާއްޖެއާއި ލަންކާ މެޗެއްގައެވެ. 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ލަންކާ ބަލިކުރީ 10-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ހަ ގޯލު ޖެހިއެވެ.

ސަޕޯޓަރުން ފުރާލާފައި އޮވެ ގައުމީ ޓީމަށް ހިތްވަރު ދެމުން ދިޔަ މެޗު ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. މެޗުގެ ހަވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން މުޅި ސްޓޭޑިއަމް ކައްކުވައިލިއެވެ. އަރިމަތިން ޑިފެންޑަރު ހައިޝަމް ސަލީމް ނަގައިދިން ހިތްގައިމު ހުރަސް ދަގަނޑޭ ގޯލަށް ބޯޅަ ވައްދާލީ ބޮލުންނެވެ.

ގޯލަށްފަހުވެސް ހާފުގެ ކުރީކޮޅުގައި ރާއްޖެއަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދިޔަތަން ފެނުނެވެ. އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ހަމަލާއެއް ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރި އިރު، އޭނާއަށް ވަނީ އިތުރު ފުރުސަތެއްވެސް ލިބި ބޭކާރުވެފައެވެ. އޭގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ކޭއްތިލައިފައެވެ.

ހާފުގެ ކުރީކޮޅުގައި ރާއްޖެއިން މެޗު ކޮންޓްރޯލުކޮށްގެން ކުޅުނު ނަމަވެސް ހާފުގެ 20 ވަރަކަށް މިނެޓުފަހުން ރާއްޖޭގެ ފަހަތުން ކޮންމެވެސް ވަރަކަށް ގޯސްތަކެއް ހެދިތަން ފެނިގެން ގޮސްފައިވެއެވެ. ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ސަމޫހު އަލީ (ސަމުއްޓެ)ގެ ދެ ގޯހެއް ފެނިގެން ދިޔަ ނަމަވެސް ރާއްޖެ ސަލާމަތްވިއެވެ. ލަންކާއަށް މާ ބޮޑު ނުރައްކަލެއް އެވަގުތުގައި ކުރިމައްޗެއް ނުކުރެވުނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވެއެވެ. ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ޝަފީއު (ޗެކް)އެވެ. މިއަދުގެ މެޗަކީ ސާފް ޗެމްޕިއަންޝިޕުގައި ޗެކް ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަންގެ ކުރީކޮޅުގައި ޗެކް ވެލެންސިއާއަށް ފުލްކޮށް ކުޅެ، ލީގުގެ ފުރަތަމަ ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައިވެއެވެ.

ހާފު ނިމެން ދަނިކޮށްވެސް ރާއްޖެއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ. ސެންޓޭއާއި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާވެސް މަތަކުރީ ސުޖަންއެވެ.

ދެވަނަ ހާފު ރާއްޖެއިން ފެށީ އިތުރު ރޫހެއްގައެވެ. ހާފުގެ ކުރީކޮޅުގައި ރާއްޖެއިން ފުލުފުލުގައި ހަމަލާތައް އުފެއްދިއެވެ. އަރިމަތިން ހަމްޕު ޖެހި ބާރު ބޯޅައެއް ލަންކާގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާ އިރު، ދަގަނޑޭއަށް ލިބުނު ދެ ފުރުސަތަކަށް ހުރަސް އެޅީ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އީގަލްސްއަށް ކުޅެފައިވާ ލަންކާ ގޯލްކީޕަރު ސުޖަންއެވެ.

ރާއްޖެއިން ވަރުގަދައަށް ހާފު ފެށި ނަމަވެސް ދެން ފެނުނީ ޓީމު ވަރަށް ބޮޑަށް "ވަނދު" ވެގެން ދިޔަތަނެވެ. އެޓޭކިން ތާޑުންވެސް ބޯޅަތައް ގެއްލެމުންދިޔަ އިރު، ފަހަތުންވެސް ބައެއް ގޯސްތައް ހަދައި، ލަންކާއިން އެޓޭކުތައްވެސް ކުރިތަން ފެނުނެވެ. ކަވިންދޫ އިޝާންގެ ނުރައްކާތެރި ދެ ހަމަލާއެއް މެޗުގައި ފެނިގެން ދިޔަ އިރު، ރާއްޖެއިން މެޗަށް ވަންނަން ބަދަލުތަކެއްވެސް ކޮށްފައިވެއެވެ. ދަގަނޑޭގެ ބަދަލުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) މެޗަށް ނުކުމެފައިވާ އިރު، ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ އިތުރުން ހަމްޕުގެ ބަދަލުގައި ހަސަން ރާއިފް (ހަންނަ) ވެސް މެޗަށް ނުކުމެފައިވެއެވެ.

ހާފުގެ ފަހު ކޮޅުގައި ރާއްޖެއަށްވެސް އެންމެ އެކަށޭނެ ހަމަލާއެއް އުފައްދަން އުނދަގޫ ވެފައިވާ އިރު، ދެޓީމުވެސް ފެނުނީ ވަރުބަލިކޮށެވެ. އެހެންނަމަވެސް މެޗުގެ ފަހު ފަސް ވަރަކަށް މިނެޓުގައި އަނެއްކާވެސް ރާއްޖެއިން ނުރައްކާ ކުރިއެވެ. ސެންޓޭގެ ހިލޭ ޖެހުމެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާ އިރު، ހަންނައަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލިއެވެ.

އަނެއްކޮޅުން ފަހު މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ލަންކާގެ ފަސަލް ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއަދުގެ މެޗުން މޮޅުވެ ރާއްޖެއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި ރާއްޖެ އޮތް އިރު، އެއްވަނައިގައި އޮތީ މިރޭ އިންޑިއާއާ ދެކޮޅަށް ނުކުންނަ ނޭޕާލެވެ. ލަންކާއަށް މުބާރާތުގެ ހުރިހާ މެޗެއް ނިމިފައިވާ އިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓަކާ އެކުގައެވެ. ލަންކާއިން ޕޮއިންޓެއް ހޯދީ އިންޑިއާ ކައިރީގައެވެ. ރާއްޖެއިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗަށް ރާއްޖެ ނުކުންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިރޭ އޮންނާނީ އިންޑިއާއާއި ނޭޕާލް ވާދަކުރާ މެޗެވެ.