ދެހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލައިގައި ބޭނުންވަނީ މަރަށް މަރުކަމަށް އަހުސަންގެ ވާރިސުން ބުނެފި އެވެ.
އަހުސަން މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހުންނަކީ، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި. މއ. ވީނަސްތަރި، ހަސަން ޝިމާޒް އެވެ.
އަހުސަންގެ މަރުގެ މައްސަލައިގައި މިމަހު ފަސް ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ވަނީ ޝަހުމް އާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. ޝަހުމްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. ޝަހުމް މިހާރު ވެސް ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ޝަރީއަތުގައި ވާރިސުންގެ ބަސް ނަގާ ގޮތަށް އޮތް ނަމަވެސް އެކަން ނުވުމުގެ ސަބަބުން ވަނީ ވާރިސުންގެ ބަސް ހޯދުން އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.
ވާރިސުންގެ ބަސް ހޯދުމަށްފަހު މިއަދު އެ މައްސަލައިގައި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އަހުސަންގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށާއި އެހެންކަމުން އެ ހާދިސާ ހިނގި ދުވަސްވަރު އަމަލު ކުރަމުންދިޔަ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، ޝަހުމަށް ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށެވެ. މިހާރު އަމަލުކުރާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބެލިޔަސް، ޝަހުމަށް ދެވޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ޝަހުމުގެ ދިފާއީ ވަކީލު އިބްރާހީމް ޝިޔާމް ވިދާޅުވީ، ޝަހުމްގެ މައްޗަށް ދައުވާ ކުރީ ކުރީގެގާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ އަދަބު ކަނޑައެޅުމުގައި މިހާރު ބަލަން ޖެހޭނީ މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ގާނޫނަށް ކަމަށެވެ. މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅިޔަސް، ޝަހުމަށް އަންނާނެ އަދަބަކީ މަރުގެ އަދަބު ކަމަށް ޝިޔާމް ވެސް ވަނީ ވިދާޅުވެފަ އެވެ.
މައްސަލައިގެ ދެން ހިމެނޭ ޝިމާޒުގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. ޝިމާޒުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލަން އެހީތެރިވިކަމުގެ ކުށުގެ ދައުވާ އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލަށް ރިއާޔަތް ކުރާއިރު، އަހުސަން މެރުމަށް ޓަކައި ޝިމާޒާއި ޝަހުމްއާ ދެމެދު އެއްބަސްވެފައިވާ ކަން ދައުލަތަށް ސާބިތުކޮށް ނުދެވުނު ކަމަށެވެ. އެހެންކަމުން ޝިމާޒްގެ މައްޗަށް ސާބިތުވަނީ މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ކަމަށާއި އެހެން ކަމުން އަސްލު ކުށް ކުރި މީހާއަށް ދެވޭ އަދަބު ޝިމާޒަށް ނުދެވޭނެ ކަމަށެވެ.
ފަނޑިޔާރުގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ޝިމާޒްގެ މައްޗަށް ކަނޑައެޅޭނީ 18 އަހަރަށް ޖަލަށްލުން ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން ޝިމާޒަށް އަދަބު ކަނޑައެޅިޔަސް، އަދަބުގެ ދަރަޖަ މަތިކުރަން ދައުލަތުން އެދުނެވެ. އެގޮތުން އާންމު ތަނެއްގައި ކުށްކުރުމާއި ކުށްކުރުމަށްފަހު ފިލައިގެން އުޅެފައިވާތީ ޝިމާޒްގެ އަދަބުގެ ތިން ދަރަޖަ މަތިކުރަން ޖެހޭ ކަމަށާއި އަދި އެގޮތަށް އަދަބު ކަނޑައެޅުމުން ޝިމާޒަށް ދެވޭނީ 17 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ އަދަބެއް ކަމަށެވެ.
ދައުލަތުގެ ވާހަކަތަކަށް ފަހު ޝިމާޒުގެ ދިފާއީ ވަކީލުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ދެވެން އޮތް އެންމެ ލުއި އަދަބެއް ޝިމާޒަށް ދޭން އެދޭ ކަމަށެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ޝަހުމް ބުނީ، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ އިސްލާމީ ޝަރީއަތާ ހިލާފަށް ކަމަށެވެ. އެގޮތަށް އޭނާ ބުނީ، ރާބޮއެގެން ހުރި މީހެއްގެ ވާހަކަ ހުކުމުގައި ބުނެފައިވާ ކަމަށާއި ރާ ބޮއެގެން ހުންނަ މީހެއްގެ ހެކިބަސް ގާބުލު ނުކުރެވޭނެ ކަމަށެވެ.
ޝަހުމުގެ އެ ވާހަކަތައް ހުއްޓުވުމަށް ފަހު ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ޝަހުމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، މިއީ ހަމައެކަނި އަދަބާ މެދު ވާހަކަ ދެއްކުމުގެ މަރުހަލާ ކަމަށެވެ. އެހެން ވެ، އަދަބާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޝަހުމް ބުނީ، އިސްލާމީ ޝަރީއަތަށް ރިއާޔަތް ނުކޮށް ކުރާ ހުކުމަކާ މެދު ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
ޝިމާޒް ބުނީ ވީހާ ވެސް ލުއި އަދަބެއް ދޭން އެދޭ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތު ވީ ޝަހުމް ފިލުވަން އެހީތެރިވުން ކަމަށްވާއިރު، އެފަދަ އެތައް ބަޔަކު ދައުވާ ނުކޮށް ދޫވެފައި އެބަ ތިބި ކަމަށެވެ. ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެހެން މީހުންނަށް ދައުވާ ކުރުމާއި ނުކުރުމަކީ މި މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލިސް ފަހުން ބާއްވާނެ ކަމަށެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑައިން ޑިކްލަރޭޝަން ނުވަތަ މަރު މަތީގައި ބުނި ބަހަކާ ގުޅިގެން ބައެއްގެ މައްޗަށް ދައުވާ ކުރި ފުރަތަމަ މައްސަލަ އެވެ. ހަމަލާއަށް ފަހު އަހުސަން ހޮސްޕިޓަލަށް ގެންދިއުމުން، އެތަނަށް ހާޒިރުވި ފުލުސް މީހާ ކައިރީގައި "ވަޅީ ޖެހީ ޝަހުމް އެންސީ، ޖަރުމަނު" ކަމަށް ބުނި ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު