ޚަބަރު

ފަނޑިޔާރުންގެ ނިންމުންތަކާ ގުޅިގެން ބިރުދައްކާނަމަ ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ: ފަނޑިޔާރުންގެ ޖަމިއްޔާ

މުހައްމަދު އިޝާން

ކޯޓަކަށް ހުށަހަޅާ މައްސަލައެއް ބެލުމަށްފަހު ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުންނަށް ބިރު ދައްކާނަމަ އަދުލު އިންސާފުގެ ދާއިރާއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ޝަރުއީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވާނެ ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއަކީ ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދަށުން 2008 މެއި 14 ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަމޑު މަގްސަދުތަކަކީ، ފަނޑިޔާރުންގެ ހިމާޔަތާއި މިނިވަން ކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމެވެ. އަދި އަދުލުއިންސާފު ގާއިމުކުރުމާއި، ޝަރީއަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަން، ކަމާއި ބެހޭފަރާތްތަކަށް ހުށަހެޅުމާއި، ފަނޑިޔާރުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަނޑިޔާރުންނަކީ އެމީހުންގެ މަސައްކަތަށް ގާބިލު ބައެއްގެ ގޮތުގައި ދެމިތިބުމަށް ޓަކައި އެކިއެކި ޕޮރޮގުރާމްތައް ރާވައި ހިންގުމުގެ އިތުރުން ޝަރުއީ ދާއިރާއާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، އަދި ޝަރުއީ ދާއިރާއާ މެދުގައި އާންމުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެހެން ރައްޔިތުންނެކޭ އެއްފަދައިން ފަނޑިޔާރުންނަކީ ވެސް މުޖްތަމައުގެ ތެރޭގައި ދިރިއުޅޭ ބަޔަކަށް ވެފައި، ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަ ސޯޝަލް މީޑިއާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުގެ މަސައްކަތާ މެދު ސުވާލު އުފައްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ އަދުލު އިންސާފުގެ ދާއިރާއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ޝަރުއީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވާނެ ކަމެެއް ކަމަށެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ، ފަނޑިޔާރުންގެ އަގު ސޯޝަލް މީޑިއާގައި ވައްޓާލައ، ބިރު ދެއްކުމަކީ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ހިލުންނުވެ ތިބެ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމުގައި ގަބޫލު ކުރެވޭތީ، ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމުގެ މަސްލަހަތު އޮތް ފަރާތްތަކުން އެ ނިންމުމެއް އެއަށްވުރެ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ބޭނުން ހިފުމަށް އެދޭ ކަމަށެވެ. އަދި އެ މަގު އިހުތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ފަނޑިޔާރުންގެ މަސައްކަތް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމުގައިނޫނީ ނުބެލެވޭ ކަމަށާއި، އެފަދަ ކަންކަމަކީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ މެންބަރުން ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލުމަށް ހުޅުވައިދެވޭ ފުރުސަތެއް ކަމަށް ވެސް ފަނޑިޔާރުން ޖަމިއްޔާއިން ބުންޏެވެ.

އެހެންކަމުން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭފަދަ ކަންކަން ނުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭފަދަ ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށާއި، ފަނޑިޔާރުން މަސައްކަތްކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފުވާ ކަމަށް ދެކޭ ނަމަ އެކަންކަމާ ގުޅޭ ގޮތުން އަމަލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިޖްރާއާތުގެ ތެރެއިން އަމަލުކުރުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބިރު ދައްކާފައި ނުވަތަ ގަދަރު ކުޑަވާގޮތަށް ސޯޝިއަލް މީޑިއާގައި ވާހަކަ ދައްކާފައި ވަނީ ކޮން ފަނޑިޔާރަކާ ގުޅިގެން ކަމެއް މި ބަޔާނުގައި ބުނެފައެއް ނުވެއެވެ. އަދި އެއީ ކޮން މައްސަލައަކާ ގުޅިގެން ނެރުނު ބަޔާނެއް ކަމެއްވެސް ނުބުނެ އެވެ.

ކޯޓުގެ ނިންމުމަކާ ގުޅިގެން އެންމެ ފަހުން ފަނޑިޔާރުންނަށް ނުރުހުމުގެ ބަސްތައް އަމާޒު ވީ، ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ހައި ކޯޓުން ދެވަނަ ފަހަރު ވެސް އަމުރެއް ނުދިނުމާ ގުޅިގެންނެވެ. މީގެ އިތުރުން ރާއްޖޭގެ އިސްލާމިކް ސްޓޭޓުގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ ޝަރީއަތެއް ކުރިއަށް ދަނިކޮށް އެ މައްސަލަ ބައްލަވާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގޭގެ ސެކިއުރެޓީ ބްރީޗު ކުރުމަށްފަހު އެގެކޮޅަށް ވަންނަން މަސައްކަތް ކުރި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމުން ވެސް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ގަދަރުކުޑަވާހެން ސޯޝަލް މީޑިއާގައި ފާޑު ކިޔައިފައި ވެ އެވެ.