މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް (ސާފް) ގެ މެޗުތައް ބަލަން ދަނޑަށް ވަންނަން ބޭނުންވާ އެންމެ ޓިކެޓެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރިޒާވް ކޮށްފައި ނުވަތަ ކުރިޔާލައި ނަގާފައި ވެސް ނުވާނެ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ދުވަސްވަރު ކަމަށް ވާތީ، މެޗުތައް ބަލަން ދަނޑަށް މީހުން ވައްދަނީ ދަނޑުގެ އަސްލު ކެޕޭސިޓީއަށްވުރެ ދަށްކޮށްގެންނެވެ. އެ ގޮތުން ދަނޑަށް މިހާރު ޖުމުލަ ވައްދަނީ 5000 މީހުންނެވެ. މި 5000 ގެ ތެރެއިން ވެސް ބޮޑު ބައެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭ) ސްޕޮންސަރުންނާއި ކުޅުންތެރީންގެ އާއިލާ އާއި ކުލަބްތަކަށް ވިއްކާ ގޮތަށް ހަމަޖައްސާފައި އޮންނަ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭ) އިން މިއަދު ވަނީ ބުނެފަ އެވެ. އެފްއޭ އިން މިހެން ބުނީ، މާދަމާ ހަވީރު ރާއްޖެ ކުޅޭ މެޗުގެ ޓިކެޓު ނަގަން މިއަދު ހެނދުނުއްސުރެ އެތައް ސަތޭކަ ބަޔަކު ކިޔުގައި ޖެހުނު ނަމަވެސް، އޭގެ ތެރެއިން އެންމެ 100 މީހުންނަށް ވެސް ޓިކެޓު ނުލިބޭ ކަމުގެ އަޑުތަކެއް ފެތުރި، ގަލޮޅު ދަނޑު ސަރަހައްދުގައި އިހުތިޖާޖު ކޮށް، އެފްއޭ ގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވާފައި ވަނިކޮށެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި ތިބި ބައެއް ދިވެހީން ބުނީ މިއަދު ދަަނޑުން ވިއްކީ އެންމެ 60 ވަރަކަށް ޓިކެޓް ކަމަށެވެ. އެފްއޭ ގެ ރަސްމީ ބަހެއް ނުލިބޭތީ މި އަދަދު ޔަގީން ކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

މައްސަލަ ހޫނު ވެފައި ވަނިކޮށް، ބައެއް މީހުން ސޯޝިއަލް މީޑިއާގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ޓިކެޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރިޒާވް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 1500 އަށްވުރެ ގިނަ ޓިކެޓު ރައީސް އޮފީހަށް ގެންފޮސްފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މި ތުހުމަތާ ގުޅޭ ގޮތުން "ވަން" އިން ސުވާލު ދެންނެވުމުން މަބްރޫކް ވިދާޅުވީ، އެއީ އެއްވެސް އަސްލެއް ނެތް، ދޮގު ވާހަކައެއް ކަމަށެވެ. އެންމެ ޓިކެޓެއް ވެސް ރައީސް އޮފީހުގެ ބޭނުމަށް ނަގާފައި ނުވާނެ ކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިއީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ގައުމީ ރޫހު އާލާކުރާން ޖެހޭ ވަގުތެއް ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާވެސް އެދިވަޑައިގަންނަވަނީ އަދި ބޭނުންފުޅުވަނީ ވެސް ވީހާ ގިނަ ރައްޔިތުން ދިވެހި ގައުމީ ޓީމަށް ސަޕޯޓު ދެއްވަން ދަނޑަށް ވަޑައިގަތުން ކަމަށް މަބުރޫކް ވިދާޅުވި އެވެ. އެހެން އެކަމުން އެކަމަށް ހުރަސް އެޅޭނެ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށާއި އެހެން ބަޔަކު ވެސް އެފަދަ ކަމެއް ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާނެ ކަމެއް ނޫން ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"ރައީސް އޮފީހުގެ ބޭނުމަށް ޓިކެޓު ނަގަން ޖެހޭ ސަބަބެއް ނުވެސް ނެތެއްނޫންތޯ؟ ދައުވަތު ދެވޭ ބޭފުޅުންނަށް ވަކި ސަރަހައްދެއް އެބަ އޮވޭ، އޭގެ އިތުރަށް އެ އޮންނަ ސަރަހައްދަށް އެފްއޭއިން ޓިކެޓު އެ ވިއްކަވަނީ، ރައީސް ސޯލިހު އަިދ ވަޒީރުން ފަދަ ބޭފުޅުންނަކީ އެ އޮންނަ އުސޫލަކުން އަބަދުވެސް ދައުވަތު ލިބިވަޑައިގަންނަވާނެ ބޭފުޅުން. ރައީސް އޮފީސް ނޫނަސް އެ ފަދައިން ދައުވަތު ލިބިވަޑައިގަންނަވާ ބޭފުޅުން ކޮންމެ ގައުމަކު ވެސް ތިއްބަވާނެ. އެކަމަކު އެއީ ޓިކެޓުގެ އަދަދާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. އެ ބޭފުޅުން އެ ތިއްބަވަނީ ޓިކެޓު ވިއްކަން ހާއްސަ ކޮށްފައި އޮންނަ އޭރިއާއަކު ވެސް ނޫން." މަބްރޫކް ވިދާޅުވި އެވެ.