އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު ނުލިބިގެން ދިވެހި ސަޕޯޓަރުން އިހުތިޖާޖުކުރަން ފަށައިފިއެވެ.
މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގެ ޓިކެޓު ގަތުމަށް މިއަދު ހެނދުނުން ފެށިގެން ގިނަ ބަޔަކު ވަނީ ކިޔޫގައި ޖެހިފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިރޭ 11:00 އަށެވެ.
ކިޔޫގައި ތިބި ގިނަ ބަޔަކަށް ޓިކެޓު ނުލިބުމުގެ ސަބަބުން ދަނޑުކައިރީގައި ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ. އިހުތިޖާޖުގައި ތިބި މީހުން އަންނަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްތިއުފާއަށް ވެސް ގޮވައިލަމުންނެވެ.
އިހުތިޖާޖުގައި ބައިވެރިވާ ދިވެހި ޓީމުގެ ސަޕޯޓަރަކު "ވަން"އާ ވާހަކަދައްކަމުން ބުނީ މިއަދު ހެނދުނު 8:30 ގައި ކިޔޫގައި ޖެހުނު މީހުންނަށް ވެސް ޓިކެޓު ލިބިފައި ނުވާ ކަމަށާއި ދަނޑުން ވިއްކީ ވަރަށް މަދު އަދަދެއްގެ ޓިކެޓު ކަމަށެވެ. އަދި ސަޕޯޓަރުންނަށް ވިއްކީ 60 ޓިކެޓު ކަމަށް ބުނެ، އޭނާ ވަނީ އެފްއޭއެމްގެ އަމިއްލަ ވިޔަފާރިއަށް އަގުބޮޑުކޮށް ވިއްކުމަށް ޓިކެޓުތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އެ އިދާރާގެ ބަހެއް ލިބޭ ގޮތް ނުވެފައެވެ.
މީގެ ކުރިން ރާއްޖެ އާއި ބަންގުލަދޭޝް މެޗަށް ޓިކެޓު ވިއްކި އިރުވެސް ވަނީ ދަނޑުކައިރީގައި އިހުތިޖާޖު ކޮށްފައެވެ. ނަމަވެސް އެފަހަރު އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރީ ބަންގުލަދޭޝްގެ ސަޕޯޓަރުންނެވެ. އެމީހުންގެ ޝަކުވާއަކަށް ވީ 5000 ޓިކެޓުގެ ތެރެއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކުމެވެ. ނަމަވެސް ސާފުގެ އުސޫލުގައިވާ ގޮތުން ހޯމް ސަޕޯޓަރުންނަށް ގިނަ ޓިކެޓު ހާއްސަކުރަން ޖެހެއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް