ވެމްކޯ

ވެމްކޯގެ ސްޕަވައިޒަރުކަމުން ވަކިކުރި، އިބްރާހިމް ރަޝީދުގެ ވަޒީފާ އިއާދަކޮށް ބަދަލުދިނުމަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

ވެމްކޯގެ ސްޕަވައިޒަރުކަމުން ވަކިކުރި، އިބްރާހިމް ރަޝީދުގެ ވަޒީފާ އިއާދަކުރުމަށާއި، އެދުވަހާއި ހަމައަށް އޭނާ ވަޒީފާގައި ހުރި ނަމަ ހައްގުވާ މުސާރަ އާއި އިނާޔަތްތައް 21 ދުވަހުގެ ތެރޭގައި ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވޭސްޓް މެނޭޖް މަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައްޗަށް އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ 19 ޖުލައި 2017 އިން ފެށިގެން ވެމްކޯގެ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުރެ 24 އޭޕްރީލް 2019 ގައި ވެމްކޯގެ ގޯތި ތެރޭގައި ސައިކަލެއް ޕާކު ކުރަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓި ކަނާތުފައިގެ އުކުޅުވަޅު ބިންދައިގެން ދިއުމާ ގުޅިގެން ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށް، ޑޮކްޓަރުގެ ލަފާގެމަތިން ހަ މަސްދުވަހުގެ ބެޑް ރެސްޓަކަށްފަހު ހަތަރެއް ނޮވެމްބަރު 2019 ގައި ވަޒީފާއަށް ނިކުތުމުން ހަމަ އެދުވަހު އޭނާ ވަޒީފާއިން ވަކި ކުރި މައްސަލައެކެވެ.

މި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރީ، ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއިން ވަކި ކުރިކަން އަންގައިދޭ ލިޔުމަކީ ބާތިލު ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އިއާދަކޮށްދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކި ކުރި މުއްދަތުން ފެށިގެން ވަޒީފާ އިއާދަކޮށްދިނުމާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔަތްތައް ލިބިދިނުމަށާއި، އަދުލުވެރި ބަދަލެއް ނަގައިދިނުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ގާނޫނީ އެހީތެރިކަން ހޯދުމަށް ހަރަދު ކުރި 12،000 ރުފިޔާ ނަގައިދިނުމަށް ކަނޑައަޅައި އަމުރު ކޮށްދިނުމަށް އިބްރާހިމް ރަޝީދު ވަނީ ޓްރައި ބިއުނަލްގައި އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާއިމު ކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުުލުވެރިކަން ގާއިމު ކުރުމެއްނެތި ކަމަށެވެ.

އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުމަކީ ބާތިލު ލިޔުމެއް ކަމަށް ކަނޑައަޅައި، އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކުރުމަށް ކަނޑައަޅައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރާ ދުވަހާ ހަމައަށް، ވަޒީފާގައި ހުރިނަމަ ހައްގުވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައި، ރަސްމީ ބަންދުނޫން 21 ދުވަހުގެ ތެރޭގައި އެކަން ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، އެކަންތައްތައް ހަމަޖެހޭތާ ރަސްމީ ބަންދު ނޫން ތިންދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށް ވެމްކޯގެ މައްޗަށް އެ މައްސަލައިގެ ނިންމުމުގައި ވަނީ އަމުރު ކޮށްފައެވެ.