ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.
އެ މައްސަލަ އިއްޔެ ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ މީހަކު މަރުވި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ބަންގްލަދޭޝްގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 26 ގައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32އ އެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާއަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުތަމެވެ. އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން އަމުރުގައިވެއެވެ.
އަމުރުގައި ބުނެފައިވާ ގޮތުން ލަންކާ މީހާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައި ވަނީ ބަލަން ޖެހޭ މިންވަރަށް ނުބަލައި ކަމަށް އައިއޯ ކޯޓުގައި ބުނެފައިވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަމީން މިއާ މަރުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.
އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ވެމްކޯ
ވެމްކޯ