ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ.

"ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން މިރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމައިފި." އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ވެމްކޯގެ މަސައްކަތުގެ މާހައުލުގެ ތަހުގީގެއް ހިންގަން އެޗްއާރްސީއެމް އިން ނިންމިއިރު މިދިޔަ އަންގާރަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އެތަނުގައި މަސައްކަތްކުރި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ.

އޭގެ އިތުރުން ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ މީހަކު މަރުވި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ބަންގްލަދޭޝްގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 26 ގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.