ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގު ފަށައި، އެ ތަހުގީގަށް މައުލޫމާތު ހިއްސާކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިއްޖެއެވެ.

އެޗްއާރުސީއެމުން އެ ތަހުގީގު ފަށާފައި މިވަނީ، ވެމްކޯގެ ސައިޓުގައި ދާދިފަހުން ވަނީ ދެ ހާދިސާއެއް ހިނގާފައިވަނިކޮށެވެ. އެގޮތުން އެއް ހާދިސާއެއްގައި މިދިޔަ މަހުގެ 26 ގައި ބަންގުލަދޭޝްގެ މުވައްޒަފަކު މަރުވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު އެހެން މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ވަނީ ވެންޓިލޭޓަރުގައި ފަރުވާދީފައެވެ.

އެޗްއާރުސީއެމުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ވެމްކޯގައި ކުނި އުކާލުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ ގުޅުންހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން، އެ ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކޮމިޝަނުން އިސްނަގައިގެން، މައްސަލަ ތަހުގީގުކުރަމުންދާކަން އާންމުކޮށް އަންގާ އިއުލާންކުރާ ކަމަށެވެ.

އެ ތަހުގީގަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކޮމިޝަނަށް ގާނޫނުއަސާސީއާއި އެ ކޮމިޝަނުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ކުރިއަށްގެންދާ ތަހުގީގެއް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ވަނީ އެ ތަހުގީގަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކޮށްގެން، ފޯން މެދުވެރިކޮށް 3003121 އަށް ގުޅައިގެން ނުވަތަ ކޮމިޝަނަށް ހާޒިރުވެގެން މައުލޫމާތު ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ފަރާތްތައް:

  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުން.
  • ޔޫނިއަންތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތައް.
  • ގުޅުންހުރި ސްޓޭކްހޯލްޑަރުން.
  • ތަހުގީގާ ގުޅުންހުރި މައުލޫމާތު ލިބިފައިވާ އާންމު ފަރުދުން.

އެޗްއާރުސީއެމުން ބުނީ އެ ތަހުގީގާ ގުޅިގެން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކަށް ނަން ހާމަނުކުރާގޮތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށާއި އެ ކޮމިޝަނަށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތުގެ ސިއްރުކަން އެ ކޮމިޝަނުން ހިފަހައްޓާނެ ކަމަށެވެ.

އޭގެ އިތުރުން ތަހުގީގަށް މައުލޫމާތުދޭ ފަރާތްތަކާ މެދު ބަދަލުހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، އެ ފިޔަވަޅު އެޅި ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އެތަނުގައި މަސައްކަތްކުރި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާ އާއި، ބަންގުލަދޭޝްގެ މުވައްޒަފު މަރުވި މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބަންގުލަދޭޝް މުވައްޒަފު މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32އ އެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާއަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުތަމެވެ. އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން އަމުރުގައިވެއެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ލަންކާ މީހާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައި ވަނީ ބަލަން ޖެހޭ މިންވަރަށް ނުބަލައި ކަމަށް އައިއޯ ކޯޓުގައި ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަމީން މިއާ މަރުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.

އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.