އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ފުރަތަމަ މޮޅު ހޯދައިފިއެވެ. މަރުހަބާއާއި ތަހުނިޔާއެވެ. ގައުމީ ދުވަހު މުޅި ގައުމު އުފަލުން ފޮޅުވާލައިފިއެވެ. ގައުމުގެ ރައީސުން ފެށިގެން އާންމު އެންމެހާ ރައްޔިތުން ތިޔަ ޓީމުގެ ކާމިޔާބީއަށް ފަހުރުވެރިވާނެއެވެ. ފަހުރުވެރިކަމާއެކު މަރުހަބާގެ މެސެޖުތަކުން މީސް މީޑިއާ ފުރާވެސް ލައިފިއެވެ. މަޖުބޫރީ މެޗަކަށް ނުކުމެ، ފޯމުގައި އޮތް ބަންގުލަދޭޝް ކޮޅަށް ދެ ގޯލު ޖެހުމާއެކު އުންމީދު އާކޮށްފިއެވެ. މިހާރު ރާއްޖެ އޮތީ އަނެއްކާވެސް ފައިނަލުގެ ވިސްނުމުގައެވެ. ސަލާމަތްވުމުގެ ވިސްނުމުން، ފައިނަލުގެ ވިސްނުމަށް ބަދަލުވި މެޗުގެ ކަންކަމަށް ނަޒަރު ހިންގާލުން މުހިންމެވެ. ލީގު ބުރުގައި އަދި ދެމެޗު އޮތް އިރު، މިއީ އަދި ނިންމާލަންވި ހިސާބެއްވެސް ނޫނެވެ.
ރާއްޖޭގެ ގައުމީ ޓީމުން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-0 އިން ބަލިވެގެން ފައިބައިގެން ދިޔައިރުވެސް ފެނުނީ ގޯސް ކުޅުމެއް ނޫނެވެ. އެ މެޗުގައި މަދުވި ކަންކަން ރޭގެ މެޗުގައި ރަނގަޅު ކުރާނެ ކަމަށް މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ކޯޗު އަލީ ސުޒޭން ވައުދުވެސް ވިއެވެ. އެކަމަށް ޓީމަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން ވެސް ސުޒޭން ދިނެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 އަށް ގެނައީ އެންމެ ބަދަލެކެވެ. އިބްރާހީމް އައިސަމްގެ ބަދަލުގައި ފުރަތަމަ 11 އަށް ހުސައިން ނިހާން (ނިހާޓު) ދަނޑު މައްޗަށް ނެރެފައިވާ އިރު، ގައުމީ ޓީމަށް ނިހާޓު މުހިންމުވާ ސަބަބުން ފުރަތަމަ "ޓަޗުން" ފެނިގެންވެސް އެނގިގެން ދިޔައެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި ނިހާޓު ފެނުނީ "ކޮމްޕޯސް" ކޮށް މެޗުގެ އޮއިވަރު ކޮންޓްރޯލު ކުރިތަނެވެ. އެޓޭކިން އޭރިއާ ތެރެއަށް ވަދެ، އަނެއްކޮޅަށް ގޮސް ޑިފެންސްކޮށް، ނިހާޓު ކުޅުނީ "ބޮކްސް ޓު ބޮކްސް" ކުޅުމެކެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ މެދުތެރެއަށް ބަދަލެއް ގެންނަން ކޯޗު ސުޒޭނަށް މަޖުބޫރުވިއެވެ. ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ދަނޑުން ބާލަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ. ބަދަލުގައި ކުޅެން ނެރުނީ އައިސަމްއެވެ. އެއީ އައިސަމް ވިދާލުމަށް އޭނާއަށް ލިބުނު ދަނޑިވަޅު ކަމަށް ބަލައި، އޭނާ ދެއްކީ ތަފާތު ކުޅުމެކެވެ. ހަމަޖެހުމާއެކު ކުރިއަށް ބޯޅަ ސަޕްލައި ކުރުމުގައި އައިސަމް ފާހަގަކޮށްލެވުނެވެ. ދެން ތިބި ކުޅުންތެރިން ދަށީކީ ނޫނެވެ. އެހެންނަމަވެސް ގިނަ ބައެއްގެ ނަޒަރުގައި އެ ދެކުޅުންތެރިންނަކީ "ގޭމް ބަދަލު ކޮށްލި"، ދެ މޭސްތެރިންނެވެ.
އަލީ އަޝްފާގު (ދަގަނޑޭ) އަކީ ގައުމުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. ތާރީހުވެސް ދުށް އެންމެ ވަރުގަދަ ކުޅުންތެރިޔާއެވެ. އެކަމަކާ ޝައްކެއް ކުރާނެ މީހަކު ނުހުންނާނެއެވެ. ރޭގެ މެޗުގެ ދެވަނަ ގޯލު ދަގަނޑޭ ޖެހީ ޕެނަލްޓީއަކުން ނަމަވެސް މެޗުގެ އެންމެ ހާއްސަ ކަމަކީ ދަގަނޑޭ ޖެހި ގޯލުކަމަށް ގިނަ ބަޔަކު އިއްތިފާގު ވާނެއެވެ. ފަސް އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ޖެހި ފުރަތަމަ ގޯލެވެ. ގައުމީ ދަނޑުގައި އޭނާ ޖެހި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ގޯލެވެ. މުބާރާތުގައި އޭނާގެ ރެކޯޑު 21 އަށް މަތިކޮށްލި ގޯލެވެ. ހާއްސައެވެ. އެ ގޯލާއެކު ދިވެހިން ކެކި އެރިތަން ފެނުމުން، ދަގަނޑޭއަށް ދޭ ލޯތްބާއި އިހުތިރާމު ދައްކާލިއެވެ.
ރޭގެ މެޗު ފެށުމުގެ 30 މިނެޓު ކުރިން ފެށިގެންވެސް ގައުމީ ދަނޑަށް އެތައް ހާސް ސަޕޯޓަރުންނެއް ވަދެ ގައުމީ ޖޯޝު ގުގުމަމުން ދިޔައެވެ. އަލުން 2008 ވަނަ އަހަރަށް އިހުސާސްތައް ގެންގޮސްލި ކަހަލައެވެ. ހާއްސަކޮށް ދެ ގޯލުން ފެނުނު މަންޒަރާއެކު އެ އުފާވެރިކަން ތަކުރާރުވާހެން ހީވެގެން ދިޔައެވެ. އެ ރޫހު އެންމެ ގަދަވެގެން ދިޔައީވެސް ގައުމީ ޓީމުގެ މެޗަށްފަހު ދަގަނޑޭ ބުނި ވާހަކައިންވެސް މެއެވެ.
"ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅު ހަދިޔާއެއް މި ދެވުނީ ގައުމީ ދުވަހުގައި. އިންޝާ ﷲ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުވާނެ،" ދަގަނޑޭ މެޗަށްފަހު ބުނެފައިވެއެވެ.
އާންމުކޮށް ދަގަނޑޭގެ ވާހަކަތައް މީޑިއާއަށް ނާންނަ ނަމަވެސް، ރޭގެ އެ ޖުމުލައިން އެކަނިވެސް ގައުމީ ލޭ ކައްކުވައިލިއެވެ. މި ސާފް ޗެމްޕިއަންޝިޕަށް ދިވެހީންގެ ރޫހު އެންމެ ބޮޑަށް އާވެގެން ދިޔައީ ދަގަނޑޭގެ އެ ވާހަކަތަކުންނެވެ. ދަގަނޑޭ އެހެން ހުރިއްޔާ ދިވެހި ސަޕޯޓަރުންގެ ރޫހެއް ނުގެއްލޭނެއެވެ. ވަކި ކުލައެއް، ވަކި ވިސްނުމަކަށް ނުބަލައި، ދަގަނޑޭއާއި ޓީމަށް ދިވެހީން ވަނީ ހިތް ދީފައެވެ.
މުޅި މެޗުގައިވެސް ހަމްޒާ މުހައްމަދު (ހަމްޕު) ގެ ވިދުން ގަދައެވެ. މިހާތަނަށް މުބާރާތުގައި ރާއްޖޭގެ ޓީމުން އެންމެ "ކޮންސިސްޓެންޓް" ކުޅުމެއް ފެނިގެން ދިޔައީ ހަމްޕުގެ ފަރާތުންނެވެ. ރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ބަންގުލަދޭޝްގެ ޑިފެންސަށް އެންމެ ނުރައްކާ ކުރި ކުޅުންތެރިޔަކީ ހަމްޕުއެވެ. ހަމްޕުގެ ނުރައްކާ ހުއްޓުވުމަށް ބަންގުލަދޭޝް ޑިފެންސަށް އުނދަގޫވެ ކާޑުތައްވެސް ހޯދަން ޖެހުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަހު 20 ވަރަކަށް މިނެޓުގައި އެޓީމުގެ ޑިފެންސް ފެނުނީ ޕްރެޝަރުގައި ކުޅުނުތަނެވެ.
ދެން އޮތީ ހަމްޕު ޖެހި ވޮންޑާ ގޯލުގެ ވާހަކައެވެ. އެ ގޯލަކީ ގައުމީ ދަނޑުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލަށް ވާނެއެވެ. ނިހާޓު ބޮލުން އޭރިއާ ތެރެއަށް ޖައްސާލި ބޯޅަ ހަމްޕު ގޯލަށް ވައްދާލީ ހިތްގައިމު އޯވާހެޑަކުންނެވެ. އެ ގޯލަށް ތައުރީފު އޮހިގެން ދިޔައެވެ. އެތައް ތަޖުރިބާކާރުންނެއްގެ ނަޒަރުގައި އެއީ "ވޯލްޑް ކްލާސް،" ގޯލެކެވެ.
ރޭގެ ގޯލު ހަމްޕުއާއި ރާއްޖެއަށްވެސް ހާއްސައެވެ. އެ ގޯލަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ޖެހި ފުރަތަމަ ގޯލެވެ. ހަމްޕު ގައުމީ ޓީމުގައި އެންމެ ފުރަތަމަ ގޯލެއްވެސް ޖެހީ ބަންގުލަދޭޝާ ދެކޮޅަށެވެ. އެ ގޯލު ހަމްޕު ޖެހީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ގައުމީ ދަނޑުގައި އެފަހަރު ޖެހި ގޯލުގެ ވީޑިއޯ މެޗުގެ އެއް ދުވަސް ކުރިން ހަމްޕުގެ ފޭސްބުކް ޕޭޖުގައި އޭނާ ހިއްސާކޮށްފައިވުން އެއީ ރޭގެ މެޗަށް ހުރި އަޒުމު ދައްކުވައިދިން ކަމެކެވެ. ހަމްޕުގެ ގޯލާއެކު އޭނާގެ މޫނުމަތިން ފެނުނީ ޖޯޝެވެ. އެއީ ހިތްހަމަ ޖެހުން ގެނުވި މަންޒަރެކެވެ.
ރޭގެ މެޗުގައި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު ސުޒޭން ކުރިމަތިލީ ސަރަހައްދީ ތަޖުރިބާ އެންމެ ބޮޑު، އެންމެ ޓެކްޓިކަލް އެއް ކޯޗާއެވެ. ރޭގެ ކުރިމަތިލުން ކާމިޔާބުކުރީ ސުޒޭނެވެ. މުޅި މެޗުގައިވެސް ޓެކްޓިކަލީ ރާއްޖެ ފެނުނީ މާ ބޮޑަށްވެސް ރަނގަޅުކޮށެވެ. މެޗުގައި ރާއްޖޭގެ ޓީމަށް ކުރިމަތިވި ދެ އަނިޔާއެއްގެ ސަބަބުން ދެ ބަދަލެއް ކުރަން ޖެހުނު ނަމަވެސް، ބަދަލުތައްވެސް ދެއްކީ ޕޮސިޓިވް ކޮށެވެ. އެއީ ސުޒޭން ޓީމަށް ގެނެސްދީފައިވާ ރޫހެވެ.
"ބަދަލުތަކަކުން ނޫން ތަފާތުތައް ފެނުނީ. ތަފާތު ފެނުނީ ދިވެހި ކުޅުންތެރިންގެ ހިތްވަރުން. ކޮންމެ ކުޅުންތެރިޔަކުވެސް ނުކުމެ ދެއްކީ މިއީ އެއް ޓީމެއް ކަމުގެ މަންޒަރު. ބަންގުލަދޭޝް ކޯޗަށް އަހަރެން ފުރިހަމައަށް އިހުތިރާމު ކުރަން. އޭނާ ސާބިތު ކޮށްދީފި ވަރަށް ބޮޑު ކަމެއް. އެކަމަށް އިހުތިރާމު ކުރަން،" ރޭގެ މެޗަށްފަހު ސުޒޭން ބުނެފައިވެއެވެ.
އޮސްކާ ހުރީީ ރާއްޖޭގެ އެޓޭކް ލައިނަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައެވެ. ފިޒިކަލީ ޓަފް ކުޅުމެއް ބަންގުލަދޭޝް ޑިފެންސުން ފެނުނީ އެހެންވެއެވެ. ދަގަނޑޭ ކައިރީގައި ބަންގުލަދޭޝްގެ އެންމެ މުހިންމު ޑިފެންޑަރު ޓޯޕޫ ބާމަން މޭން މާކު ކޮށްގެން ކުޅެފައިވާ އިރު، އެ ޑިފެންސް ރޫޅާލަން ސުޒޭން ދަގަނޑޭ ލައްވައި ކުޅުވި ދައުރު މުހިންމެވެ. ތަޖުރިބާކާރު މުހިންމު ކުޅުންތެރިންގެ ބޭނުން ހިފައި ކޯޗު ސުޒޭން ބަންގުލަދޭޝް ޑިފެންސް ފޫއަޅުވައިލީ ރާއްޖޭގެ ކުޅުން ގެއްލުވާ ނުލައި، ޓެކްޓިކަލީ ކެތްތެރިވެގެންނެވެ.
މެޗަށްފަހު ސުޒޭން ބުނީ ބޯޅަ ތިރިން ޖަހައިގެން ކުޅެން ގައުމީ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އޭގެ ތެރެއިން ކަންކަން ހާސިލުވާތަން ފެންނަ ކަމަށެވެ. ސުޒޭން ބުނެފައި ވަނީ ނޭޕާލް މެޗުގައިވެސް އެ މަސައްކަތުގެ ނަތީޖާ ފެނުނު ކަމަށާއި، އެ މެޗުގައި 400 އަށްވުރެ ގިނަ ޕާސް ޖެހިއިރު މަދުވީ ގޯލެއް ނަމަވެސް ރޭގެ މެޗުގައި ފެނުނީ މުހިންމު ދެ ގޯލާއެކު ރަނގަޅު މޮޅެއް ކަމަށް ކޯޗު ސުޒޭން ބުނެފައިވެއެވެ.
ރޭގެ މެޗުގައި ރާއްޖޭގެ ޑިފެންސުން އެޓޭކަށް ދެރަ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. ފަހަތުން ހަތަރު ޑިފެންޑަރުންނާއި ގޯލްކީޕަރާ ހަމައިން ގޮސް އެޓޭކުގެ އެންމެ ކޮޅަށް، ދަގަނޑޭއަށް ދާންދެންވެސް ކުރީ ހިތްވަރެވެ. ކުރީ މަސައްކަތެވެ. އެކަމަށް ތައުރީފު ކުރަމުންވެސް ދެން އޮތް ދެމެޗަށް ސަމާލުވާން ޖެހެއެވެ. އިންޑިއާއާއި ލަންކާ ފަސޭހަކޮށް ލެވޭކަން ނެތެވެ. އެއީ ފައިނަލާއި، ތިންވަނަ ފަހަރަށް ތަށި ނެގުމަށްވެސް އޮތް މަގެވެ.
"އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަކީ ކައުންޓާ އެޓޭކަށް ސަމާލުވުން. ދެން އޮތް ލަންކާ މެޗުގައިވެސް ފެންނާނީ ފަހަތުގައި މަޑުކޮށްގެން އެޓޭކަށް ކުއްލިއަކަށް އަރާތަން. ކައުންޓާއަށް އަންނަ ބޯޅައަށް ސަމާލުވާން ޖެހޭ. ބޯޅަ ގެއްލުމާއެކު ވަރަށް ބޮޑަށް ތައްޔާރުވެ ޑިފެންސް ކުރަން ޖެހޭ. ލަންކާ ފަދަ ޓީމުތަކުގައި ކުރިއަށް ކުޅޭ ކުޅުންތެރިން ބޯޅައާއެކު ކުޅޭ ސްކިލް މާ ބޮޑަށް ފާހަގަވޭ. އެހެންވީމަ ޑިފެންސަށް ސަމާލުކަން ދޭން ޖެހޭނެ،" ދެން އޮތް މެޗުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ބަލާލައި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފައިވެއެވެ.
ކުރިން 2008 ވަނަ އަހަރު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޑިފެންޑަރު އަދި މިހާރު ކޯޗިންގައި މަސައްކަތް ކުރާ ސޮބާހު މުހައްމަދު (ސޮބާ)ގެ ނަޒަރުގައި ރާއްޖެއިން ގޯލު ޖެހުމަށްވެސް އިތުރަށް ސަމާލުވާން ޖެހެއެވެ.
"ފާހަގަވި އެޓޭކިންގައި ގޯލު ނުޖެހޭ ތަންކޮޅު. ސީދާ ގޯލަށް އެންމެ އެދެވޭ ރަނގަޅު ހަމަލާތައް އަދިވެސް އުފެއްދިފައެއް ނެތް. ޑިފެންސިވް ކުޅުމެއް އިދިކޮޅު ޓީމުތަކުން މި ކުޅެނީ. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ދެފަޅީގައި ތިބި ކުޅުންތެރިންގެ ބޭނުންވެސް ހިފަން. އޮފެންސިވްކޮށް ރަނގަޅުކޮށް، ނިންމާލުމަށް މަސައްކަތްތައް ކުރަން ޖެހޭނެ. އެއީ ލަންކާ ފަދަ ޓީމުތަކުން ކުޅޭނީ ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެއްކަން އޮތީ ފެނިފައި. އަންޑަސްޓޭޑިން އެޓޭކިންތަކެއް، ރަނގަޅު ކޮންބިނޭޝަންތަކެއް ފެންނަން އެބަ ޖެހޭ. ނިންމާލަން ލިބުނު ރޭގައިވެސް، އެކަމަކު ނިންމާލަން އުނދަގޫވިޔަސް ގިނައިން ގޯލަށް ޖަހަން މަސައްކަތް ކުރަންވީ. އެޓޭކުގައި ފުލްބެކްގެ ބޭނުންވެސް ބޮޑަށް ކުރަންވީ،" ސޮބާ "ވަން"އަށް ބުންޏެވެ.
އުންމީދީ މެޗަކުން ގެނުވީ އުންމީދެވެ. ދެން އޮތީ މުބާރާތުގައި އެ ރޫހު ދެމެހެއްޓުމެވެ. 12 ވަނަ ކުޅުންތެރިޔާއާއެކު، ގައުމީ ޖޯޝުގައި މި މަސައްކަތް ކޮށްފިނަމަ، އިންޝާ ﷲ ތިންވަނަ ފަހަރަށް ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕުގެ ތަށި ނުހޯދެންވީ ސަބަބެއް ނެތެވެ. މިއީ ރޭގެ މެޗުގެ ވާހަކަތަކެކެވެ. ދެން އޮތީ ދެން އޮތް މެޗެވެ. ފޯކަސް ގެއްލުވާނުލައި، ހިތްތިރި ކަމާއި ކެތްތެރިކަމާއެކު މުޅި ގައުުމު އެކީ ކުރިމަތިލާންވީއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް