ކުޅިވަރު

ފަހަތުން އަރައި ޖެހި ތިން ގޯލާއެކު ބެލްޖިއަމް ބަލިކޮށް، ފްރާންސް ފައިނަލަށް

ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ފްރާންސާއި ބެލްޖިއަމް ކުޅުނު ފޯރިގަދަ މެޗު، ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ކާމިޔާބުކޮށްފިއެވެ.

އިޓަލީގައި ކުޅުނު ސެމީ ފައިނަލުގައި ފްރާންސުން ބެލްޖިއަމް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމް އިން ދެ ގޯލު ޖަހައި ލީޑު ނެގި ނަމަވެސް ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފައެވެ. ފްރާންސުން މެޗުން މޮޅުވި ގޯލު 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ތިއޯ ހެނާންޑޭޒެވެ.

ރޭގެ މެޗު ބެލްޖިއަމް އިން ވަރުގަދަކޮށް ފެށި އިރު، މެޗުގެ 37 ވަނަ މިނެޓުގައި ޔަކިން ކަރެސްކޯ އެޓީމަށް ލީޑު ނަގައިދިނެވެ. ކަރެސްކޯ ބެލްޖިއަމްއަށް ލީޑު ނަގައިދިނީ އަރިމަތިން ކުރިއަށް ވަދެ، އެތެރެއަށް ނައްޓާލުމަށްފަހު ގޯލުގެ ކުޑަ ކަނުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ރޮބާޓޯ މާޓިނޭޒްގެ ގޯލުން ބެލްޖިއަމްއިން ލީޑު ފުޅާކުރިއެވެ. ކެވިން ޑިބްރޭނާގެ ހިތްގައިމު ތުރޫ ބޯޅައަކުން ބެލްޖިއަމްއަށް ލީޑު ފުޅާކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

ފުރަތަމަ ހާފުގައި މަޑު ރާގެއްގައި ފެނުނު ފްރާންސު، ދެވަނަ ހާފުގައި ފެނުނީ އާ ދިރުމެއްގައެވެ. ހާފުގެ ކުރީކޮޅުގައި ކަރިމް ބެންޒެމާ ޖެހި ގޯލަކާއެކު އެޓީމަށް އުންމީދު އާވެގެން ދިޔަ އިރު، އެމްބާޕޭގެ ޕެނަލްޓީއާއެކު ފްރާންސުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ދެވަނަ ހާފުގައި އެމްބާޕޭގެ އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނުނު އިރު، ފްރާންސްވެސް ފެނުނީ ކޮންފިޑެންސާއެކު ކުޅުނުތަނެވެ.

މެޗުގެ ފަހު ކޮޅުގައި ޕޮގްބާގެ ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިތަން ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 90 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ޖެހި ހިތްގައިމު ގޯލާއެކު ފްރާންސުން ނަތީޖާ އަނބުރާލައި ފައިނަލް ޔަގީން ކުރިއެވެ. ފްރާންސުން ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ. ބެލްޖިއަމް އިން ތިންވަނަ ހޮވާ މެޗުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.