ރާއްޖޭގެ ގައުމީ ޓީމުން އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ކުޅުނު މެޗުގައި ބަންގުލަދޭޝްގެ މައްޗަށް ހޯދި ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ދަނޑުގައި ބަންގުލަދޭޝްއާ ދެކޮޅަށް މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ގޯލުތައް ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ އަޝްފާގު (ދަގަނޑޭ) ޖަހައިދިން އިރު، މިރޭގެ މޮޅާއެކު ރާއްޖެއަށް ވަނީ ފައިނަލުގެ އުންމީދު އާވެފައެވެ. ތަށި ދިފާއުކޮށް، ތިންވަނަ ފަހަރަށް ސާފް ހޯދުމަށް އަނެއްކާވެސް ރާއްޖެއަށް ވަނީ ހިތްވަރެއް ލިބިފައެވެ.

ގައުމީ ޓީމުގެ މެޗަށް ތަރުހީބު ދިނުމަށް ރާއްޖޭގެ ރައީސް ސޯލިހާއި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ ދަނޑަށް ވަޑައިގެންފައެވެ. ފުރަތަމަ މެޗު ބެއްލެވުމަށްވެސް ރައީސް ވަޑައިގެންފައިވާ އިރު، މިރޭގެ މެޗަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރިހަމަ މޮޅަށް މަރުހަބާ ވިދާޅުވާ ކަމަށާއި އުންމީދަކީ އެ ހިތްވަރުގައި ކުރިއަށް ދިއުން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރައީސް ގައުމީ ޓީމަށް ހިތްވަރުދެއްވައި، ހުރިހާ މެޗަކަށް ވަޑައިގަންވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރުކޮށް، ތިންވަނަ ފަހަރަށް ރާއްޖެއަށް ތަށި ގެނެސްދިނުމަށެވެ.

ދެމެޗުން ރާއްޖެއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ރާއްޖެ މިވަގުތު ވަނީ ބާކީ ދެމެޗާއެކު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަންގުލަދޭޝް ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި އޮތީ ނޭޕާލެވެ. އެޓީމުން ވަނީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިފައެވެ.