އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން ނިންމައިފައިވާ އަދަދުތައް ބޮޑުވެގެން އެކަމުގެ ޝަކުވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

އެންމެ ކުޑަ އުޖޫރައިގެ ޝަކުވާ ރައީސްގެ އަރިހުގައި ގާސިމް ކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ، އެފަދަ އެއްވެސް ވާހަކައެއް ރައީސް ސޯލިހުގެ އަރިހުގައި ގާސިމް، ދައްކާފައި ނުވާ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ، ގާސިމަށް އަމާޒުކޮށް އެފަދަ ވާހަކަތަކެއް ފަތުރަމުންދަނީ އޭނާގެ އަގު ވައްޓާލުމަށް ކަމަށާއި އެއީ ގާސިމަށް އޮތް ތާއީދު އިތުރުވަމުން އަންނަނާތީ އެކަން ބަޔަކަށް ހަޖަމު ނުވެގެން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ލިޔުމަކީ ނޫސްވެރިކަމުގެ އެތިކްސްއާ ހިލާފު ލިޔުމެއް. އެކަމުގެ ސަބަބުން ރަނގަޅު ނޫސްވެރިންގެވެސް އަގު ވެއްޓޭ. އަދި އެއީ ގާސިމްގެ އަގު ވައްޓާލުމަށް ލިޔެފައިވާ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް،" އަލީ ސޯލިހު ވިދާޅުވިއެވެ.

މިނިމަން ވޭޖު ބޯޑުގެ ފަރާތުން ވަނީ އެންމެ ކުޑަ އުޖޫރައިގެ ލަފާ އިކޮނޮކިމް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އަރުވައިފައެވެ. އެ ލަފާގައިވަނީ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރުގެ މިނިމަމް ވޭޖް މައިގަނޑު ހަތަރު ދާއިރާއަކުން ކަނޑައަޅައިފައެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

ޕަބްލިކް ސެކްޓަރުގައި ނުވަތަ ސިވިލް ސާވަންޓުންގެ ތެރެއިން ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ މިނިމަމް ވޭޖަކީ މަހަކު 7،000 ރުފިޔާއެވެ. ނަމަވެސް ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި ޕަބްލިކް ސެކްޓަރަށް ކަނޑައަޅާނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ.

ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވަނީ ގަޑިއިރަކަށް ވަކި އަދަދެއް ލިބޭ ގޮތަށެވެ. އެގޮތުން ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް ކަނޑައަޅާފައިވަނީ 24.04 ރުފިޔާއެވެ. އެއީ މަހަކަށް ބަލާނަމަ 5،700 ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް ކަނޑައަޅާފައިވަނީ 33.65 ރުފިޔާއެވެ. އެއީ ދުވާލަކު އަށް ގަޑިއިރަށް ބަލައިފި ނަމަ މަހެއްގެ މައްޗަށް 8،076 ރުފިޔާއެވެ.

އެސްއެމްއީ ކްލެސިފިކޭޝަނަށް ނުފެތޭ ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް ކަނޑައަޅާފައިވަނީ 42.79 ރުފިޔާއެވެ. އެއީ ދުވާލަކު އަށް ގަޑިއިރަށް ބަލައިފި ނަމަ މަހެއްގެ މައްޗަށް 10،269 ރުފިޔާއެވެ.

ދިވެހީންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދުތައް ނިންމައި، މިނިސްޓަރަށް ލަފާ ދޭން ނިންމާފައިވީ ނަމަވެސް، ބިދޭސީންނަށް އެންމެ ދަށް އުޖޫރަ އަދި ކަނޑައަޅައިފައެއް ނުވެއެވެ. އެންމެ ދަށް އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މިނިމަމް ވޭޖް ރަސްމީކޮށް ފާސްކޮށް އެ ދޭން ފަށާނީ މިނިމަމް ވޭޖް ބޯޑުގެ ލަފައާއި ނިންމުން މިނިސްޓަރު ބެއްލެވުމަށް ފަހު ނެރުއްވާ ގަރާރަކުންނެވެ.