އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާއި ސްރީ ލަންކާ މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ ދެކޮޅަށް ގައުމީ ދަނޑުގައި މިއަދު ލަންކާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅު ނުވެވި އިންޑިއާއަށް ފައިނަލަށް ފުރުސަތު ހަނިވެފައިވާ އިރު، މިއަދުގެ ނަތީޖާއާއެކު ލަންކާއަށް ވަނީ ފައިނަލުގެ ފުރުސަތު އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ފެވަރިޓުންނަކީ އިންޑިއާއެވެ. މުބާރާތުގެ ތާރީހަށް ބަލާއިރުވެސް އިންޑިއާއަށް މިއަދުގެ މެޗަށް އޮތް އުންމީދު ބޮޑެވެ. މިހާތަނަށް އިންޑިއާއިން ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށް އޮތް އިރު، މިވަގުތު ލަންކާއާއި އިންޑިއާގެ ފުޓުބޯޅައިގެ ހާލަތަށް ބަލާއިރުވެސް މޮޅުވާނެ ކަމަށް ގިނަ ބަޔަކު ބެލީ އިންޑިއާއެވެ.

އިންޑިއާ އާއި ސްރިލަންކާ މިހާތަނަށް 16 ފަހަރު ބައްދަލުކޮށްފައިވާ އިރު، އޭގެ ތެރެއިން އިންޑިއާ ވަނީ ނުވަ މެޗު ކާމިޔާބުކޮށްފައެވެ. ލަންކާ މޮޅުވެފައިވަނީ ތިން މެޗަކުންނެވެ. އިންޑިއާ އަތުން ލަންކާ އެންމެ ފަހުން މޮޅުވީ 2000 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ގޯލްޑަން ޖުބުލީ މުބާރާތުގައެވެ. މި ދެޓީމު އެންމެ ފަހުން ވާދަކުރީ 2018 ވަނަ އަހަރު ބަންގުލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މެޗު އިންޑިއާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތްއިރު ލަންކާ އޮތީ މުބާރާތުގައި ކުޅުނު ދެ މެޗުން ބަލިވެފައެވެ. އިންޑިއާ އޮތީ ބަންގުލަދޭޝް އަތުން ލިބުނު ޕޮއިންޓާ އެކުގައެވެ. ފައިނަލުގެ ފުރުސަތަކަށް އިންޑިއާއަށް މޮޅެއް މުހިއްމު ވެފައި އޮތް އިރު، މުބާރާތުގެ ފައިނަލުގެ އުންމީދަކަށް ލަންކާއަށް އޮތީ ތިން ޕޮއިންޓު މުހިއްމު ވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓުކޮށް ކުޅުނީ އިންޑިއާއިންނެވެ. އިންޑިއާއިން ޕާސްތައް ޖަހައި، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށް އިންޑިއާއިން ކުޅެމުން ދިޔަ ނަމަވެސް އެޓީމަށް މާ ބޮޑަށް ލަންކާ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ޖަހައިގެން ގޯލު ޖަހަން މަސައްކަތް ކުރި އިރު، ހުރަސްވެގެން ދިޔަ ހުރަސްތަކަށް ލަންކާ ގޯލުކީޕަރު ސުޖަން ޕެރޭރާ ވަނީ ވަރަށް ރަނގަޅަށް ކުރިއަށް ޖެހިފައެވެ.

އިންޑިއާގެ ފަރާތުން ހަމަލާއެއް ނުފެނި ހާފު ނިމިގެން ދިޔަ އިރު، ލަންކާގެ ފަރާތުންވެސް އެޓޭކިން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފަށް ނުކުމެވެސް މެޗު ކޮންޓްރޯލު ކުރީ އިންޑިއާއެވެ. ފުރަތަމަ ހާފާ ހިލާފަށް އިންޑިއާގެ އެޓޭކުތައް ރަނގަޅުކޮށް، އެޓީމުން ތިރިތިރިން އޭރިއާ ތެރެއަށް ނުރައްކާ ކުރަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ހާފުގެ ކުރީކޮޅުގައި އިންޑިއާގެ ދެ ހަމަލާއެއްވެސް ފެނިގެން ދިޔައެވެ. ލިސްޓަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އުދަންތާ ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން މަތަކޮށްފައިވާ އިރު، ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ މަތިމަތިން ގޯލު ތެރެއަށް އޮއްސެން ދިޔުމުން ޕަންޗުކޮށް ބޭރުކޮށްލީވެސް ލަންކާގެ ކީޕަރު ސުޖަންއެވެ.

މެޗުގެ ފަހު ކޮޅަށް ދިޔައިރު އިންޑިއާއިން ވަރަށް ބޮޑަށް ގޯލަކަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެޓީމަށް ވަރަށް ބޮޑަށް ޕްރެޝަރުވަމުން ދިޔައިރު، އިންޑިއާގެ ކޯޗު އީގޯ ސްޓިމަކްވެސް ދިޔައީ ވަރަށް ބޮޑަށް ކޮޅަށް ތެދުވެ، ގިނަ ކަންކަމުގައި ޝަކުވާ ކުރަމުންނެވެ. އެ ޝަކުވާތަކާއެކު ރެފްރީ ވަނީ އިންޑިއާގެ ކޯޗަށް ރީނދޫ ކާޑުވެސް ދައްކައިފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި އިންޑިއާގެ ފަރުކް ލަންކާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. ރެފްރީ ނިންމީ އޭގެ ކުރިން ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ސުބާޝިޝް ބޯސް ފައުލްކޮށްފައިވާ ކަމަށެވެ. ގޯލަކަށް އިންޑިއާއިން "ޑެސްޕަރޭޓް" ކޮށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ލަންކާގެ ޑިފެންސް ދިޔައީ ހިތްވަރު ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ޓީސީއަށް ކުޅުނު ޑަކްސަން، ލަންކާގެ ފަހަތުން މިއަދު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށްވެސް އިންޑިއާއަށް ހުސް ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ޗެތުރީ ބޮލުން ފޮނުވާލި ބޯޅަ، ގޯލު ކުރިމަތިން ސުބާޝިޝް ބޯސް ގޯލަށް ފޮނުވާލަން ޖެހި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއަދުގެ ނަތީޖާއާއެކު ދެ މެޗުން އިންޑިއާއަށް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ލަންކާއަށް އަމިއްލަ ބާރުގައި ފައިނަލަށް ދިއުމަށް ފުރުސަތު ގެއްލިފައިވާ އިރު، އެޓީމުން ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބި، މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ފުލުގައި މިވަގުތު ރާއްޖެ އޮތް ނަމަވެސް ރާއްޖެ އަދި ކުޅުނީ އެންމެ މެޗެވެ. ރާއްޖެއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މިރޭ ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނާނީ 9:00 ގައެވެ.