ކޮވިޑް-19 އާއި ގުޅުންހުރި އިގްތިސާދީ ލޮޅުންތަކުން ރާއްޖޭގެ އިގްތިސޯދު އިއާދަވާ މިންވަރު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ކޮވިޑުގެ ކުރީގެ ހާލަތަށް އިގްތިސޯދު އަނބުރާ ރުޖޫއަވާނީ 2023 ގައި ކަމަށް، ވޯލްޑް ބޭންކުން މިއަދު ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ދެކުނު އޭޝިއާގެ އިގްތިސޯދީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސޯދު މި އަހަރު %22.3 ގައި އަދި އަންނަ އަހަރު %11ގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެ އިތުރުން، ރާއްޖޭގެ ފަގީރުންގެ ނިސްބަތް މި އަހަރު %9.1 އަށް ދަށަށް ގޮސް، އަންނަ އަހަރު %4.3 އަށް ވެއްޓޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ.

މި ލަފާކުރުންތައް ބިނާކޮށްފައިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ޓޫރިސްޓުން (މިދިޔަ އަހަރު އައި ޓޫރިސްޓުންގެ ޖުމުލަ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދި 2019 ގައި ރާއްޖެ ޒިޔާރަތްކުރި ޖުމުލަ ޓޫރިސްޓުންގެ %65) މި އަހަރު ރާއްޖެ އަންނާނެ ކަމަށް ބަލައިގެންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އެއްވަރެއްގައި ކުރިއަރާނެ ކަމަށް ބަލައިގެންނެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، މީގެ ކުރިން އިގްތިސޯދަށް ކުރިމަތި ނުވާ ވަރުގެ މި ބޮޑު ގެއްލުމުން އަރައިގަންނައިރު، ކާރިސާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

"މާލިއްޔަތު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސޯދު ފުޅާކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އިސްކަންދޭން ޖެހޭ،" ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސޯދީ އަޕްޑޭޓް ރިޕޯޓާއެކު ނެރުނު ބަޔާނެއްގައި ފާރިސް ވިދާޅުވެފައިވެއެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނީ، ހިދުމަތްތަކަށް ބިނާވެފައިވާ އިގްތިސޯދީ ކުރިއެރުމަކަށް ފުރުސަތު ފަހިކުރުމަށްޓަކައި، ދިވެހިންގެ ހުނަރު ތަރައްގީކުރަން އިންވެސްޓުކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން، ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ކޮވިޑް-19ގެ ތެރޭގައި ބާރުވެފައިވާކަންވެސް ވަނީ ފާހަގަކޮށްފައެެވެ. ހަމަ އެހެންމެ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %63 މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

"ތަކެތި އުފެއްދުމާ ގުޅުންހުރި ސިނާއަތްތަކަށް ވަނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުން ހިދުމަތްތައް، ހާއްސަކޮށް ޓޫރިޒަމާއި ވިޔަފާރި ހިންގުމާ ގުޅުން ހުރި ހިދުމަތްތައް، އެކްސްޕޯޓުކޮށްގެން އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ވުރެ މި ދާއިރާގައި ކުރި ހޯދުމުގެ ފުރުސަތު ބޮޑު،" ވާލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޗީފް އިކޮނޮމިސްޓް ހޭންސް ޓިމާ ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 900،000އާ ގާތްކޮށްފައި ވާއިރު، މަރުކަޒީ ބޭންކް، އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީން ވެސް އަންދާޒާ ކުރަނީ، ކޮވިޑުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަ ކުރެވޭނީ 2023ގައި ކަމަށެވެ.