އުރީދޫ ސާފް ޗެމްޕިއަންޝިޕް ކަވަރު ކުރުމަށް ރާއްޖެ އައިސް އުޅުނު ނޫސްވެރިއަކަށް ފުރައްސާރަކޮށް، އޭނާއަށް ހުރަސްއެޅި އެފްއޭއެމްގެ އޮފިޝަލު މަސައްކަތުން އެކަހެރި ކޮށްފިއެވެ.

ބަންގްލަދޭޝްގެ "ޝޮމައި ޓީވީ" ގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނެގުމަށް އެފްއޭއެމްގެ އޮފިޝަލް އަމަލު ކުރިގޮތް ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯގައި ފެންނަނީ ދަނޑު ސަރަހައްދަށް ދިޔަ ނޫސްވެރިޔާ ބެރެކޭޑު ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެފްއޭއެމްގެ އޮފިޝަލު އައިސް އޭނާ ކަރުގައި އަޅާފައިވާ ކާޑު ދަމައިގަންނަން މަސައްކަތް ކުރާތަނެވެ. އެކަން ކުރުމުގައި އެފްއޭއެމްގެ އޮފިޝަލު ނޫސްވެރިޔާ "ގަޔަށް އަތްލާ" މަންޒަރު ފެނިފައިވާއިރު، އެކަމަށް ގިނަ ބަޔަކު ވަނީ އެފްއޭއެމްއަށްވެސް ފާޑު ކިޔައެވެ.

އެ މައްސަލައާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް މިއަދު ވިދާޅުވީ މީޑިއާ އޮފިޝަލް މިވަގުތު ހުރީ މަސައްކަތުން އެކަހެރި ކޮށްފައި ކަމަށާއި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު ސާފާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިޔާއާ މެދު އަމަލުކުރީ ގޯސްކޮށް ކަމަށާއި ނަމަވެސް ބަންގުލަދޭޝް ނޫސްވެރިޔާގެ އަމަލުތައްވެސް ހުރީ ކޮވިޑްގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ޖަވާ ވިދާޅުވީ ނޫސްވެރިޔާއަށް ސާފްގެ ކަންކަން ކަވަރު ކުރުމަށް، މިހާރު އޮންނަ އުސޫލުގެ ތެރެއިން މީހުންނާ މަސްހުނިވެ ނޫޅެވޭނެ ކަމަށާއި ބެރެކޭޑުގެ ތެރެއިންވެސް ނޫސްވެރިޔާ ބޭރަށް ނުކުތުމަށް މީޑިއާ އޮފިޝަލް ތަކުރާރުކޮށް ބުނުމުންވެސް ނޫސްވެރިޔާ އެކަން ނުކުރި ކަމަށް ޖަވާ ވިދާޅުވިއެވެ. ޖަވާ ތަކުރާރުކޮށް ފާހަގަކުރެއްވީ އެފްއޭއެމްގެ މީޑިއާ އޮފިޝަލްގެ އަމަލުތައް ގޯސް ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ނޫސްވެރިޔާއަށް އެފްއޭއެމްގެ އޮފިޝަލް ފުރައްސާރަ ކުރި ކަމަށް ބުނެ، އެ އަމަލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ކުއްވެރި ކޮށްފައެވެ.

ބަންގުލަދޭޝް އާއި ރާއްޖެ މިރޭ ވާދަކުރަން އޮތް މެޗުގެ ޓިކެޓު ވިއްކަން ފެށުމާއެކު ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ދަނޑަށް ވަނުމަށް އެފްއޭއެމްއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް މާ މަދުން ޓިކެޓު ވިއްކަމުންދާ ކަމަށް ބުނެ ބަންގުލަދޭޝް ސަޕޯޓަރުން ދަނޑު ކައިރީގައި އަޑުގަދަކޮށް، ހަޅޭ ލަވާފައިވެސްވެއެވެ. އެފްއޭއެމްގެ އޮފިޝަލް ނޫސްވެރިޔާގެ ފާސް އަތުލަން އުޅުނުއިރު، ނޫސްވެރިޔާ މަސައްކަތް ކުރީ އެ މަންޒަރުތައް ކަވަރު ކުރުމަށެވެ.

ޓިކެޓު މައްސަލަތަކުގައި ބަންގުލަދޭޝް ސަޕޯޓަރުން ނުރުހުން ފާޅު ކޮށްފައިވާއިރު، ޓިކެޓު ވިއްކުމުގައި ކަންކަން ކޮށްފައި ވަނީ ކުރިންވެސް އޮންނަ އުސޫލަށެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 5000 އެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 200 ޓިކެޓެވެ. އެއީ ސާފްގެ އުސޫލުގައި ބުނާ ގޮތެވެ. އަދި ދުނިޔޭގެ ފުޓުބޯޅަ ހަމައަށް ބަލާއިރުވެސް، އަވޭ ޓީމުތަކަށް އަބަދުވެސް ވިއްކާނީ ހޯމް ޓީމުތަކަށްވުރެ ބޮޑުތަނުން ޓިކެޓު މަދުކޮށެވެ.