ކުޅިވަރު

އިޓަލީގެ ތާރީހީ ރެކޯޑު ނިމުމަކަށް ގެނެސް ސްޕެއިން ފައިނަލަށް

ޔޫރަޕްގެ ދެވަނައަކަށް އެންމެ ޝަރަފުވެރި އިންޓަނޭޝަނަލް މުބާރާތް، ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ސްޕެއިން އިން އިޓަލީ ބަލިކޮށްފިއެވެ.

އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އިޓަލީގެ ސަންސީރޯގައި ރޭ ކުޅުނު މެޗުން އިޓަލީ ބަލިވުމާއެކު، އެޓީމުން ދަމަހައްޓަމުން އައި ބަލި ނުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ރޭގެ މެޗާ ހަމައަށް އައިއިރު، އިޓަލީން ބަލި ނުވެ 37 މެޗު ހަމަކޮށް, ދުނިޔޭގެ ރެކޯޑެއް ގާއިމު ކޮށްފައި ވެއެވެ. ރެކޯޑުގެ ތެރޭގައި އިޓަލީން ޔޫރޯގައި ކުޅުނު މެޗުތައްވެސް ހިމެނެއެވެ. އެންމެފަހުން ކުޅުނު ޔޫރޯ އިޓަލީން ނެގީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ރޭގެ ސެމީ ފައިނަލް މެޗުގެ 17 ވަނަ މިނެޓުގައި ސްޕެއިނުން ލީޑު ނެގިއެވެ. އެޓީމަށް ގޯލު ޖަހައިދިނީ މެންޗެސްޓާ ސިޓީގެ ފޯވަޑު ފެރާން ޓޮރޭސް އެވެ. ޒުވާން ޓީމަކާއެކު ރޭ މެޗަށް ނުކުތް ސްޕެއިންގެ ފުރަތަމަ ގޯލަށް ފުރުސަތު ފަހިކޮށްދިނީ މިކޭލް އޮޔާޒަބާލް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ހަމަލާތައްވެސް ފެނިފައިވެއެވެ. ލޮރެންޒޯ އިންސީނިއާ ޖެހި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު ދިޔައިރު، ފެޑެރީކޯ ބާނަޑޭޝްކީ ޖެހި ބޯޅަ ސްޕެއިނުގެ ކީޕަރު އުނައި ސިމޯން އަތުގައި އަދި ދަނޑީގައި ވެސް ޖެހިފައިވީ ބޭރެވެ.

އިޓަލީން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތަށް ބޮޑު ތަކުލީފަކާ ކުރިމަތިވީ 42 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އިޓަލީގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރޭޒް ވަނީ ސްޕެއިންގެ ދެ ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ އޮޔާޒަބާލް އެވެ.

ރޭގެ މެޗަށް ސްޕެއިނުން ބާސާގެ 17 އަހަރުގެ ތަރި ޕަބްލޯ ގަވީ ނެރެފައިވެއެވެ. އުމުރުން 17 އަހަރާއި 62 ދުވަސް ވެފައިވާ ގަވީއަކީ ރަސްމީ މެޗެއްގައި ކުޅުނު ސްޕެއިންގެ އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

މެޗުގައި އިޓަލީން ޖެހި ގޯލަކީ 83 ވަނަ މިނިޓްގައި ހެދި ކައުންޓާއެއްގައި ޖެހި ގޯލެކެވެ. ފެޑެރީކޯ ޗިއޭސާ ބާރު ދުވެލީގައި ކުރިއަށް ގޮސް ލޮރެންޒޯ ޕެލެގްރީނީ އަށް ދިން ބޯޅަ އޭނާ ގޯލަށް ވައްދާލިއެވެ.

ފައިނަލުގައި ސްޕެއިން ނުކުންނާނީ ބެލްޖިއަމް އާއި ފްރާންސް ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.